ކަރަންޓުގެ ހިދުމަތް ދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނާކަށް ނެތް: ސްޓެލްކޯ

މިއަދުގެ މެންދުރު 1:40 ހާއިރު މުޅި މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑުނު ނަމަވެސް އެ ދެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނަން ނެތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ރާއްޖޭގެ ވެރިރަށް މާލެ ސަރަހައްދުގެ ވަރަށް ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ހަވީރު ބޭއްވި މީޑިއާ ބްރީފިންއެއްގައި ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވީ، މިހާތަނަށް ބެލިއިރުގައި "ބޮޑު އިކުއިޕްމަންޓެއް" ހަލާކުވެ އަދި "ބޮޑު ޓްރާންސްފޯމަރެއް" ގެ މައްސަލަ ވެސް ޖެހިފައި ނެތް ކަމަށެވެ.

"މެއިން އެއްވެސް ނެޓްވޯކެއްގެ މޭޖާ އެއްވެސް ކޮމްޕޯނަންޓެއްގެ މައްސަލައެއް ޖެހިފައެއް ނެތް،" ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ، މުޅި މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑުނީ އިންޓަކަނެކްޝަންގެ މައްސަލައަކުން އެކަން އަދި ބަލަމުން އަންނަ ކަމަށެވެ. ހަގީގީ މައްސަލަ ދަނެގެވޭނީ ހުރިހާ ސިސްޓަމްތައް އެނަޖައިޒް ކުރުމަށް ފަހު ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ކަރަންޓު އަލުން ދޭން ކަަމަށް ސްޓެލްކޯ އިން ބުންޏެވެ. މުޅި ސިސްޓަމް އެނަޖައިޒް ކުރަން ވެސް ވަގުތު ނަގާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ، މީގެ އިރުކޮޅެއް ކުރިން ބުނީ، މާލޭގެ ހުރިހާ ސަރަހައްދަކަށް ފަސް ގަޑިއެއްހާއިރު ފަހުން މިހާރު ކަރަންޓު އަލުން ދީފައިވާ ކަމށެވެ. އަދި ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަޖައިޒް ކޮށްފައި ކަމަށް ބުންޏެވެ.

"މި ދެންނެވި ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އަޅުގަނޑުމެންގެ އިމަޖެންސީ ނަމްބަރު 104 އަށް ގުޅުއްވުން އެދެން،" ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *