ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ބޭރު ބޯޓާއި ފަޅުވެރިންތަކެއް ދޫކޮށްލައިފި

ކަނޑުމަގުން ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ހައްޔަރު ކުރި ބިދޭސީންތަކެއް ދޫކޮށްލައިފި އެވެ.

މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު 7 ކިލޯގެ މަސްތުވާތަކެއްޗާއެކު މާލެ ސަރަހައްދުން އަތުލައިގެންފާ ވަނީ ”މުތާ ޑައިމަންޑް“ ނަމަކަށް ކިޔާ ބޯޓެކެވެ. މި އޮޕަރޭޝަނަކީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެކެވެ.

މި ބޯޓު ބަލާ ފާސްކޮށް 7 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހުން ހައްޔަރު ކުރި އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 7 މީހަކާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހެކެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު މީގެ ކުރިން ދޫކޮށްލާފައިވެ އެވެ. އަދި އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރި އިރު އެ މައްސަލަ ހައި ކޯޓުން ބަލައިގެންފައެއް ނުވެ އެވެ. ހައްޔަރު ކުރި ބައެއް މީހުންގެ ބަންދުގެ މުއްދަތު ވަނީ މި ހަފްތާގެ ތެރޭގައި އިތުރުކޮށްފަ އެވެ.

ތަހުގީގު އިދާރާތަކުން ބުނެފައިވާ ގޮތުގައި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ބޮޑު ކުށެކެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ތުހުމަތުގައި ހައްޔަރުކުރެވުނު މި ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދޭންވެސް ޖެހުނީ ދައުލަތަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ”މުތާ ޑައިމަންޑް“ މިހާރު ދޫކޮށްލާފައިވާއިރު އެ ބޯޓު ވަނީ ބައެއް ފަޅުވެރިންނާއެކު ފުރައިގެން ގޮސްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *