ތިންބާރުގެ މަސްލަހަތު ނަގަހައްޓަވާ ދެމެހެއްޓުމުގައި ރައީސް މުއިއްޒުގެ ތަނަވަސް ވިސްނުންފުޅު

ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް

ޒަމާނީ ދިމިގްރާތީ ދައުލަތްތައް ބިނާވެގެންވަނީ ވެރިކަމުގެ ބާރުތައް ވަކިވުމުގެ ނަޒަރިއްޔާގެ މައްޗަށެވެ. މި ފަލްސަފާއަކީ ދައުލަތެއްގެ ހިންގުން ހަރުދަނާކުރުމެވެ. ހުދުމުހުތާރު ވެރިކަމެއް އުފެދުމުގެ ފުރުސަތު ހަނިކުރުމެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ބިނާވެފައިވަނީ ވެސް ދައުލަތް ހިންގުމުގެ މައިގަނޑު ތިން ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހަދާ މަޖިލީހާއި، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ މައްޗަށެވެ. އެއީ، އެއް ބާރު އަނެއް ބާރުން މުސްތަގިއްލުކަމާއެކު ފާރަވެރިވުމުގެ އުސޫލުގެ މައްޗަށެވެ. ކޮންމެ ގައުމެއްގައިވެސް މި ނިޒާމު ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި، ވެރިކަން ހިންގުމުގެ އެންމެ މަތީ ވެރިޔާގެ ވިސްނުންފުޅާއި ސިޔާސަތުތަކަކީ ކަނޑައެޅޭ އެންމެ މުހިންމު ބަހާއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިލްމީ ގޮތުން އެންމެ މަތީތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ލީޑަރެކެވެ. އަދި އަމަލީ ގޮތުން ދައުލަތް ހިންގުމުގެ ފުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ވެރިއެކެވެ. ރައީސް މުއިއްޒުގެ ޒައާމަތުގައި، ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަންޖެހޭ ގުޅުން ގެންދަވަނީ ހަރުދަނާ ކުރައްވަމުންނެވެ. އަދި މިގޮތުން ބާރުތަކުގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ގެންގުޅުއްވަނީ އިލްމީ، ދީނީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކެވެ. އަދި ދިވެހިރާއްޖޭގެ ހާލަތަށް އެންމެ އެކަށީގެންވާ ތަނަވަސް ވިސްނުންފުޅެކެވެ. ރައީސް ޑރ. މުއިއްޒުގެ ވެރިކަމުން ފެންނަނީ ގައުމީ މަސްލަހަތު އިސްކޮށް، ދައުލަތުގެ ބާރުތަކުގެ މެދުގައި އީޖާބީ އަދި ބިނާކުރުވަނިވި ގުޅުމެއް ބޭއްވުމުގެ އާ ބާބެއްގެ ގޮތުގައެވެ.

ބާރުތައް ވަކިވުމުގެ އިލްމީ އަސާސްތަކާއި ބައިނަލްއަގުވާމީ ހަމަތައް

ބާރުތައް ވަކިވުމުގެ ނަޒަރިއްޔާ އެންމެ ފުރަތަމަ ސައިންޓިފިކް އަދި ފަލްސަފީ ގޮތަކުން ބަޔާންކޮށްދެއްވީ ފަރަންސޭސި ވިސްނުންތެރިޔާ މޮންޓެސްކިއު އެވެ. އޭނާގެ މަޝްހޫރު ފޮތް "The Spirit of Laws"  ގައެވެ. މޮންޓެސްކިއު ބަޔާންކުރެއްވި ގޮތުގައި، އެއް މުއައްސަސާއެއްގެ ނުވަތަ އެއް ފަރުދެއްގެ އަތްމައްޗަށް ދައުލަތުގެ ހުރިހާ ބާރުތަކެއް ޖަމާވެއްޖެނަމަ، ރައްޔިތުންގެ މިނިވަންކަން ގެއްލިދާނެއެވެ. އަދި އޭގެ ސަބަބުން އަނިޔާވެރިކަން އިސްވެގެންދާނެއެވެ. ބައިނަލްއަގުވާމީ ގޮތުން މި ނިޒާމު ކާމިޔާބުކަމާއެކު ހިނގަމުންދާ ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ބާރުތައް ވަކިވުމުގެ މައިގަނޑު އަސާސްތައް ފާހަގުކުރެވެއެވެ. އޭގެ ތެރޭގައި ކޮންމެ ބާރަކަށްމެ ގާނޫނުއަސާސީން ވަކި އިހްތިސާސްތަކަކާއި، މިނިވަންކަމެއް ދެވިފައި އޮވެއެވެ. އެއް ބާރުން އަނެއް ބާރެއްގެ ދާއިރާއަށް ނުފޫޒު ފޯރުވައި ނިންމުންތަކަށް ހުރަސް އެޅުމަކީ ކުރާކަމެއް ނޫނެވެ. އަދި ގައުމީ މަސްލަހަތު ރައްކާތެރިކުރުމުގައި ބާރުތަކުގެ މެދުގައި އޮންނަންޖެހޭ ސުލްހަވެރި މުއާމަލާތްތައް ހިމެނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބައްޓަންވަމުންދަނީ މި ދެންނެވި ބައިނަލްއަގުވާމީ ފަލްސަފާގެ މައްޗަށެވެ. އެމަނިކުފާނަކީ އިލްމީ ހަމަތަކަށް އިސްކަންދެއްވާ ބޭފުޅެކެވެ. އެހެންކަމުން ދައުލަތް ހިންގުމުގައި އިލްމީ-އަމަލީ އުސޫލުތައް ގެންގުޅުއްވައި، ކޮންމެ ކަމެއްވެސް ދިރާސާގެ އަލީގައި ނިންމެވުމުގެ މުހިންމު ސިފަ އަމަލީގޮތުން ގެންދަވަނީ ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަންވެފައިވަނީ އެމެރިކާގެ ރިޔާސީ މޮޑެލްއާ ވަރަށް އެއްގޮތް ސިފަތަކެއްގެ މައްޗަށެވެ. އެމެރިކާގެ ދުސްތޫރީ އޮނިގަނޑުގެ ތެރެއިން ކޮންގްރެސްއާއި، ރައީސާއި، ސުޕްރީމް ކޯޓަށް ދެވިފައިވަނީ މިނިވަން މުސްތަގިއްލު ބާރުތަކެކެވެ. މިއިން އެއްވެސް މުއައްސަސާއަކަށް އަނެއް މުއައްސަސާއެއްގެ މައްޗަށް ބާރު ފޯރުވުމުގެ އިހުތިޔާރެއް ނޯވެއެވެ. އޭގެ ބަދަލުގައި، މި ތިން މުއައްސަސާގެ ޒިންމާއަކީ ދައުލަތުގެ ހިންގުން ހަމަހަމަކަންމަތީ ދެމެހެއްޓުމެވެ. ރައީސް މުއިއްޒުގެ ވިސްނުންފުޅު ބިނާވަނީ އިނގިރޭސިވިލާތުގެ ވެސްޓް މިންސްޓަރ މޮޑެލްގައި އޮންނަ ޖަވާބުދާރީވުމުގެ މުހިންމު ސިފަތަކާއެކު، ރިޔާސީ ނިޒާމުގެ ހަމަތައް ހިފެހެއްޓުމަށެވެ. މީގެ އިތުރުން ފްރާންސް ފަދަ ސެމީ-ޕްރެޒިޑެންޝަލް ނިޒާމު އޮންގައުމުތަކުގައި ދައުލަތުގެ ބާރުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށް ގެންގުޅެނީ މުއައްސަސާވީ މަޝްވަރާގެ އުސޫލުތަކެވެ. ރައީސް މުއިއްޒުވެސް ގެންދަވަނީ  ދިވެހިރާއްޖޭގެ މާހައުލަށް ފެތޭ ސިޔާސަތެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް މުއިއްޒުގެ ކިބައިން ފެނިގެން މިދަނީ ބައިނަލްއަގުވާމީ މި ހުރިހާ މޮޑެލްތަކެއްގެ އެންމެ ރަނގަޅު ސިފަތައް އެއްކޮށްލައްވައިގެން، ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ވެރިކަން ކުރެއްވުމުގެ ހިކުމަތްތެރިކަމެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެކެވެ. ވެރިކަމުގެ ނިޒާމާއި ބާރުތައް ހަމަޖެއްސުމުގައި އިސްލާމީ ޝަރީއަތުގެ އަސާސްތަކަށް ރައްކާތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިސްލާމްދީނުގައި ވެރިކަމުގެ ނިޒާމު ބިނާވެގެންވަނީ އަދުލުވެރިކަމާއި، މަޝްވަރާކުރުމާއި، އަދި އަމާނާތްތެރިކަމުގެ މައްޗަށެވެ. ކީރިތި ގުރުއާނުގައި މާތްﷲ ވަނީ ކަންކަމުގައި މަޝްވަރާކުރުމަށް އަމުރުކުރައްވާފައެވެ. އަދި ހަމައެހެންމެ، މީސްތަކުންގެ މެދުގައި ހުކުމްކުރާއިރު އަދުލުވެރިކަމާއެކު ހުކުމްކުރުމަށްވެސް ވަނީ އަންގަވާފައެވެ. އިސްލާމީ ތާރީހަށް ބަލާއިރު، ހުލަފާއުއްރާޝިދޫންގެ ޒާމާނުގައިވެސް ޝަރުއީ ބާރާއި ވެރިކަން ހިންގުމުގެ ބާރު ވަކިވެފައި އޮތްކަން އެނގެއެވެ. މިސާލަކަށް އަމީރުލްމުއުމިނީން އުމަރުގެފާނު، ފަނޑިޔާރުން އައްޔަންކުރައްވައެވެ. އަދި ހަލީފާއާ ދެކޮޅަށް ކުރެވޭ ދައުވާތަކުގައިވެސް ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުވެވަޑައިގެން އިންސާފަށް ބޯލެންބެވިއެވެ. ރައީސް މުއިއްޒުގެ ސިޔާސަތުތަކުން ފެންނަނީ އިސްލާމީ މި މަތިވެރި އަސާސްތަކެވެ. ގައުމުގެ އެންމެ މަތީ ވެރިޔާއަކީވެސް ގާނޫނާއި އިންސާފުގެ ކުރިމަތީގައި އެހެން މީހުންނާ އެއްހަމަގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ދައުލަތުގެ ބާރުތަކަށް އިހުތިރާމްކުރެއްވުމުގެ ރީތި ނަމޫނާ ދައްކަވާ ވަލިއްޔުލްއަމުރެއްގެ ގޮތުގައެވެ. ރައީސް މުއިއްޒުގެ ކޮންމެ ނިންމެވުމެއްގެ އަސާސަކީ އިސްލާމީ އަގީދާއާއި އިންސާފުވެރިކަމެވެ.

ވެރިކަން ހިންގުމުގެ ބާރު: ހިންގުންތެރިކަމާއި ފާރަވެރިވުމަށް ފުރުސަތު ދިނުން

ވެރިކަން ހިންގުމުގެ ބާރަކީ ދައުލަތުގެ ސިޔާސަތުތައް ދުވަހުން ދުވަހަށް ތަންފީޒުކޮށް، ގައުމު ހިންގާ އިންޖީނެވެ. ބައިނަލްއަގުވާމީ މިންގަނޑުތައް ދައްކާގޮތުން، ވަރުގަދަ ވެރިކަމެއް އޮތުމަކީ ގައުމުގެ ހަމަޖެހުމަށް ބޭނުންތެރި ކަމެކެވެ. ނަމަވެސް، އެއްބާރުން ބާރުން އަނެއް ބާރެއްގެ މައްޗަށް ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީ ހަލާކުވާ ކަމެކެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަވެސް އިސްކަންދެއްވީ ސަރުކާރުގެ ވަޒީރުންނާއި މުއައްސަސާތަކަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ބައެއްކަން އަމަލުން ދެއްކެވުމަށެވެ. މަޖިލީހުން ކުރާ ސުވާލުތަކަށް ވަޒީރުން ފަސްޖެހުމެއްނެތި މަޖިލީހަށް ހާޒިރުވެ ޖަވާބު ދެއްވައެވެ.  އަދި މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ވަނީ ގާއިމުކުރައްވާފައެވެ. މިއީ ބާރުތައް ވަކިވުމުގެ ނިޒާމުގައި ވެރިކަން ހިންގުމުގެ ބާރު ރަމަތަކޮށް ހިފަހައްޓައިދޭ މުހިންމު އަސާސެކެވެ. ރައީސް މުއިއްޒަކީ އަމިއްލަފުޅު އިސްނެންގެވުމަށް ސަރުކާރުގެ ހިންގުން ރައްޔިތުންނާ ހާމަކަން ބޮޑުގޮތެއްގައި ހިއްސާ ކުރައްވާ ފުރަތަމަ ރައީސެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކުން 'ގުޑް ގަވަރނަންސް' ނުވަތަ 'ހެޔޮވެރިކަމެއް' ގެ އެންމެ ބޮޑު ސިފައަކީ ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމެވެ. މިގޮތުން، ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދައުލަތުގެ މާލީ ހިސާބުތަކާއި، ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލުތައް ގަވާއިދުން ރައްޔިތުންނަށާއި ކަމާބެހޭ މުއައްސަސާތަކާއި ހިއްސާކުރައްވައި، ހަމާކުރައްވަމުންނެވެ. މީގެ ސަބަބުން، ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުގެ މާލީ ހިންގުންތެރިކަން މޮނިޓަރކުރުމަށް ފަސޭހަވެއެވެ. އަދި ފާރަވެރިވުމުގެ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރެއެވެ. މި ސިޔާސަތަކީ ސިންގަޕޫރު ފަދަ ހަރުދަނާ ގައުމުތަކުގައި ގެންގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ބަންދު ކުރުމާ އެއްފަދަ ސިޔާސަތެކެވެ. އަދި ދައުލަތުގެ ހިންގުން ދެފުށް ފެންނަ ގޮތަށް ބައްޓަންކުރުމުގައި ބައިނަލްއަގުވާމީ އެންމެ މަތީ މޮޑެލްތަކަށް ތަބާވުމެކެވެ. ރައީސް މުއިއްޒުގެ މި ހުޅުވާލެވިފައިވާ ސިޔާސަތުގެ ސަބަބުން ސަރުކާރަށް އޮތް އިތުބާރު ބޮޑުވެ، ދައުލަތުގެ ހިންގުން ވަނީ ރާއްޖޭގެ ތާރީހުގައި ނުދެކޭފަދަ ނަޒާހަތްތެރި ފެންވަރަކަށް މަތިވެގެން ގޮސްފައެވެ.

ގާނޫނު ހަދާ މަޖިލިސް: މިނިވަންކަމާއި ގައުމީ މަސްލަހަތު އިސްކުރުން

ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުން ތަމްސީލުކުރާ އަދި ދައުލަތުގެ ގާނޫނީ އޮނިގަނޑު ބައްޓަންކުރާ ބާރެވެ. ގައުމެއްގެ ހަމަޖެހުން އޮންނާނީ ގާނޫނު ހަދާ ބާރާއި ވެރިކަން ހިންގާ ބާރާ ދެމެދު އޮންނަ ގުޅުން ހަމަހަމަކަމާއި، އަމާޏްކަމާއެކު އޮވެގެންނެވެ. ރައީސް މުއިއްޒުގެ ތަނަވަސް ވިސްނުންފުޅަކީ، މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް އޮތް ނަމަވެސް، މަޖިލީހަކީ ހަމައެކަނި ސަރުކާރުން ބޭނުންވާހާ ގާނޫނެއް، ބޭނުންވާހާ ގޮތަކަށް ފާސްކުރާ ތަނަކަށް ނުހެދުމެވެ. ކޮންމެ ގާނޫނެއް ފާސްކުރުމުގައިވެސް ކޮމިޓީ މަރުހަލާގައި ފުންކޮށް ވިސްނާ ބަހުސްކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވައެވެ. އަދި އިލްމީ ދިރާސާތަކަށާއި ބައިންލައަގުވާމީ ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށް ގާނޫނުތައް ފަރުމާކުރުމަށް ރައީސް މުއިއްޒު ބާރުއަޅުއްވައެވެ. މިގޮތުން މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުވަތަ އިދާރީ ބިރުވެރި މާހައުލެއް ނެތްކަން ކަށަވަރުކޮށްދެއްވުމެވެ. އަދި މަޖިލީހުގެ އިދާރީ އަދި މާލީ މުސްތަގިއްލުކަމަށް ރައީސް މުއިއްޒު ފުރިހަމައަށް އިހުތިރާމްކުރުރައްވައެވެ. ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ މަޖިލީހުގެ ކަރާމާތާއި މުސްތަގިއްލުކަން އެންމެ މަތީ ދަރަޖައަށް ހިފެހެއްޓުމެވެ. މިއީ ބައިނަލްއަގުވާމީ ބަރުލަމާނީ އުސޫލުތަކުގެ އެންމެ މަތީ މިންގަނޑެވެ.

ބައިނަލްއަގުވާމީ ދުސްތޫރީ ނިޒާމުތަކާ އަޅާކިޔާއިރު، ރައީސް މުއިއްޒު ގެންގުޅުއްވާ މި ހިކުމަތްތެރި ސިޔާސަތަކީ އެމެރިކާ ފަދަ ރިޔާސީ ނިޒާމުތަކުން ފެންނަ  ބާރުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުން ދައުލަތް ހުއްޓުމަކަށް އައުން (Gridlock) ނުވަތަ ބައެއް އެފްރިކާ ގައުމުތަކުގައި ފެންނަ ފަދަ ވެރިކަން ހިންގާ ބާރުން މަޖިލިސް އަޅުވެތިކުރުން (Executive Dominance) ފަދަ ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތްކޮށްދޭ ދިފާއީ އައްޑަނައެކެވެ.  ރައީސް މުއިއްޒުގެ މައިގަނޑު އަމާޒަކީ ޖަރުމަނުވިލާތް ފަދަ ކުރިއަރާފައިވާ ދިމިގްރާތީ ގައުމުތަކުގައި ގެންގުޅޭ 'ކޮންސެންސަސް ބިލްޑިންގ' ނުވަތަ އެންމެން އެއްބަސްވާ ގައުމީ މަސްލަހަތު އިސްކޮށްގެން ގާނޫނުތައް ބައްޓަންކުރުމުގެ އެންމެ މަތީ 'ބެސްޓް ޕްރެކްޓިސް' ރާއްޖޭގައި ގާއިމުކުރެއްވުމެވެ. ގާނޫނުއަސާސީއާ ހިނދަކު، މަޖިލީހުގެ ނިންމުންތަކަށް ބޯލަނބައި، ގާނޫނުތައް ތަންފީޒުކުރުމަކީ ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ މުހިންމު އެއް އުސޫލެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގުމުގައި އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ބަލައިގެންފައެވެ.

އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު: ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން

ޝަރުއީ ދާއިރާއަކީ ޑިމޮކްރަސީގެ އެންމެ ފަހުގެ ރައްކާތެރިކަމުގެ އައްސޭރިއެވެ. ބާރުތައް ވަކިވުމުގެ ނިޒާމެއްގައި ޝަރުއީ ދާއިރާގެ މިނިވަންކަމަކީ އެއްވެސް ޝަރުތަކާ ނުލައި ކަށަވަރުކަން ދޭންޖެހޭ ކަމެކެވެ. އދ. ގެ އުސޫލުތަކުގައި ބަޔާންކުރާގޮތުން، ފަނޑިޔާރުންގެ ނިންމުންތަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. ރާއްޖޭގެ ތާރީހަށް ބަލާއިރު، އެކި ދުވަސްވަރު ޝަރުއީ ދާއިރާއަށް ސަރުކާރުތަކުގެ ނުފޫޒު ވަދެ، ފަނޑިޔާރުންނަށް ބިރުދެއްކުމާއި، ސިޔާސީ ބޭނުންތަކަށް ހުކުމްތައް ބަދަލުކުރުމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ޒައާމަތުގައި ގެންގުޅުއްވާ އެންމެ ހަރުދަނާ، އީޖާބީ ސިޔާސަތަކީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ އެއްވެސް މިންވަރަކަށް ނުފޫޒު ނުފޯރުވުމުގެ 'ޒީރޯ އިންޓަރފިއަރެންސް' ސިޔާސަތެވެ. ފަނޑިޔާރުންނަށް އެބޭފުޅުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ދެވިފައެވެ. ރައީސް މުއިއްޒު ވަނީ ކޯޓުތަކުގެ ހިންގުމަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުވަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަމަލާއި ބަހުން ދައްކަވާފައެވެ.

ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދެކެވެ. ސިޔާސީ ފަރާތްތަކާއި، ސަރުކާރުގެ މަންދޫބުން އެ ކޮމިޝަނުގައި ތިބުމަކީ ޝަރުއީ ނިޒާމަށް ނުފޯޒު ފޯރުވިދާނެ ކަމަކަށް ވާތީ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމުގެ މަސައްކަތް ގެންދަވަނީ ކުރަމުންނެވެ. އަދި ކޮމިޝަނުގައި ގާނޫނީ އަދި އިލްމީ ބޭފުޅުންގެ ހިއްސާ ބޮޑުކުރުމަކީ ޝަރުއީ ނިޒާމު އިތުރާއި، ގަދަރު އުފުލިގެންދާނެ ކަމެކެވެ. ބައިނަލްއަގުވާމީ މުޖްތަމައު ބަލައިގަންނާނޭ ފިޔަވަޅެކެވެ. މި ބަދަލަކީ އިނގިރޭސިވިލާތުގެ ޖުޑީޝަލް އެޕޮއިންޓްމަންޓްސް ކޮމިޝަން ފަދަ، ސިޔާސީ މީހުންގެ ބަދަލުގައި މިނިވަން ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ އެންމެ ހަރުދަނާ މޮޑެލްތަކަށް ރިއާޔަތްކޮށް ގެނެވޭ މުހިންމު އިސްލާހެކެވެ. ރައީސް މުއިއްޒުގެ މި އިސްލާހީ ފިޔަވަޅުގެ ސަބަބުން ފަނޑިޔާރުންގެ މުސްތަގިއްލުކަން ކަށަވަރުވެ، ރައްޔިތުންނަށް އަދުލުވެރި އިންސާފެއް ލިބުމުގެ މަގު ވަނީ މުޅިން ތަނަވަސްވެގެން ގޮސްފައެވެ.

ޗެކް އެންޑް ބެލެންސް  ހަރުދަނާކުރުން

ބާރުތައް ވަކިވުމުގެ ނިޒާމު ފުރިހަމަވަނީ ހަމައެކަނި ބާރުތައް ވަކިކޮށްގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެއް ބާރުން އަނެއް ބާރަކަށް ފާރަވެރިވުމުގެ ނިޒާމު (Checks and Balances) ހަރުދަނާވެގެންނެވެ. ރައީސް މުއިއްޒުގެ ތަނަވަސް ވިސްނުންފުޅުގެ ދަށުން، މި ގުޅުންތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަން ފަދަ މުސްތަގިއްލު މުއައްސަސާތަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމާއި، ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދައުރު ފުޅާކޮށް، އެ އޮފީހުގެ ރިޕޯޓުތަކަށް ސަރުކާރުން ފިޔަވަޅު އެޅުން ހިމެނެއެވެ. ވެރިކަން ހިންގުމުގެ ބާރުން މަޖިލީހަށް ޖަވާބުދާރީވުމާއި، ޝަރުއީ ދާއިރާގެ ނިޔާތަކަށް ފުރިހަމައަށް ބޯލެނބުމާއި، އަދި ގާނޫނު ހަދާ މަޖިލީހާއި ޝަރުއީ ދާއިރާއިންވެސް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަކީ މި ނިޒާމު ހަމަހަމަކަމާއެކު ހިންގައިދޭ ޖައުހަރެވެ. ރައީސް މުއިއްޒު ވަނީ ދައުލަތުގެ ކޮންމެ ގޮތްޕަކަށްމެ އެތަނެއްގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރިހަމަ މިނިވަންކަން ދެއްވާފައެވެ.

ރައީސް މުއިއްޒުގެ ރިޔާސަތުގައި ޝަރުއީ ދާއިރާގެ މާލީ މުސްތަގިއްލުކަން ކަށަވަރުކޮށްދިނުމަށްޓަކައި އެޅުއްވި އެންމެ ހާއްސަ އަދި އެންމެ ހަރުދަނާ އެއްފިޔަވަޅަކީ ޖުޑިޝަރީއަށް ހާއްސަކުރެވިފައިވާ ބަޖެޓެއް (Block Grant) ހަމަޖައްސަވައި ދެއްވައި ދޫކުރަން ފެށުމެވެ. ބައިނަލްއަގުވާމީ މި ބެސްޓް ޕްރެކްޓިހަށް އަމަލުކުރަން ފެށުމުން ކޯޓުތަކުގެ ދުވަހުން ދުވަހުގެ ހަރަދުތަކާއި އިދާރީ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވެރިކަން ހިންގުމުގެ ބާރަށު ނުވަތަ ފައިނޭންސް މިނިސްޓްރީއަށް ބަރޯސާވާންޖެހޭ ޖެހުން މުޅިން ނިމުމަކަށް އަންނާނެއެވެ. މިއީ ޝަރުއީ ދާއިރާގެ ނިންމުންތަކަށް މާލީ ގޮތުން ނުފޫޒު ފޯރުވުގެ ފުރުސަތު މުޅިން ބަންދުކޮށްދޭ ކަމެކެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަގީގީ މިނިވަން ޖުޑީޝަރީއެއް ބިނާކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ އީޖާބީ އަދި ތަނަވަސް ހިކުމަތްފުޅު އަމަލީގޮތުން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

ބައިނަލްއަގުވާމީ ގޮތުން ބަލާއިރު، މި ފާރަވެރިވުމުގެ ނިޒާމަކީ ނިއުޒިލޭންޑް ފަދަ ޑިމޮކްރަސީގެ އެންމެ ކުރީގައި އުޅޭ ގައުމުތަކުގައި މުސްތަގިއްލު އޮމްބަޑްސްމަން އަދި އޮޑިޓް މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރު މައިތިރިކުރާ އުސޫލެވެ. ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ މިފަދަ މުއައްސަސާތަކަށް ފުރިހަމަ މާލީ އަދި އިދާރީ މިނިވަންކަން ދީގެން، ދައުލަތުގެ ބާރުތަކުގެ މެދުގައި ހަމަހަމަކަން ހިފެހެއްޓުމެވެ. ރައީސް މުއިއްޒުގެ މި ދުރުވިސްނުމުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކަކީ ވަކި ފަރާތަކަށް ނުޖެހި، ހަމައެކަނި ގާނޫނާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ތަންތަނަށް ވަނީ ވެގެން ގޮސްފައެވެ.

ނިންމުން

ދައުލަތުގެ ތިން ބާރުގެ މަސްލަހަތު ނަގަހައްޓައި ދެމެހެއްޓުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅަކީ، އިލްމީ އަސާސްތަކާއި، އިސްލާމީ ދީނުގެ މަތިވެރި އުސޫލުތަކާއި، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ތަރަހައިގެ މައްޗަށް ބިނާވެފައިވާ، ގައުމަށް ލާބަހުރި ސިޔާސަތެކެވެ. އެގެ ސަބަބުން ވެރިކަން ހިންގުމުގެ ބާރުގެ ނުފޫޒުން އެހެން ބާރުތައް މުސްތަގިލުކޮށް ދެއެދެވެ. އަދި ގާނޫނީ އިސްލާހީ ބަދަލުތަކުގެ އެހީގައި މުއައްސަސާތައް ވަރުގަދަކޮށްދެއެވެ. އަދި ބާރުތަކުގެ މެދުގައި ސުލްހަވެރި މަޝްވަރާގެ މާހައުލެއް އުފެއްދެވުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. ރައީސް މުއިއްޒުގެ މި އީޖާބީ ޒައާމަތަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތް އާ ހިސާބަކަށް ގެންގޮސްދޭނެކަމެކެވެ. ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް އެންމެ ފުރިހަމަ ޔަގީންކަމެވެ. މި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ؛ އޭގެ ސަބަބުން ދައުލަތުގެ ހިންގުން ހަރުދަނާވެއެވެ؛ ރައްޔިތުންގެ އިތުބާރު ދައުލަތުގެ މުއައްސަސާތަކަށް ބޮޑުވެއެވެ؛ އަދި ގައުމީ ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވެގެންދާނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *