ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފުކުރާނެ ކަމާމެދު ސުވާލު އުފެދިއްޖެ

ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާން ދެތިން ދުވަހަށް ވެފައި ވާއިރު އެކަމުގައި އަދިވެސް ގޮތެއް ނުނިންމާކަން އެނގިއްޖެ އެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ‏‏ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބައެއް މާއްދާތަކުގެ ދަށުން ނަމަ 30 ދުވަސް ތެރޭ ދައުވާކުރަން ޖެހެ އެވެ. އަދި އިސްތިއުނާފަށް ވެސް މި ބާވަތުގެ މައްސަލަތަކުގައި ލިބޭނީ 30 ދުވަހެވެ.

އިސްތިއުނާފުކުރުމާ މެދު ރަސްމީކޮށް އަދި ގޮތެއް ކަނޑަނޭޅިޔަސް، ވިސްނުން ހުރީ އިސްތިއުނާފް ނުކުރަން ކަމަށް ވަނީ އެނގިފަ އެވެ. އެކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދިނެވެ.

މި މައްސަލައިގެ އިސްތިއުނާފާ މެދު އަމަލުކުރާ ގޮތުން ޕީޖީ އޮފީހުގެ ބައެއް ވަކީލުންގެ މެދުގައި ހިތްހަމަނުޖެހުންތައް އެބަހުރި ކަމަށް ވެސް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *