ޑިންގީއެއްގައި ލޯންޗަކުން ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ، އެކެއްގެ ހާލު ސީރިއަސް

ޅ. އަތޮޅު ގާއެރިފަޅު ކައިރިއަށް ރޭ މެންދަމު ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ ރޭ 12.33 ހާއިރު ކަމަށެވެ.

އެކްސިޑެންޓުގައި ޑިންގީގައި ތިބި ފަސް މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމުގަ އެވެ. އެކްސިޑެންޓުގައި އަނިޔާވި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *