މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކުރި 50 އޮފިސަރ ޓްރެއިނީގެ މަޤާމަށް މިއަދު ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަލޮޅު ސްކޫލުގައި މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށްދާ އިންޓަވިއުތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ކިޔޫ ހަދާފައިވާ ކަމަށެވެ. މި އިންޓަވިއު ކުރިއަށްދާ ގަލޮޅު ސްކޫލަށް އިމިގްރޭޝަން ކޮންޓްރޯލަރ އަޙްމަދު ފަސީޙް ވެސް ވަނީ ޒިޔާރަތް ކުރަށްވާފައެވެ.
އިންޓަވިއުގެ ފުރަތަމަ މަރުޙަލާގައި ޝަރުތު ހަމަވާ ފަރާތްތަކަށް ޓޯކަން ނަންބަރެއް ދޫކުރެވޭނެ ކަމަށާއި، މި ނަންބަރުތައް އިމިގްރޭޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ، ސާނަވީ އިމްތިޙާނުން ދެ މާއްދާއިން މަދުވެގެން ޑީ ފާސް އަދި ދިވެހިން ސީ ފާސް ލިބިފައިވާ، ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާ 40 އަހަރުން ދަށުގެ ފަރާތްތަކަށެވެ
މި 50 ވަޒީފާއަށް ހޮވޭ ފަރާތްތަކަށް 6500 ރުފިޔާގެ އަސާސީ މުސާރައާއި 1500 ރުފިޔާގެ ސަރވިސް އެލަވަންސް ލިބޭނެ ކަމަށް އިމިގްރޭޝަންގެ އިއުލާންގައިވެއެވެ
އަދި ވަޒީފާގެ ބޭސިކް ތަމްރީނު ފުރިހަމަކުރުމުން މުސާރައިގެ 35 އިންސައްތަ ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ


