ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް
ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ސަރުކާރުތަކުގެ ކާމިޔާބީ އާއި ނާކާމިޔާބީ މިނެކިރުމަށް އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ދުރުމީއަކީ ގިނަ ފަހަރަށް ހަމައެކަނި އިގުތިސޯ ދީ ނުވަތަ އުމްރާނީ ތަރައްގީގެ ކުދިކުދި މައްސަލަތަކަށް އަމާޒުވެފައިވާ އެއްޗެކެވެ. ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ފާޑުކިޔާ ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ބޮޑެތި ސިޔާސަތުތަކުގެ މާނަވީ ފުންމިން ފަރުދާކޮށް، ރައްޔިތުންނަށް ދެއްކުމަށެވެ. މީގެ ސަބަބުން ގައުމުގެ މުސްތަގުބަލަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާތައް ގިނަ ފަހަރަށް އާންމު ރައްޔިތުންގެ ލޯތަކަށް ކަޝްފުވެ، ނިވާވެފައިވެއެވެ.
އަދަކީ، ދިވެހީން އިސްލާމްދީނުގެ ހިދާޔަތު ލިބިގަތްތާ 9 ގަރުނު ފުރޭ އުފާވެރި އަދި ތާރީހީ މުނާސަބަތެވެ. މިއީ ދިވެހި އުންމަތުގެ ސިޔާދަތާއި، މިނިވަންކަމާއި، އަދި ގައުމީ ވަހުދަތު މިހާތަނަށް ދެމިއޮތުމުގެ އަސްލު ސަބަބެވެ. މިފަދަ މުހިންމު ވަގުތެއްގައި، ގައުމުގެ ދީނީ ބިންގާ ރައްކާތެރިކުރުމުގެ ޒިންމާ ސަރުކާރުން އުފުލަމުންދާ ގޮތް ވަޒަންކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރކަމުގައި، ގައުމުގެ މާނަވީ ހަޔާތާއި، ދެދުނިޔޭގެ ބާއްޖަވެރިކަމާ ގުޅިފައިވާ އެންމެ މުހިންމު ތަނބަކީ އިސްލާމްދީން ކަމުގައިވާ ސިޔާސަތު ވަނީ މުޅިން އާ ހިސާބަކަށް އުފުލިގެން ގޮސްފައެވެ. މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ފާޑުކިޔާ ފަރާތްތަކުގެ ދުރުމީއަށް އަރާ މަންޒަރެއް ނޫނެވެ. ނުވަތަ ގަސްތުގައި ފެންނަން ބޭނުންނާ ތަސްވީރެއް ނޫނެވެ. ނަމަވެސް، މއީ ދިވެހި އިސްލާމީ މުޖުތަމައުގެ ބިންގާ ހަރުދަނާކޮށްދިން އިންގިލާބީ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ހަމައެކަނި ދެއްކުންތެރި ކަންތައްތަކެއް ނޫނެވެ. އެކަން ހާމަވަނީ ދައުލަތުގެ ރަސްމީ އިދާރާތަކުން ނެރެމުންދާ ސައްހަ ތަފާސްހިސާބުތަކުންނެވެ.
ގައުމެއްގެ ހަގީގީ ތަރައްގީއަކީ ހަމައެކަނި ކޮންކްރީޓް ބިނާތަކެއް ނޫންކަން ރައީސް މުއިއްޒު ވަނީ ގަބޫލު ކުރައްވާފައެވެ. މި ގޮތުން، އެންމެ އިސްކަންދެއްވީ ދިވެހިންގެ އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށެވެ. ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ ޝަހުސިއްޔަތަކީ މި ގައުމުގެ އެންމެ ބޮޑު ރައުސްމާލެއެވެ. މި ރައުސްމާލު ދެމެހެއްޓުމަށްޓަކައި ގައުމީ ފެންވަރުގެ ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރުން ހިންގަވާ މަޝްރޫއުތަކާއި، ބަޖެޓަށް ފާޑުކިޔާއިރު، މި ސިޔާސަތަށް ކުރެވޭ އިންވެސްޓްމަންޓު މަތިން ވަނީ ހަނދާން ނައްތާލާފައެވެ. ގައުމުގެ އަސްލު ރޫހު ދިރިގެން އަންނާނީ އިސްލާމީ ވަހުދަތު ދިރުވައިގެންނެވެ. އިސްލާމީ ޝިއާރުތައް އުފުލައިގެނެވެ.
ރާއްޖޭގެ އެންމެ ބޮޑު ގްރޭންޑް މިސްކިތް
ރައީސް މުއިއްޒުގެ ދީނީ ސިޔާސަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަނބަކީ މިސްކިތްތައް ބިނާކުރުމާއި އާބާތުރަފިލުވުމަށް ގެންގުޅުއްވާ ހަލުވި ދުވެއްޔެވެ. ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްލާމީ ދާއިރާ ކުރިއެރުވުމަށްޓަކައި އެކަނިވެސް 90 އަށްވުރެ ގިނަ މަޝްރޫއު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ގޮސްފައެވެ. މީގެ ތެރޭގައި 74 މިސްކިތެއްގެ ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ މިސްކިތް ބިނާކުރަން ފެށި ފުރަތަމަ ފަހަރެވެ.
މި ހުރިހާ މަޝްރޫއެއްގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު، އަދި އެންމެ ބިޔަ މަޝްރޫއަކީ ރާއްޖޭގައި އިމާރާތްކުރާ އެންމެ ބޮޑު މިސްކިތް ކަމުގައިވާ 'ގްރޭންޑް މިސްކިތް'(Grand Mosque) ގެ މަޝްރޫއެވެ. ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 ގުޅޭ ސަރަހައްދުގައި ބިނާކުރާ މި ބިޔަ މިސްކިތަކީ އެއްވަގުތެއްގައި 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައެއް އެކުލެވޭނެ ޖާމިއާއެކެވެ. މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި 900 އަހަރުގެ މުނާސަބަތާ ދިމާކޮށެވެ. މިދުވަސް ދިމާވަނީ ހިޖުރައިން 2 ރަބީއުލްއާހިރު 1448 އަދި 13 ސެޕްޓެންބަރ 2026 ވާ އާދިއްތަ ދުވަހާއެވެ.
މި ބޮޑު މިސްކިތް ނުވަތަ ޒަމާނީ އިސްލާމީ ކޮމްޕްލެކްސް (Comprehensive Islamic Complex) ގެ ތެރޭގައި ހިމެނީ ހަމައެކަނި ނަމާދުކުރާ ހޯލެއްނޫނެވެ. މީގެ އިތުރުން މި ކޮމްޕްލެކްސް ގައި ރާއްޖޭގެ އިސްލާމީ ތާރީހު ދައްކުވައިދޭ 'ޤުރުއާން މިއުޒިއަމް' (Quran Museum) އަކާއި، ވަގްފު ބިނާތަކާއި، އަދި ވިޔަފާރި މަރުކަޒުތަކާއި، އިސްލާމީ ތާރީހާއި، ހަލޯރަތު ދިރާސާކުރާ ސެންޓަރެއްގެ އިތުރުން، މަލްޓިޕާޕަސް ހޯލްތަކާއި، ޒަމާނީ ލައިބްރަރީއަކާއި، އެގްޒިބިޝަން ހޯލްތައް ހިމެނެއެވެ. މި މަޝްރޫއަކީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އަލް ރާޖީ ކޮމްޕެނީގެ (Al Rajhi Company) ދީލަތި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. ނަތީޖާއެއްގެގޮތުން މިއީ، ދައުލަތުގެ ބަޖެޓުން ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ފަރުމާ ކުރެވިފައިވާ މަޝްރޫއެކެވެ. މިއީ، ރާޖީ ކުންފުނިން ގައުމަށް ދޭ އަގުނުކުރެވޭނެ ހަދިޔާއެކެވެ.
އެއްހާސް ހާފިޒުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއު
އުމްރާނީ ތަރައްގީގެ އިތުރުން، އިންސާނީ ވަސީލަތް ކުރިއެރުވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ އަގުހުރި އެއް ސިޔާސަތަކީ 1000 ހާފިޒުން ތަމްރީނުކުރުމުގެ ގައުމީ ބޮޑު މަޝްރޫއެވެ. މި ޝްރޫއުގެ ސަބަބުން ރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާ މީހުންގެ އަދަދު މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ކޮންމެ އާއިލާއެއް ދީނުގެ ނޫރުން އަލިވެގެން ދާނެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިން ހޮވައި، ހިލޭ ގުރުއާން ހިތުދަސްކުރުމުގެ ފުރުސަތު ދަނީ ތަނަވަސްކޮށްދެމުންނެވެ.
މި ސިޔާސަތު ކުރިއަށް ގެންދިއުމަށްޓަކައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ވަސީލަތްތައް ވަނީ ކުރިއަށްވުރެ ދެގުނަ ވަރުގަދަކޮށްފައެވެ. ރަށްރަށުގައި ތިބެގެން އޮންލައިންކޮށް އަދި ރަށު ފެންވަރުގައި ގުރުއާން ހިތުދަސްކުރެވޭނެ ހަރުދަނާ ނިޒާމެއް ވަނީ އެކަށައަޅާފައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހާފިޒުކަން ހާސިލުކުރާ ކުދިންނަށް ދައުލަތުންދޭ ހާއްސަ އިނާޔަތްތަކާއި ސްކޮލަޝިޕްތައް އިތުރުކުރުމަކީ ކިޔަވާ ކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.
އެއްހާސް ހާފިޒުން ގައުމުގައި އުފެދިގެންދިއުމަކީ ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރުމަށް ބޭރު ގައުމުތަކުގެ ގާރީންނަށް ބަރޯސާވާ ބަރޯސާވުމަށް ނިމެމެއް އަންނާނެކަމެކވެ. މިއީ ދިވެހި ދަރިންނަކީ އިލްމީ އަދި ދީނީ ގޮތުން މުޅި އިސްލާމީ އުންމަތް ބަލައިގަންނަ ފަދަ ޖީލަކަށް ހެދުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ފުން ތަސައްވުރެވެ. އިދިކޮޅު ފަރާތްތަކުން މިފަދަ ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ފާޑުކިޔައި، އޭގެ އަގު ވައްޓާލަން އުޅުނަސް، މިއީ ގައުމުގެ ދީނީ ފޭރާން ދުވަހަކުވެސް ބާނުވާނެ ފަދަ ވަރުގަދަ ބިންގަލެކެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމް
މުޖުތަމައުގެ މާނަވީ ބިންގާ ވަރުގަދަކުރުމަށްޓަކައި އިންސާނީ ވަސީލަތް ތަރައްގީކުރުމަކީ ރައީސް މުއިއްޒު ދެއްވި ހާއްސަ ސަމާލުކަމެކެވެ. މިގޮތުން، ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައި އޮތް ހަތީބުންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި ޒުވާން ހަތީބުން ޕްރޮގްރާމަކީ މުޅި ގައުމު ބަލައިގަތް ކާމިޔާބީއެކެވެ. ސްކޫލް ނިންމާ ޒުވާނުންނާއި މަތީ ސާނަވީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ހަރަކާތުގެ ދަށުން މިހާތަނަށް 503 އަށްވުރެ ގިނަ ޒުވާން ހަތީބުން ވަނީ ތަމްރީނު ކުރެވިފައެވެ. އަދި ހުކުރާއި، އީދު ނަމާދު ނަމާދުފަދަ ނަމާދުތައް ކުރުމުގެ ހުއްދަ ދެވިފައެވެ.
ރައީސް މުއިއްޒުގެ މި ސިޔާސަތުގެ ސަބަބުން މިސްކިތްތަކުގެ އަދުލުވެރި މިންބަރުތަކަށް ވަނީ އާ ދިރުމެއް ލިބިފައެވެ. ޒުވާނުން ދީނީ ކަންކަމަށް ލޯބިޖެހެން ފަށާފައެވެ. އަދި ޒުވާނުންގެ އަޑުން އިވޭ ނަސޭހަތްތަކާއި، ވައުޒުތަކުގެ ސަބަބުން އެހެން ޒުވާނުން މިސްކިތަށް ދަމާ ދަގަންފާނަކަށް މިކަންވަނީ ވެގެން ގޮސްފައެވެ.
މީގެ އިތުރުން، މި ޒުވާން ހަތީބުންނަށް ބޭނުންވާ މަތީ ތައުލީމާއި އިތުރު ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ދަނީ ފަހިކޮށްދެމުންނެވެ. އިސްލާމީ ޔުނިވަސިޓީއާއި ގުޅިގެން މި ކުދިންނަށް ހާއްސަ ސްކޮލަޝިޕްތަކެއް ދިނުމަށް ކުރެވޭ މަސައްކަތަކީ މި ސިޔާސަތުގެ ދެމެހެއްޓެނިވިކަން ދައްކުވައިދޭ ކަމެކެވެ. އެހެންކަމުން، މިއީ ހަމައެކަނި ވަގްތީ ގޮތުން މިސްކިތްތަކުގެ ހުސްތަންތަން ފުރުމަށް ކުރި ކަމެއް ނޫނެވެ. މިއީ ދިގު މުއްދަތުގެ ގައުމީ ސްޓްރެޓީޖީ އެކެވެ.
ވަގްފު އަދި ޒަކާތު ހައުސް
ރައީސް މުއިއްޒުގެ ދީނީ ސިޔާސަތު ބިނާވެފައިވަނީ ހަމައެކަނި ދައުލަތުގެ ބަޖެޓުން ކުރާ ހޭދައެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އިސްލާމީ މާލީ ނިޒާމުގެ ތެރެއިން ދީނީ ކަންކަން އަމިއްލައަށް ފަންޑުކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ވަނީ އުފައްދާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގާއިމުކުރުމެވެ. މިއާއެކު ޒަކާތުގެ ނިޒާމު ހަރުދަނާވެ، ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވުމުގެ ނިޒާމު ވަނީ ވަރުގަދަ ވެގެން ގޮސްފައެވެ. އަދި މި ފަންޑަށް ވަނީ މުޖުތަމައުގެ އިތުބާރު ވަނީ ލިބިގެންގޮސްފައެވެ.
މީގެ އިތުރުން، އިސްލާމީ ދާއިރާގެ އުމްރާނީ ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި 6 ވަގްފު އިމާރާތެއްގެ މަޝްރޫއު ވަނީ ފަށާފައެވެ. މާލޭގައި ބިނާކުރާ ދާރުލް އަރުގަމް ވަގްފު މަޝްރޫއާއި ހުޅުމާލޭގެ ދާރުއްސަލާމް މަޝްރޫއުގެ އިތުރުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަގްފު އިމާރާތްތައް އެޅުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. މި ވަގްފު އިމާރާތްތަކުން ލިބޭ އާމްދަނީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ސީދާ މިސްކިތްތައް މަރާމާތުކުރުމަށާއި ދީނީ ކަންކަމަށް ހޭދަކުރުމަށެވެ.
ޒަކާތު ހައުސް މެދުވެރިކޮށް ޒަކާތުގެ ފައިސާ އިންވެސްޓްކޮށް، އޭގެއިން ލިބޭ ނަފާ ފަގީރުންގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންކުރުމުގެ ސިޔާސަތަކީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެކެވެ. މީގެ ސަބަބުން ޒަކާތަކީ ހަމައެކަނި އަހަރަކު އެއްފަހަރު ބަހާލާ ފައިސާކޮޅެއްގެ ބަދަލުގައި، މުޖުތަމައުން ފަގީރުކަން ނައްތާލުމަށް ބޭނުންކުރެވޭ އިގްތިސާދީ ވަސީލަތަކަށް ވަނީ ވެފައެވެ. މިއީ އިސްލާމީ އިގްތިސާދުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.
ދީނީ މިނިވަންކަމާއި ދިފާއީ އައްޑަނަ
ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ ހަރުދަނާ ސިޔާސަތަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް އޮތް ރައްކާތެރިކަން ކަށަވަރުކުރުމެވެ. ގާނޫނުއަސާސީގައި އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ލިޔެވިފައި އެބައޮތެވެ. ނަމަވެސް އެކަން އަމަލީގޮތުން ކަށަވަރުކުރާނެ ހަރުދަނާ އިދާރީ ނިޒާމެއް މީގެ ކުރިއަކުން ނެތެވެ. ރައީސް މުއިއްޒު ވަނީ އިސްލާމީ އުސޫލުތަކާ ހިލާފަށް އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުހެދޭނެ ފަދަ ވަރުގަދަ ގާނޫނީ އޮނިގަނޑެއް މަޖިލީހަށް ހުށަހަޅުއްވައި ފާސްކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ.
ހަމައެހެންމެ، މުޖުތަމައުގެ އަހުލާގީ ފޭރާން ހަލާކުކުރާ ކަންކަން މަނާކުރުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެކެވެ. އަދި އޮންލައިންކޮށް ހިންގާ ބެޓިން ނުވަތަ ގޭމްބްލިން ޕްލެޓްފޯމުތަކާއި، ޖުވާކުޅޭ މަންސަތައް ބަންދުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދީނީ ބިންގާ ގަޑުބަޑުކުރަން އުޅޭ ފަރާތްތަކާއި،ފިކުރުތަކަށް ޖާގަ ނުދިނުމަކީ މި ސަރުކާރުގެ އެންމެ ސާބިތު އެއް ސިޔާސަތެކެވެ. މިއީ ރާއްޖޭގެ ޒުވާން ޖީލު ނުބައި މަގުތަކުން ސަލާމަތްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހާއްސަ ގައުމީ ކެމްޕޭންތަކެއް ދަނީ ރައީސް މުއިއްޒުގެ ސަރުކާރުން ހިންގަމުންނެވެ. ސްކޫލްތަކުގެ މަންހަޖުގެ ތެރެއިން އިސްލާމީ ތަރުބިއްޔަތަށް ދެވޭ އިސްކަން އިތުރުކޮށް، ދަރިވަރުންގެ ހިތްތަކުގައި ދީނީ އަގުތައް ވަރުގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. މިއީ ހަމައެކަނި ބޭރުފުށުން ފެންނަ ބަދަލުތަކެއްގެ ބަދަލުގައި މީހާގެ ވިސްނުމާއި ސުލޫކަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.
ނިންމުން
އިދިކޮޅު ފަރާތްތަކުގެ ދުރުމީ އަބަދުވެސް އަމާޒުވެފައި ހުންނަނީ ވަގުތީ ސިޔާސީ ފައިދާތަކަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތަކަށް ވެފައި އޮތީ ދިވެހި ގައުމުގެ މާނަވީ ބިންގާ ދިގު މުއްދަތަކަށް ރައްކާތެރިކޮށްދޭނެ ތަދުބީރީ، އަމަލީ، އިސްތިރާތިޖީ މަޝްރޫއުތަކެއް ތަންފީޒުކުރެއްވުމުގެ މައްޗަށެވެ. މިއީ ހަމައެކަނި ޝިއާރެއް ނޫނެވެ؛ މިއީ އަމަލީ ގޮތުން ދައްކުވައިދީފައިވާ ނަތީޖާތަކެކެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މި މުނާސަބަތަކީ މި ހުރިހާ މަސައްކަތެއްގެ އަގު ވަޒަންކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދިވެހި މުޖުތަމައުގެ އިޖުތިމާއީ އަދި އަޚުލާގީ ފޭރާމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ފޮރުވޭނެ އެއްޗެއް ނޫނެވެ. ކޮންމެ ރަށެއްގެ މިސްކިތުންނާއި، ކޮންމެ ޒުވާނެއްގެ ހިތުން މިއަދު ފެންނަމުންދަނީ މި މާނަވީ ބިންގާގެ ފޮނި މޭވާއެވެ.
އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް، ތަފާސްހިސާބުތަކާއި ހަގީގަތްތައް ދޮގެއް ނުކުރެވޭނެއެވެ. މިސްކިތްތަކުގެ މަރާމާތާއި، ޒުވާނުންނަށް ދެވޭ ފުރުސަތުތައް އިތުރުކުރުމާއި، އިސްލާމީ މާލީ ނިޒާމު ހަރުދަނާކުރުމަކީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވޭނެ ކަންކަމެވެ. މިއީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު މުސްތަގުބަލުގެ ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު ރައްކާތެރިކަމުގެ ބިންގަލެކެވެ.
ޖުމްލަގޮތެއްގައި ބުނާނަމަ، ރައީސް ޑރ. މުއިއްޒުގެ ދީނީ ސިޔާސަތަކީ ދިވެހި އުއްމަތުގެ އިސްލާމީ ހަޔާތް ބާއްޖަވެރިކުރުމަށްޓަކައި އެޅިފައިވާ ބިންގަލެކެވެ. މިއީ، އިދިކޮޅު ފަރާތްތަކުގެ ދުރުމީއަށް އަރާވަރަށްވުރެ މާނަވީ ބިންގަލެކެވެ. މިއީ ގައުމުގެ އަސްލު ދިރުމެވެ. މި ބިންގަލުގެ މަތީގައި ބިނާވެގެންދާ މުސްތަގުބަލަކީ ދިވެހި ހުރިހާ ރައްޔިތުންނަށްވެސް އަމާންކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކުރިމަގެވެ.


