11 ކޯޓްރޫމް ހިމެނޭ ކްރިމިނަލް ކޯޓެއް އަޅަން ރައީސް ނިންމައިފި

ހުޅުމާލޭގައި 11 ކޯޓުރޫމް ހިމެނޭ ކްރިމިނަލް ކޯޓެއް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވާނުވާގައި ތިބޭ މީހުންގެ މައްސަލަ ހައްލުކުރުމަށް މި ކޯޓު އެޅުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ރާއްޖޭގައި މިހާރު 300 އަށްވުރެ ގިނަ މީހުން ޝަރީޢަތުގެ މަރުހަލާގައި ބަންދުގައި ތިބިކަމަށާއި، އޭގެ ތެރޭގައި ހައެއްކަ އަހަރުވެފައި ތިބި ފަސްވަރަކަށް މީހުންވެސް ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށް ކޯޓުތަކުން މަސައްކަތްކުރާއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ހުޅުމާލޭގައި ރަނގަޅު ފެންވަރުގެ ކްރިމިނަލް ކޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ކޯޓު ނިމުމުން، ކޯޓަށް ބޭނުންވާ އިދާރީ ސަޕޯޓް މުވައްޒަފުން މަދުވާނަމަ، ކޮންމެހެން ބޭނުންވާ ޢަދަދަށް މުވައްޒަފުން ހޯދައިދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިގޮތުން، އެއްފަހަރާ ގިނަ މައްސަލަތައް ބެލުމުގައި ފަނޑިޔާރުންނަށް ބޭނުންވާ އިދާރީ މުވައްޒަފުންގެ ސަޕޯޓްވެސް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ވާނުވާގައި ތިބޭ މީހުންގެ މައްސަލަ ހައްލުކުރުމަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަޢާރަފުކުރުމާއި، ކުދިކުދި ކުށްތަކުގެ މައްސަލަތައް އަނބުރާ ގެނައުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *