ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް
ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގައި މަލްޓި-ޕާޓީ ޑިމޮކްރަސީއެއް ނުވަތަ ގިނަ ޕާޓީތައް ހިމެނޭ ވެރިކަމުގެ ނިޒާމެއް ތައާރަފުވެގެން 2008 ވަނަ އަހަރުއެވެ. އެއާއެކު 'ޕާޓީ ވެރިކަން' މި މަފްހޫމަކީ ދިވެހިންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ މައުލޫއެކެވެ. ވެރިކަން ކުރާ ޕާޓީއާއި ސަރުކާރާ ދެމެދު އޮންނަންޖެހޭ ގުޅުމާއި، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ޕާޓީގެ ފަލްސަފާ ހިފަހައްޓާނެ ގޮތްތަކަކީ މީގެ ކުރިން ސާފު އޮނިގަނޑެއްގެ ތެރެއިން ފެނިފައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުން މިވަނީ ޕާޓީ ވެރިކަމެއްގެ މުޅިން އާ އަދި ސާފު މަންޒަރެއް ކުރެހެމުންނެވެ.
ސިޔާސީ އިލްމުގެ ނަޒަރަކުން ބަލާއިރު، ހަރުދަނާ ދައުލަތެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ސިޔާސީ ހަމަޖެހުމާއި މުއައްސަސާތަކުގެ މިނިވަންކަމެވެ. ރާއްޖޭގެ ސިޔާސީ ނިޒާމަށް އަންނަމުންދާ ބަދަލުތަކަކީ ހަމައެކަނި ވެރިކަމުގެ ބާރުތައް ބަދަލުވުމެއް ނޫނެވެ. އެއީ ދައުލަތް ހިންގުމުގެ ވައްޓަފާޅިއަށާއި، ރައްޔިތުންނާ ސަރުކާރާ ދެމެދު އޮންނަ ގުޅުމަށް އަންނަ އިންގިލާބީ ބަދަލެކެވެ. ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ޕާޓީއަކީ ހަމައެކަނި އިންތިހާބާ ދިމާކޮށް ހަރަކާތްތެރިވާ ބައެއްގެ ބަދަލުގައި، ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލާ މައި ހަބަކަށް ހެއްދެވުމެވެ.
ޕާޓީ ވެރިކަމުގެ ބެސްޓް ޕްރެކްޓިސް
އިލްމީ ގޮތުން ބަލާއިރު، ހަރުދަނާ ޕާޓީ ވެރިކަމެއްގެ އެންމެ ބޮޑު ބަހާއަކީ ސަރުކާރާއި ވެރިކަން ކުރާ ޕާޓީއާ ދެމެދު އޮންނަ މުއައްސަސާވީ ގުޅުމެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި، ޕާޓީއަކީ ހަމައެކަނި އިންތިހާބު ކާމިޔާބު ކުރާ މެޝިނެއް ނޫނެވެ. އެއީ ސިޔާސަތުތައް ދިރާސާކޮށް، ރައްޔިތުންގެ ވިންދު ސަރުކާރާ ހަމައަށް ފޯރުކޮށްދޭ ދިރުމެއް ހުރި މުއައްސަސާއެކެވެ. ޔޫރަޕާއި ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ބޮޑެތި ޑިމޮކްރަސީތަކުގައި ވެރިކަން ކުރާ ޕާޓީގެ ސެކްރެޓޭރިއަޓަކީ ސަރުކާރުގެ ކެބިނެޓާ އެއްވަރަށް ސިޔާސަތު ދިރާސާކުރާ ތަނެކެވެ. ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަކީ ޕާޓީގެ މެނިފެސްޓޯގައިވާ ކަންކަން ސަރުކާރުގެ ރަސްމީ އެކްޝަން ޕްލޭންއަށް ބަދަލުކޮށް، އެ ކަންކަން ހިނގާ ނުހިނގާ ގޮތް ޕާޓީގެ ފަރާތުން މޮނިޓަރ ކުރުމެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ރާއްޖެއަށް ތައާރަފްކުރައްވަން މަސައްކަތް ކުރައްވާ މޮޑެލްއެވެ.
މި މޮޑެލްގެ ސަބަބުން ސަރުކާރުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވަގުތުން ވަގުތަށް ފުއްދުމަށް މަގުފަހިވެއެވެ. ބައިނަލްއަގުވާމީ ގޮތުން ބަލާއިރު، 'ޕާޓީ އިންސްޓިޓިއުޝަނަލައިޒޭޝަން' ނުވަތަ ޕާޓީ މުއައްސަސާއަކަށް ހެދުމުގެ ސިޔާސަތަކީ ސިޔާސީ ނިޒާމުތައް ހަމަޖެހުމުގެ އަސްލެވެ. ޕާޓީއަކީ ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއްގެ ބަދަލުގައި، އުސޫލުތަކާއި ހަރުދަނާ އޮނިގަނޑުތަކެއްގެ މައްޗަށް ބިނާވާ އެއްޗަކަށް ހެދުމުން ޒަމާނާ އެކު ފަނޑުވެގެން ނުގޮސް ގައުމީ ވިސްނުމެއްގައި ދެމިއޮވެއެވެ. ރާއްޖޭގައި މީގެ ކުރިން ފެނިފައިވަނީ ވެރިކަން ލިބުމާއެކު ޕާޓީގެ ދައުރު ނެތިގެންދާ މަންޒަރު ނަމަވެސް، މިހާރު މި ފެންނަނީ ޕާޓީގެ އިލްމީ އަދި ފަންނީ ގާބިލުކަން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ކުރަމުންދާ މަންޒަރެވެ.
ޒަމާނީ ސިޔާސީ ނިޒާމުތަކުގައި ޕާޓީ ވެރިކަމެއްގެ ސާފު މަންޒަރު ފުރިހަމަވެގެންދަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ޕާޓީގެ ވެސް އެންމެ މަތީ ލީޑަރު ކަމުގައި ވެގެންނެވެ. ވެރިކަން ކުރާ ޕީޕަލް ނެޝަނަލް ކޮލްގްރެސް (ޕީއެންސީ) ގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެވެ. މިއީ، ސަރުކާރުގެ ހިންގުމާއި ޕީއެންސީގެ ތަސައްވުރު އެއް މިސްރާބަކަށް ގެންދިއުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. މީގެ ސަބަބުން ސަރުކާރުގެ ކެބިނެޓުން ނިންމާ ނިންމުންތަކާއި ޕާޓީގެ މެންބަރުންގެ މަޖިލީހުން ނިންމާ ނިންމުންތަކުގެ މެދުގައި ފުށުއެރުމެއް ނެތި، ސިޔާސީ ހަމަޖެހުން ހިފެހެއްޓުމަށް މަގުފަހިވެއެވެ. އިލްމީ ނަޒަރަކުން ބަލާއިރު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ޕާޓީގެ އާންމު މެންބަރުންގެ އަޑު ސީދާ ސަރުކާރުގެ އެންމެ މަތީ ފަންތިއާ ހަމައަށް ފޯރުކޮށްދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ ތަސައްވުރުތައް ގައުމީ ސިޔާސަތުތަކަށް ބަދަލުކޮށް ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ހޯދައިދިނުމުގެ ފުރިހަމަ އިހުތިޔާރު ރައީސް މުއިއްޒަށް ލިބިގެންދެއެވެ.
އިސްލާމީ ޝޫރާގެ އުސޫލާއި ޕާޓީ ވެރިކަން
ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގެ އަސާސްތައް ބިނާވާންޖެހޭނީ އިސްލާމީ ވެރިކަމުގެ އުސޫލުތަކުގެ މައްޗަށެވެ. އިސްލާމްދީނުގައި ވެރިކަން ހިންގުމުގެ އެންމެ މުހިންމު އެއް ތަނބަކީ 'ޝޫރާ' ނުވަތަ މަޝްވަރާއެވެ. ކީރިތި ޤުރުއާނުގައި ﷲ ތައާލާ ވަނީ މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން އެބައިމީހުންގެ ކަންތައްތައް އެބައިމީހުންގެ މެދުގައި މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ނިންމާ ބައެއްކަން ބަޔާޏްކުރައްވާފައެވެ. ރައީސް މުއިއްޒުގެ ސިޔާސީ ފަލްސަފާއިން ފެންނަނީ މި އިސްލާމީ ޝޫރާގެ ރޫހެވެ. ޕާޓީ ވެރިކަމެއްގެ ތެރެއިން ގައުމީ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންނާ މަޝްވަރާކުރުމަށް ރައީސް ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކާއި، ކައުންސިލްތަކާ ބައްދަލުކުރެއްވުމަކީ ޝޫރާގެ އުސޫލު އަމަލީގޮތުން ހިންގުމެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ޕާޓީ މެންބަރުންގެ މަޖިލީހާއި، ކައުންސިލްތަކުގެ ލަފާ ހޯދުމަކީ ވަކި ފަރުދެއްގެ މުތުލަގު ބާރުގެ ބަދަލުގައި، ޖަމާއީ މަޝްވަރާއަށް ރައީސް މުއިއްޒުފުރުސަތު ފަހިކޮށް ދެއްވާކަމުގެ އަލިގަދަ ހެއްކެކެވެ.
އިސްލާމީ ތާރީހަށް ބަލާއިރު، ހުލަފާއުއްރާޝިދޫންގެ ވެރިކަމުގައި ގައުމީ ބޮޑެތި ކަންކަން ނިންމެވީ 'އަހުލުލްހައްލި ވަލްއަގްދި' ނުވަތަ އިލްމުވެރިންނާއި ހިކުމަތްތެރިންގެ މަޖިލީހެއްގެ މެދުގައި ބަހުސްކޮށް މަޝްވަރާކުރެއްވުމަށްފަހުއެވެ. މިއަދުގެ ޒަމާނީ ސިޔާސީ ނިޒާމުގައި މި ދައުރު އެންމެ ފުރިހަމައަށް އަދާކުރެވެނީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ގުނަވަންތަކުގެ ތެރެއިންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އިސްލާމީ މި އަސާސްތައް ދަމަހައްޓަވަނީ، ސިޔާސީ ނިންމުންތަކަކީ ހަމައެކަނި ސަރުކާރުގެ މަތީ ފަންތީގެ ބައެއްގެ މެދުގައި ނިންމާ ނިންމުންތަކަކަށް ހައްދަވައިގެނެއް ނޫނެވެ. އަދި ކިއެއްތަ؟ ޕާޓީގެ އާންމު މެންބަރުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބައިވެރިވުން އޭގައި ހިމަނުއްވައިގެންނެވެ. މިއީ ވެރިކަމުގެ ނިޒާމަށް ރައްޔިތުންގެ އޮންނަ އިތުބާރު ބޮޑުވެ، އިސްލާމީ ހަމަތަކުގެ މަތިން ގައުމު ހިންގުމަށް ލިބޭ ބޮޑު ބާރެކެވެ.
އިސްލާމީ ވެރިކަމުގެ ނިޒާމުގައި ބާރާއި މަގާމަކީ އަމާނާތެކެވެ. ރަސޫލާ ﷺ ހަދީސް ކުރައްވާފައިވެއެވެ. 'كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ' މި ހަދީސްގެ މަފުހޫމަކީ، ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް ބަލަހައްޓާ މީހެކެވެ. އަދި އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާމެދު ސުވާލުވެވޭނެއެވެ. މި މަފުހޫމުގެ ދަށުން، ޕާޓީ ވެރިކަމެއްގެ ތެރެއިން ސަރުކާރު ހިންގާއިރު، ރައްޔިތުންގެ މާލިއްޔަތާއި ގައުމީ ވަސީލަތްތައް ރައްކާތެރިކުރުމަކީ ދީނީ ގޮތުންވެސް ސަރުކާރުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ރައީސް މުއިއްޒުގެ ސިޔާސަތުތަކުން ފެންނަނީ، ވެރިކަމުގެ ބާރުތަކަކީ އަމިއްލަ އެދުމަށް ބޭނުންކުރާ އެއްޗެއް ނޫންކަމެވެ. ރައްޔިތުންގެ އަމާނާތެއްގެ ގޮތުގައެވެ. އެހެންކަމުން، ދެފުށް ފެންނަ އަދި ޖަވާބުދާރީވަނިވި ގޮތެއްގައި ކަންކަން ނިންމެވުމުގެ މަތިވެރި އިސްލާމީ ރިވެތި އުސޫލަކީ ރައީސް މުއިއްޒުގެ އައްޑަނައެވެ.
ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތު
ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު، މިއީ ތާރީހީ ހެޔޮ ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެކެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ފެނިގެންދިޔައީ ކޯލިޝަން ވެރިކަންތަކުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ހަލަބޮލިކަން އުފެދޭ މަންޒަރެވެ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ހުރަސްތައް ކުރިމަތިވީ މަންޒަރެވެ. މިއަދުގެ ހާލަތު މުޅިން ތަފާތެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ނުފެންނަ ފަދަ ބޮޑު އަގުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނުވަތަ ސާފު އަގުލަބިއްޔަތު ހޯދާފައެވެ. މި ސުޕަ މެޖޯރިޓީގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ދުވެލި ހަލުވިވެ، ސިޔާސީ ހަމަޖެހުން ވަނީ ގާއިމުވެފައެވެ.
މި ހާލަތަކީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި ބަދަލުތައް ގެނައުމަށް ރައީސް މުއިއްޒަށް ލިބިވަޑައިގެންފައިވާ ރަނުގެ ފުރުސަތެކެވެ. މީގެ ކުރިން މަޖިލީހާއި ސަރުކާރާ ދެމެދު އުފެދޭ ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން ގައުމީ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ފަހަރު ވަނީ ލޮޅުން އަރާފައެވެ. އަދި ދައުލަތް ހިންގުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވަމުން ދިޔައެވެ. މިހާރު އޮތް ސިޔާސީ އެއްބަސްވުމާއި ހަމަޖެހުމަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގާއިމުވުމަށާއި، ގައުމުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމަށް ލިބުނު ބޮޑު ބާރެކެވެ. ރައީސް މުއިއްޒުގެ ސިޔާސީ ހިކުމަތްތެރިކަމުން މި ހަމަޖެހުން ބޭނުންކުރައްވަނީ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށެވެ. ގައުމުގެ މިސްރާބު ރަނގަޅު މިސްރާބަކަށް ގެންދިއުމަށެވެ.
އިސްލާމީ އިޖުތިމާއީ އަދާލަތުގެ މައްޗަށް ބަލާއިރު، ސިޔާސީ ހަމަޖެހުމަކީ މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުވުމުގެ އަސްލެވެ. ކީރިތި ޤުރުއާނުގައި ވަނީ ބައިބައިވުމާއި ފިތުނަވެރިކަމުން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހުން ފެންނަ ހަމަޖެހުމަކީ، އިސްލާމްދީން ބާރުއަޅާ އެއްބައިވަންތަކަމުގެ ރޫހާ ގުޅިފައިވާ ކަމެކެވެ. ސަރުކާރުން މި ބާރުގެ ބޭނުން ހިފައިގެން މުޖުތަމައުގައި އަދުލުއިންސާފު ގާއިމުކުރުމާއި، ފަގީރުންނާއި ނިކަމެތިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތްތަކީ އިސްލާމީ ދައުލަތެއްގެ ހަގީގީ ސިފަތަކެވެ.
ރައީސް މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތު
ރައީސް މުއިއްޒުގެ ސިޔާސީ ދުރުވިސްނުންފުޅު ބިނާވަނީ 'ދިވެހީންގެ ރާއްޖެ' މި މައިގަނޑު ޝިއާރުގެ މައްޗަށެވެ. ރައީސް މުއިއްޒުގެ ސިޔާސަތުގެ ތެރެއިން ޕާޓީ ވެރިކަމެއްގެ ސާފު މަންޒަރު ކުރެހެނީ ގައުމު ވެއްޓިފައި އޮތް އިގްތިސާދީ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި، ހިތްވަރުގަދަ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާތީއެވެ. މީގެ ތެރޭގައި ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރާނެ އާ ވަސީލަތްތައް ހޯދުން ހިމެނެއެވެ. ހާރިޖީ ސިޔާސަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިސްކަންދީ، 'މޯލްޑިވްސް ފަސްޓް' ސިޔާސަތު ހަރުދަނާކަމާއެކު ތަންފީޒު ކުރައްވަމުން ދާތީއެވެ. އަދި ޕީއެންސީގެ ހިންގުމުގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް ސިޔާސީ މައިދާނުގެ ކުރީ ސަފުން ފުރުސަތު ހޯދައިދިނުމަކީ ރައީސް މުއިއްޒުގެ ހާއްސަ ސިޔާސަތެކެވެ.
ރައީސް މުއިއްޒުގެ މި ދުރުވިސްނުންފުޅަކީ ގައުމުގެ މުސްތަގުބަލު ސައްތައިން ސައްތަ ދިވެހިންގެ އަތްމައްޗަށް އަނބުރާ ގެނައުމުގެ ގައުމީ ޖިހާދެކެވެ. އިގުތިސޯދީ މިނިވަންކަން ނެތި ސިޔާސީ މިނިވަންކަން ނުދެމެހެއްޓޭނެކަން ރައީސް މުއިއްޒު ދެނެވަޑައިގަންނަވައެވެ. ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްޕުޅަކީ އޭގެ ހެކިތަކެވެ. މި ހުރިހާ ސިޔާސަތުތަކެއް ކާމިޔާބުކަމާއެކު ކުރިއަށްދަނީ ޕީއެންސީގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސަރުކާރަށް އޮތުމުންނެވެ. ސިޔާސަތުތައް އެކުލަވާލުމުގައި ދުރު ރާސްތާގެ ތަސައްވުރެއް ގެންގުޅުއްވުމަކީ، ވަގުތީ ފައިދާއަށްވުރެ ބޮޑަށް އަންނާން އޮތް ޖީލުތަކުގެ ސަލާމަތާއި ފާގަތިކަމަށް އިސްކަންދޭ ވެރިކަމެއްގެ އެންމެ މުހިންމު ސިފައެވެ.
އިދިކޮޅު ޕާޓީތަކުގެ ދައުރު ފަނޑުވުން
މިހާރުގެ ސިޔާސީ މަޝްރަހުން ފެންނަ އެންމެ ބޮޑު އެއް ހަގީގަތަކީ އިދިކޮޅު ޕާޓީތަކުގެ ދައުރު ވަރަށް ބޮޑަށް ފަނޑުވެ، ބަލިކަށިވެފައި އޮތް އޮތުމެވެ. ހަގީގަތަށް ދަންނަވާނަމަ ބައެއް ފަހަރަށް އިދިކޮޅު ޕާޓީއެއް އެބައޮތްބާވައޭވެސް ހިތަށް އަރައެވެ. މީގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ނުރުހުމެވެ. ވައުދުތައް ނުފުއްދުމުގެ ނަތީޖާއެވެ. އެގޮތުން ޕީއެންސީއާއި ވާދަވެރި ސިޔާސީ ޕާޓީތަކަށް އޮތް ތާއީދު ވަރަށް ބޮޑުތަނުން ދަށްވެގެން ގޮސްފައެވެ. މީގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ ތެރޭގައި އުފެދިފައިވާ ލީޑަރޝިޕްގެ މައްސަލަތަކާއި ބައިބައިވުންތަކުގެ ސަބަބުން، ސަރުކާރު ޒިންމާދާރުކުރުވާނެ ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ހިނގުމުގައި ވަނީ ފޭލިވެ، ނުކުޅެދިފައެވެ. އަދި ރައީސް މުއިއްޒުގެ ބޭނުންތައް ދެނެގަންނަވަމުންނެވެ. އަދި ރައްޔިތުންގެ ބޭނުންތައް ހައްލުކުރެއްވުމުގައި ހަލުވިކަމާއެކު ފިޔަވަޅުތައް އަޅުއްވަމުންނެވެ. އޭގެ ސަބަބުން، އިދިކޮޅު ފަރާތްތަކަށް ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ދައްކާނެ ބާރުގަދަ ހުއްޖިއްޔަތެއް ނެތެވެ.
އިލްމީ އަދި ސިޔާސީ ނަޒަރަކުން ބަލާއިރު، އިދިކޮޅު ދައުރު ފަނޑުވުން ވެރިކަން ކުރާ ޕާޓީގެ ޒިންމާ ދެގުނަވެއެވެ. ސަރުކާރު ހަމަމަގުން ހިންގުމުގެ މޮނިޓަރިންގ ދައުރު ދެން އަދާކުރަންޖެހޭނީ ވެރިކަން ކުރާ ޕާޓީގެ އެތެރޭގެ ނިޒާމުގެ ތެރެއިންނެވެ. އިދިކޮޅު ހަރަކާތްތަކެއް ނެތުމަކީ ސަރުކާރުން މަސައްކަތްތައް ދޫކޮށްލަންވީ ސަބަބެއް ނޫނެވެ، ބައެއް ފަހަރު އިދިކޮޅު ފަރާތްތަކުން ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި ކުރާ ފާޑުކިޔުންތަކުގެ ބަދަލުގައި، ވެރިކަން ކުރާ ޕާޓީގެ ތެރެއިން އަންނަ ބިނާކުރަނިވި ލަފާތަކަކީ ސަރުކާރުގެ މިސްރާބު ސީދާކޮށް ބެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. މި ހާލަތުގައި ރައްޔިތުންގެ ހަގީގީ ދިފާއީ ބާރަކީ ޕީއެންސީގެ އެތެރޭގެ ހަރުދަނާ އުސޫލުތަކެވެ.
މިއަދު ފަށާ ޕީއެންސީ ކޮންގްރެސް އަކީ މުހިންމު ކޮންގްރެސްއެއް
މިއަދު ފަށާ، ކުރިއަށް އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް 'ޕާޓީ' ގެ ކޮންގްރެސްއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ރައީސް މުއިއްޒު ކުރައްސަވަމުން ގެންދަވާ ޕާޓީ ވެރިކަމުގެ ސާފު މަންޒަރުގެ އެންމެ މުހިންމު ފިޔަވަޅެވެ. މި ކޮންގްރެސްގެ މައިގަނޑު އަމާޒަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް، އެކި ގޮފިތަކާއި ދާއިރާތަކުގެ މަގާމުތަކަށް މެންބަރުން އިންތިހުބުކުރުމެވެ. ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމެވެ. މިހާރުވެސް 78,000 އަށްވުރެ ގިނަ މެންބަރުންނާއެކު ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތީ ޕީއެންސީ އެވެ. މި ކޮންގްރެސްއިން ޒުވާނުންނާއި އަންހެނުންގެ ދައުރު ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފައްތާނެއެވެ. މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި، ލޯކ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި،ކައުލް ކައުންސިލް އިންތިހާބުތަކަށް ޕާޓީގެ އޮނިގަނޑު ތައްޔާރުކޮށް، ސަރުކާރަށް ބޭނުންވާ ސިޔާސީ ބާރު ކަށަވަރުކޮށްދޭނެ މައިގަނޑު ވަސީލަތެވެ.
މި ކޮންގްރެސް އަމާޒަކީ އިޖުރާއާތު ފުރިހަމަކޮށްލުމަށް ހަމައެކަނި ޖަލްސާއެއް ނޫނެވެ، މިއީ ރައީސް މުއއްޒުގެ ތަސައްވުރާ އެއްގޮތަށް އަދި ދުނިޔޭގެ ބެސްޓް ޕްރެކްޓިހާ އެއްގޮތަށް އަދި އިސްލާމީ ޝޫރާގެ މަތިވެރި އުސޫލުތަކުގެ މަތީގައި ޕީއެންސީ ވަރުގަދަ މުއައްސަސާއަކަށް ބަދަލުކޮށްލާނެ ތާރީހީ މައިދާނެކެވެ. މީގެ އިތުރުން، މި ކޮންގްރެސްއިން ނިންމާ ނިންމުންތަކަކީ ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ އަދި އިގުތިސޯދީ މުސްތަގުބަލު ބައްޓަންވެގެންދާނެ ގޮތުގެ މަގު ޗާޓުކަމުގައި ވެގެން ދާނެއެވެ. ޕީއެންސީގެ އެތެރޭގެ ހިންގުން ހަރުދަނާވުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެކަމެކެވެ. އަދި ދައުލަތް ހިންގުމުގައި ރައްޔިތުންގެ އަޑު ދެމެހެއްޓެނިވި ގޮތެއްގައި އިއްވުމަށް އޮތް އެންމެ ރިވެތި މަގެވެ.
އިސްލާމީ ޖަމާއީ ހަޔާތުގެ ތެރެއިން ބަލާއިރު، ޕާޓީގެ ކޮންގްރެސްއަކީ 'އިޖްތިމާއު' ނުވަތަ އެއްބަސްވުމުގެ މުހިންމު ސިފައެކެވެ. މުސްލިމުން އެއް މަގުސަދެއްގައި، ގައުމީ އަދި ދީނީ ހަމަތަކެއްގެ މަތިން އެއްވެ، މަޝްވަރާކޮށް ކަންކަން ނިންމުމަކީ ބަރަކާތް ލައްވާނެ ކަމެކެވެ. ޕީއެންސީގެ ކޮންގްރެސްއިން ނިންމާ ނިންމުންތަކުގައި އިސްލާމީ އަހްލާގާއި، އަމާނާތްތެރިކަމާއި، ގައުމީ ލޯބި އިސްކުރުމަކީ ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ ހައްސަ ތަސައްވުރެވެ. މި އެއްވުމުގެ ތެރެއިން ނުކުންނަ ލީޑަރުންނަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތިވެރި ނިޔަތް އޮތް، އިސްލާމީ ހަމަތަކަށް ގަދަރެއްކުރާ ބަޔަކަށް ހެދުމަކީ، ޕީއެންސީގެ ވެރިކަމުގެ ސާފު މަންޒަރު ފުރިހަމަވެގެންދާނެ އެންމެ މުހިންމު ޖައުހަރެވެ.
ޕާޓީގެ އެތެރޭގެ ހިންގުމާއި ގާބިލުކަމަށް އިސްކަންދިނުން
ޒަމާނީ ސިޔާސީ އިލްމުގެ ހޯދުންތަކުން ދައްކާގޮތުގައި، ޕާޓީ ވެރިކަމެއް ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ ޕާޓީގެ އެތެރޭގެ މަގާމުތަކާއި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި 'މެރިޓޮކްރަސީ' ނުވަތަ އިލްމީ އަދި ފަންނީ ގާބިލުކަމަށް އިސްކަންދިނުމެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ފެނިފައިވަނީ ހަމައެކަނި ޕާޓީއަށް ކޮށްދިން ހިދުމަތަށް ބަލައި، ގާބިލުކަމެއް ނެތް ފަރާތްތަކަށް ބޮޑެތި މަގާމުތައް ދިނުމުގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމު ބަލިކަށިވެގެންދިޔަ މަންޒަރެވެ. ރައީސް މުއިއްޒުގެ ސިޔާސީ ވައްޓަފާޅިން ފެންނަނީ މި ކަމަށް ގެންނަވަމުންދާ ހެޔޮ ބަދަލެވެ. ސަރުކާރުގެ މުހިންމު ވުޒާރާތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް، އެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާނުންނާއި ތަޖުރިބާކާރުން އައްޔަންކުރެއްވުމަކީ، ޕީއެންސީގެ ސިޔާސަތުތައް ނަތީޖާއާ ހަމައަށް ގެންގޮސްދޭ މައިގަނޑު އެއް ސަބަބެވެ.
ޕަބްލިކް ޕޮލިސީ އާއި ޕާޓީގެ ރިސަޗުގެ ދައުރު
ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ވެރިކަން ކުރާ ޕާޓީތަކަކީ 'ތިންކް ޓޭންކް' (Think Tank) ނުވަތަ ސިޔާސަތުތައް ދިރާސާކުރާ އިލްމީ މަރުކަޒުތަކެކެވެ. ސަރުކާރުން ގައުމީ ފެންވަރުގައި ނިންމާ ބޮޑެތި ނިންމުންތަކާއި، މަޖިލީހަށް ހުށަހަޅާ ގާނޫނުތަކަކީ ޕާޓީގެ ތެރޭގައި ތިބޭ އިލްމީ ފަރާތްތަކުން ދިރާސާކޮށް، އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށްފަހު އެކުލަވާލެވޭ ކަންކަމެވެ. ރައީސް މުއިއްޒު ކުރައްސަވައިދެއްވާ ސާފު މަންޒަރުގެ ތެރޭގައި ޕީއެންސީ ބަދަލުވެގެންދާނީ ހަމައެކަނި ސިޔާސީ ޕްލެޓްފޯމަކަށް ނޫނެވެ. އެއީ ގައުމުގެ 'ޕަބްލިކް ޕޮލިސީ' ނުވަތަ އާންމު ސިޔާސަތުތައް އިލްމީ ހަމަތަކުގެ މަތިން ބައްޓަންކުރާ މުއައްސަސާއަކަށެވެ.
މިފަދަ އިލްމީ ދިރާސާތަކެއްގެ މަތިން ސަރުކާރުގެ ސިޔާސަތުތައް ކުރިއަށްގެންދިއުމަކީ، އިގުތިސޯދީ ގޮންޖެހުންތަކުން އަވަހަށް ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، ސަބްސިޑީގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް މުއިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކަކީ، ޕާޓީގެ ފަންނީ ބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން ހަދާފައިވާ ދިރާސާތަކުގެ ނަތީޖާއެވެ. މިއީ ސިޔާސީ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ރައްޔިތުންނަށް ވިސްނައިދީ، ގައުމީ ރޫހެއް އުފެއްދުމުގައި ޕީއެންސީގެ އާންމު މެންބަރުންނަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވޭނެއެވެ. މީގެ ސަބަބުން ސަރުކާރުގެ ނިންމުންތަކަކީ ހަމައެކަނި ވަގުތީ ނިންމުންތަކަކަށް ނުވެ، ގައުމުގެ ދުރު ރާސްތާގެ ކުރިއެރުމަށް މަގުފަހިވާ އޮނިގަނޑަކަށް ވެގެންދެއެވެ.
ނިންމުން
ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް މިއަދު އަންނަމުންދާ ބަދަލުތަކަކީ ގައުމުގެ ކުރިމަގު އާ މިސްރާބަކަށް ބައްޓަންކުރާ އިންގިލާބީ ފިޔަވަޅުތަކެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، ޕާޓީ ވެރިކަމެއްގެ ސާފު މަންޒަރު ކުރެހެމުންދަނީ ހަމައެކަނި ސިޔާސީ ބާރުވެރިކަން ހޯދުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިމޮކްރެޓިކް އުސޫލުތަކާއި، އިސްލާމްދީނުގެ މަތިވެރި ޝޫރާގެ އަސާސްތައް އެއްކޮށެވެ. ދިވެހިރާއްޖޭގެ ހާލަތަށް އެންމެ ފެތޭނެ މުއައްސަސާވީ ނިޒާމެއް ބިނާކުރުމުގެ މައްޗަށެވެ. މިއީ ސަރުކާރާއި ވެރިކަން ކުރާ ޕީއެންސީއާ ދެމެދު އޮތް ގުޅުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ގައުމުގެ ސިޔާދަތާއި އިގުތިސޯދީ މިނިވަންކަން ކަށަވަރުކޮށްދޭ ދެމެހެއްޓެނިވި މޮޑެލްއެކެވެ.
ކުރިއަށް މިދާ ޕީއެންސީގެ ބޮޑު ކޮންގްރެސްއަކީ މި ބިނާކުރާ ސިޔާސީ އޮނިގަނޑުގެ ބަދަހި ބިންގަލެވެ. އިދިކޮޅު ފަރާތްތަކުގެ ދައުރު ފަނޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ސަރުކާރު ޖަވާބުދާރީކުރުވުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ވެސް މި ކޮންގްރެސްއިން ބައްޓަންވެގެން ނުކުންނާނެ ޕީއެންސީގެ އާ ގުނަވަންތަކުގެ މަތީގައެވެ. ރައީސް މުއިއްޒުގެ ހިކުމަތްތެރި ލީޑަޝިޕްގެ ދަށުން ދިވެހިރާއްޖެ މިއަދު މިސްރާބު ޖަހާފައިވަނީ ހަމައެކަނި ވަގުތީ ސިޔާސީ ކާމިޔާބީތަކަކަށް ނޫނެވެ، އެއީ އަންނާން އޮތް ޖީލުތަކުގެ ސަލާމަތާއި، ފުދުންތެރިކަމާއި، އިސްލާމީ އަސާސްތަކުގެ މަތީގައިވާ 'ދިވެހީންގެ ރާއްޖެ' ފުރިހަމައަށް ހާސިލުކުރުމަށެވެ. އެހެންކަމުން، މިއަދު މި ކުރެހޭ ސާފު މަންޒަރަކީ ދިވެހި އުންމަތަށް ބާއްޖަވެރި އަދި އުންމީދީ މުސްތަގުބަލެއް ކަށަވަރުކޮށްދޭނެ ތާރީހި ފެށުމެކެވެ.


