އިމިގްރޭޝަނަށް 50 ޓްރެއިނީ އޮފިސަރުން ހޯދަން އިއްޔެ ކުރިއަށް ގެންދިޔަ ވޯކް-އިން އިންޓަވިއު އަށް ދިޔަ މީހުންގެ ތެރެއިން ޝަރުތުހަމަވެފައި ވަނީ 758 މީހުން ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މި އިންޓަވިއުގައި 40 އަހަރު ފުރިފައި ނުވާ ކޮންމެ މީހަކަށް ބައިވެރި ވުމުގެ ފުރުސަތު އޮތެވެ. އިމިގްރޭޝަނުން ބުނަފައިވަނީ ވޯކިން އިންޓަވިއުގައި 861 ފަރާތަކުން ބައިވެރިވި ކަމަށެވެ.
އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ކުރިއަށްގެންދިޔަ މި އިންޓަވިއުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަޒީފާގެ ޝަރުތު ހަމަވީ 758 މީހެއްގެ އެވެ.
އިމިގުރޭޝަނުން ބުނީ، މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
މި މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ. އަދި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށްވެސް އިމިގުރޭޝަނުން ބުނެފައިވެ އެވެ. އިމިގުރޭޝަނުން ވަނީ، ދިގު ކިއުތަކެއް އޮތް ނަމަވެސް، އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.
އިމިގުރޭޝަނުން ބުނީ، އުއްމީދަކީ މުސްތަގުބަލުގައި އިންޓަވިއުއަށް އަންނަ ފަރާތްތަކަށް ދިމާވާ ދަތިތައް މަދުކޮށް، ކިއުގައި ގިނަވަގުތު ހޭދަކުރަން ނުޖެހޭފަދަ ގޮތަކަށް މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކޮށްދިނުން ކަަމަށެވެ.


