ޖީއެމްއާރަށް އެއާޕޯޓު ދިނުމާއި، އީގަލް ހިލްސް މަޝްރޫއު: އިގުތިސޯދީ އަދި އިލްމީ އަޅާކިޔުން

ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް

ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ ތާރީހުގައި ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް (FDI) ދޮރު ހުޅުވާލުމަކީ އަބަދުވެސް ސިޔާސީ އަދި އިގުތިސޯދީ ގޮތުން ބޮޑެތި ބަހުސްތަކެއް އުފެދޭ ކަމެކެވެ. މީގެ ތެރެއިންވެސް، ރާއްޖޭގެ މައި ދޮރާށި ނުވަތަ އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުގެ މަޝްރޫއާއި، ރަސްމާލޭގައި މެރީނާއަކާއި، ރިއަލްއިސްޓޭޓް މަޝްރޫއެއް 'މޯލްދިޑްސް ވޯޓާފްރަންޓް އެންޑް މެރީނާ' ނަމުގައި ތަރައްގީކޮށް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމުގެ މަޝްރޫއަކީ އޭގެ ޒާތުގައި ވަރަށް ތަފާތު ދެ އަގުދެއް ނުވަތަ މަޝްރޫއެކެވެ. ޖީއެމްއާރަށް އެއާޕޯޓް ދިންއިރުވެސް، އެއާޕޯޓަކީ ދައުލަތަށް ނަފާލިބެމުންދިޔަ ވަސީލަތެކެވެ. ރަސްމާލޭގައި އީގަލް ހިލްސްއިން ކުރާ އިންވެސްޓްމަންޓަކީ ހުސްބިމެއްގައި ސުމަކުން ފަށާ ޝަހަރެއް ބިނާކުރުމުގެ މަޝްރޫއުކެވެ. އެހެންކަމުން، މި ދެ މަޝްރޫއުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށާއި، ގައުމީ ސަލާމަތަށާއި، ދިވެހި ވިޔަފާރިތަކާއި ވަޒީފާގެ ބާޒާރަށް ކުރި އަދި ކުރާނެ އަސަރުތައް އިލްމީ ނަޒަރަކުން ދެނެގަތުމަކީ، ގައުމީ ތަރައްގީގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ފިލާވަޅެކެވެ.

 

ސްޓްރެޓީޖިކް އެސެޓް މެނޭޖްމަންޓް
އިލްމީ ގޮތުން ބަލާއިރު ޖީއެމްއާރާ ސަރުކާރުން ހަވާލުކުރި އެއާޕޯޓަކީ އޭރުވެސް ދައުލަތަށް ނަފާލިބެމުންދިޔަ އިގުތިސޯދީ މައި ބަދައެވެ. އެހެންކަމުން އެއާޕޯޓް ކުއްޔަށް ދިނުން ވެގެން ދިޔައީ ބްރައުންފީލްޑް (Brownfield) އެސެޓެއް ޕްރައިވެޓައިޒް ކުރިކުރުމަކަށެވެ. މިއާ ހިލާފަށް އީގަލް ހިލްސްއާ ހަވާލުކުރި ރަސްމާލެ މަޝްރޫއަކީ މުޅިން އަލަށް ސުމަކުން ފަށާ ގްރީންފީލްޑް (Greenfield) މަޝްރޫއެކެވެ. އެހެންކަމުން، ޖީއެމްއާރު މަޝްރޫއުގައި ދައުލަތަށް ލިބެމުންދިޔަ ސީދާ އާމްދަނީއެއް ދޫކޮށްލަން ޖެހުނެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއަކީ މުޅިން އިގުތިސޯދީ އާ ފުރުސަތުތަކާއި، ވަސީލަތްތައް ގާއިމުވެ، ތަރައްގީވެގެންދާނެ މަޝްރޫއެކެވެ.

ރިސްކު އެލޮކޭޝަން ނުވަތަ ނުރައްކާ ބެހިގެންވުން
ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް (PPP) ގެ ތިއަރީއަށް ބަލާއިރު، މި ދެ މަޝްރޫއުގައި ނުރައްކާ ނުވަތަ ރިސްކު ތަހއްމަލުކުރަންޖެހޭ މިންވަރު ވަރަށް ތަފާތެވެ. ޖީއެމްއާރު އެއްބަސްވުމުގައި އެއާޕޯޓްގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މާލީ ނުރައްކާ އޮތީ އިންވެސްޓަރުގެ އަތުގައެވެ. ނަމަވެސް، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (ADC) ނުނެގޭގޮތް ވުމުން އުފެދުނު ސިޔާސީ އަދި ގާނޫނީ ބޮޑު ރިސްކު އުފުލަންޖެހުނީ ދައުލަތަށެވެ. އެއާހިލާފަށް، ރަސްމާލޭގައި ތަރައްގީކުރާ ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ މާކެޓް ރިސްކު ނުވަތަ ތަންތަން ނުވިކުން ނުވަތަ އިމާރާތްކުރުމުގެ މާލީ ބުރަ އޮތީ އީގަލް ހިލްސް ނުވަތަ ޑިވެލޮޕަރަށެވެ.

 

ގައުމީ ސަލާމަތާއި ސިޔާދަތު
ބައިނަލްއަގުވާމީ ގުޅުންތަކާއި ޖިއޯޕޮލިޓިކްސްގެ ނަޒަރަކުން ބަލާއިރު، ގައުމެއްގެ މައި ބޯޑަރު ނުވަތަ އެއާޕޯޓް ފަދަ 'ކްރިޓިކަލް އިންފްރާސްޓްރަކްޗާ' ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ސިޔާދަތީ ގޮތުން ނާޒުކު ކަމެކެވެ. ޖީއެމްއާރު އެއާޕޯޓް ދޫކޮށްލުމުގައި އިންތިހާއަށް ކަންބޮޑުވުން އޮތީ އެއާޕޯޓަކީ ގައުމުގެ ސަލާމަތާ ސީދާ ގުޅިފައިވާ ތަނަކަށް ވާޓީއެވެ. ނަމަވެސް، ރަސްމާލޭގައި ތަރައްގީ ކުރާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާގެ މަޝްރޫއަކީ ގައުމުގެ ބޯޑަރު ކޮންޓްރޯލް ކުރުމާ ގުޅުންހުރި ކަމެއް ނޫނެވެ.

 

އިގުތިސޯދީ މަލްޓިޕްލަޔާ އިފެކްޓް
މި ދެ މަޝްރޫއަށް ބަލާއިރު އިގުތިސޯދަށް ކުރާ އަސަރު ނުވަތަ މަލްޓިޕްލަޔާ އިފެކްޓް އުފެދެނީ ތަފާތު ދެ ދާއިރާއަކުންނެވެ. އެއާޕޯޓް މަޝްރޫ އަކީ 'އެނޭބްލިން އިންފްރާސްޓްރަކްޗާ' އެކެވެ. އެއީ އޭގެ ޒާތުގައި ސީދާ އާމްދަނީއަށް ވުރެ ބޮޑަށް، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް މުޅި އިގުތިސޯދު ކުރިއަރުވަން އެހީވާ ވަސީލަތެކެވެ. އަނެއްކޮޅުން، ރަސްމާލެ މަޝްރޫއަކީ 'އާބަން އެކްސްޕެންޝަން' ނުވަތަ ސިޓީއެއް ބިނާކުރުމުގެ މަޝްރޫއެކެވެ. މީގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށާއި، ބޯހިޔާވަހިކަމުގެ ބާޒާރަށާއި، އަދި އެ ސިޓީގައި އަލަށް އުފެދޭ ވިޔަފާރިތަކުގެ ސަބަބުން ދާހިލީ އިގުތިސޯދު އެތައް ގުނައަކަށް ފުޅާވެގެންދާނެއެވެ.

 

މާލީ އެކްސްޕެންޝަނާއި އީގަލް ހިލްސްގެ އިންވެސްޓްމަންޓް
އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއަކީ 12 ބިލިއަން ޑޮލަރާއި 20 ބިލިއަން ޑޮލަރާ ދެމެދުގެ ބޮޑު އިންވެސްޓްމަންޓެކެވެ. އަދި މި މަޝްރޫއަކީ ދައުލަތުން މާލީ އިނާޔަތްތަކެއް ދިނުމަކާއި ނުލައި މުޅިން ސީދާ ބޭރުގެ އިންވެސްޓްމަންޓް (FDI) އަށް ބަރޯސާވާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން، ކޮމާޝަލް ބިންތައް ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ސީދާ ލިބެއެވެ. އަދި ކޮންމެ ޕްރޮޕަޓީ މުއާމަލާތަކުން 4 އިންސައްތައިގެ ޓްރާންސެކްޝަން ފީއެއް ސަރުކާރަށް ދައްކަންޖެހެއެވެ.

 

ވަޒީފާގެ ބާޒާރަށް އަންނާނެ ކުރިއެރުން
ރަސްމާލެ މަޝްރޫއު ފުރިހަމަވެގެން އަންނައިރު، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އީގަލް ހިލްސްގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން 54,000 އަށް ވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާ އުފެދިގެންދާނެއެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މެރީނާ ސާވިސަސްގެ ދާއިރާތަކުން ދިވެހި ޒުވާނުންނަށް މުޅިން އާ ކެރިއަރ ފުރުސަތުތައް ފަހިވެގެންދާނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ. މިއާއެކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީ އިގުތިސޯދަށް ވަންނާނެކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރު ސިންދަފާތުކޮށް މުސާރައިގެ ފެންވަރު މަތިކުރުމަށް ލިބޭ ވަރަށްބޮޑު ބާރެކެވެ.

 

ޖީއެމްއާރު އެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ލިބުނު ގެއްލުން
ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ، މުޅިން އާ ވަސީލަތްތަކެއް އުފެއްދުމުގެ ބަދަލުގައި، ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ހަނިވެގެންދިޔަ ކަމެކެވެ. ޖީއެމްއާރުން އެއާޕޯޓްގެ ހިންގުމާ ހަވާލުވުމަށްފަހު، އެއާޕޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން ޑިއުޓީ ފްރީ ފިހާރަތަކާއި ބޮންޑެޑް ވެއާހައުސްތައް ހިންގަމުންދިޔަ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެ ތަންތަން ހުސްކުރަން ނޯޓިސް ދިނެވެ. މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކުގެ ވިޔަފާރީގެ ދެބައިކުޅައެއްބައި ގެއްލި، ބައެއް ކުންފުނިތަކަށް ދުވާލަކު އެތައް ލައްކަ ޑޮލަރެއްގެ ގެއްލުން ވަމުންދިޔައެވެ.

މުވައްޒަފުންނަށް ކުރިމަތިވި ނުތަނަވަސްކަމާއި ގެއްލުން
ޖީއެމްއާރުގެ ދުވަސްވަރު އެއާޕޯޓްގެ މުވައްޒަފުންނަށާއި ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަމާއި މާލީ ބޮޑެތި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުނެވެ. ދިވެހި ކުންފުނިތަކުގެ ޑިއުޓީ ފްރީ ފިހާރަތައް ބަންދުކުރަން ޖެހުމުގެ ސަބަބުން އެކަނިވެސް 300 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުންގެ ވަޒީފާ އެއްފަހަރާ ގެއްލިގެން ހިނގައިދާނެ ހާލަތެއް އުފެދުނެވެ. މީގެ އިތުރުން، އެއާޕޯޓްގައި މަސައްކަތްކުރަމުންދިޔަ 1,800 އެއްހާ މުވައްޒަފުންނަށް، ކުންފުނި ބަދަލުވުމުގެ މަރުހަލާގައި ވަޒީފާގެ ޔަގީންކަމެއް ނެތި ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެންޖެހުނެވެ.

މާސްޓަރ ޕްލޭނާއި ވޯޓަރފްރަންޓް ލޭއައުޓްގެ ތަފްސީލު
އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ މާސްޓަރ ޕްލޭން ފަރުމާކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ ޒަމާނީ ސިޓީއެއްގެ ގޮތުގައެވެ. މި މަޝްރޫއުގެ ދަށުން 1,000 އަށް ވުރެ ގިނަ ޔޮޓް އެއްފަހަރާ އެޅޭނެ ބޮޑު މެރީނާއަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ލައިނަރުތަކަށް ހިދުމަތްދޭނެ ޓާމިނަލެއް ބިނާކުރާނެއެވެ. މީގެ އިތުރުން، ވޯޓާފްރަންޓް ސަރަހައްދުގައި ހިތްގައިމު ބޮލެވާޑްތަކާއި، ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓްތަކާއި، 7 ތަރީގެ ލަގްޒަރީ ހޮޓާތަކާއި ރިސޯޓުތައް ހިމެނޭގޮތަށް ލޭއައުޓް ވަނީ އެކުލަވާލާފައެވެ.

 

ދިވެހި ކުންފުނިތަކަށް ހުޅުވައިލާ އިންވެސްޓްމަންޓް ފުރުސަތުތައް
ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގާ މި ބިޔަ މަޝްރޫއުގެ ސަބަބުން ދިވެހި އަމިއްލަ ވިޔަފާރިތަކަށާއި ކުންފުނިތަކަށް އިންވެސްޓްކުރުމުގެ ރަނުގެ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު ސަބް-ކޮންޓްރެކްޓް އުސޫލުން އިމާރާތްކުރުމުގެ ދާއިރާގެ ދިވެހި ކުންފުނިތަކަށް ބޮޑެތި ފުރުސަތުތައް ލިބޭނެއެވެ. އަދި ސިޓީ ތަރައްގީވެ ނިމުމުން، ރީޓެއިލް ވިޔަފާރިތަކާއި، ރެސްޓޯރެންޓް ހިންގުމާއި، ފަތުރުވެރިކަމާ ގުޅުންހުރި މެރީނާ ސާވިސް އަދި ވޯޓަރ ސްޕޯޓްސް ފަދަ ދާއިރާތަކުން ދިވެހި ކުންފުނިތަކަށް އީގަލް ހިލްސްއާ ބައިވެރިވެގެން (Joint Venture) ވިޔަފާރިކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

އަމަލީ މަސައްކަތް ފެށޭނެ ތާރީހުތަކާއި ޓައިމްލައިން
މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކާއި ޓައިމްލައިން ބަހާލެވިފައިވަނީ ފޭސްތަކަކަށެވެ. އެގޮތުން ހިއްކާފައިވާ ބިމުގައި އީގަލް ހިލްސްއިން އެންމެ ފުރަތަމަ ފަށާނީ މެރީނާ ސަރަހައްދާއި މައިގަނޑު އިންފްރާސްޓްރަކްޗާ ހިމެނޭ މަގުތައް ހެދުމާއި، ފެނާއި، ނަރުދަމާ ފަދަ ވަސީލަތްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތަކެވެ. މި ބިޔަ ސިޓީގެ މާސްޓަރ ޕްލޭން އެއްކޮށް ނިންމާލުމަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޓައިމްލައިނެއް ކަނޑައެޅިފައިވެއެވެ. ފުރަތަމަ ފޭސްގެ ލަގްޒަރީ ރިއަލް އެސްޓޭޓްތަކާއި ބޯހިޔާވަހިކަމުގެ ބައެއް މަސައްކަތްތައް ކުރިއަށް އޮތް 3 އަހަރާއި 5 އަހަރުގެ ތެރޭގައި ނިންމައި ހިދުމަތަށް ހުޅުވާލުމަށް ވަނީ ރޭވިފައެވެ.

 

ބޯހިޔާވަހިކަމުގެ 5,000 ޔުނިޓު
މި މަޝްރޫއުގެ ދަށުން ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން އީގަލް ހިލްސް އިން ހިލޭ 5،000 ފްލެޓް ނުވަތަ ބޯހިޔާވަހިކަމުގެ ޔުނިޓު ތަރައްގީކޮށްދޭނެއެވެ. މިއީ، އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދާއިރާއަށް ލިބޭނެ ބޮޑު ލުޔެކެވެ. އަދި މިއީ ވިޔަފާރި އުސޫލުން ވިއްކާ ލަގްޒަރީ އެޕާޓްމަންޓްތަކުގެ އިތުރުން ހަދާ 5،000 ސޯޝަލް ހައުސިން ޔުނިޓެވެ. މިތަންތަން ހަދާ ނިމުމުން އީގަލް ހިލްސް އިން އެ ޔުނިޓުތައް ސަރުކާރާ ހަވާލުކުރާ ކުރާނެއެވެ. މި ޔުނިޓުތައް ފަރުމާކުރެވިގެންދާނީ ދިވެހި އާއިލާތަކަށް ދިރިއުޅެން ފަސޭހަވާނެހެން ޒަމާނީ ވަސީލަތްތަކާ އެކުގައެވެ. އަދި މި ތަންތަން ދޫކުރުމުގެ މަރުހަލާ ކުރިއަށްދާނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުންނެވެ، އަދި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އިސްކަންދޭ އުސޫލަކުންނެވެ.

ނިންމުން
ޖީއެމްއާރަށް އެއާޕޯޓް ދިނުމާއި އީގަލް ހިލްސްއިން ރަސްމާލޭގައި ކުރާ އިންވެސްޓްމަންޓަކީ ރާއްޖޭގެ ތަރައްގީގެ މޮޑެލް ބަދަލުވަމުންދާ ގޮތް ދައްކުވައިދޭ ވަރަށް ސާފު ދެ މިސާލެކެވެ. ޖީއެމްއާރުގެ ތަޖުރިބާއިން ދިވެހި ދައުލަތަށް ދަސްވީ، ގައުމުގެ މައި އިއިގުތިސޯދީ ވަސީލަތްތަކާއި ބޯޑަރުގެ ކޮންޓްރޯލް ބޭރުގެ ފަރާތްތަކާ ހަވާލުކުރުމަކީ ދާހިލީ ވިޔަފާރިތަކަށާއި ވަޒީފާގެ ބާޒާރަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެކަމެއް ކަމެކެވެ، އަދި ގައުމީ ސިޔާދަތަށް ނާޒުކު ހީނަރުކަމެއް އަންނާނެ ކަމެއް ކަމެވެ. މީގެ ބަދަލުގައި، އީގަލް ހިލްސްގެ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ ދައުލަތަށް ލޯނާއި، މާލީބުރަ އުފުލަން ނުޖެހޭގޮތަށް އިންވެސްޓްމަންޓް (FDI) ގެ ބޭނުން ހިފައިގެން އިއިގުތިސޯދު ފުޅާކުރުމަށް ސަރުކާރުން ހުޅުވާލާ އާ ފުރުސަތެކެވެ. މިއީ ދިވެހި ކުންފުނިތަކަށް އިންވެސްޓްމަންޓްގެ އާ ބާޒާރެއް ހުޅުވިގެންދާނެ ކަމެކެވެ. އަދި އެތައް ހާސް ވަޒީފާއަކާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ މަޝްރޫއެކެވެ. އެހެންކަމުން، ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމުގައި ގައުމީ މަސްލަހަތާއި، ދާހިލީ ފައިދާއަށް އިސްކަންދީގެން ފަރުމާކުރާ ގްރީންފީލްޑް މަޝްރޫއުތަކަކީ، ރާއްޖޭގެ އިގުތިސޯދީ މިނިވަންކަން ހިފަހައްޓަމުން ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށް އޮތް އެންމެ ރައްކާތެރި މަގެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *