ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޕީއެސްއެމްއަށް ދެއްވި އިންޓިވިއުއެއްގައި ވިދާޅުވީ ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ކައުންސިލް އިމާރާތްތަކުގެ ތެރެއިން 50 އޮފީހެއް އަލަށް އެޅުމުގެ މަސައްކަތަކީ އެގޮތުގެ މަތިން ހިންގާ މަޝްރޫއެއް ކަމަށެވެ.
އެ މަޝްރޫއުގެ ޕީސިބިލިޓީ ހަދަން އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު މިދިޔަ މަހު ފަހުކޮޅު ވަނީ ސޮއިކޮށްފަ އެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އާ އޮފީސް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.
ޗައިނާގެ އެހީގައި ކައުންސިލް އިމާރާތް އަޅާ ރަށްތައް:
– ހއ. ވަށަފަރު
– ހއ. އިހަވަންދޫ
– ހއ. ދިއްދޫ
– ހދ. ކުމުންދޫ
– ހދ. ނޭކުރަންދޫ
– ހދ. ވައިކަރަދޫ – ށ. ފޭދޫ
– ށ. ކޮމަންޑޫ
– ށ. ގޮއިދޫ
– ށ. ނަރުދޫ
– ނ. ހެނބަދޫ
– ނ. ޅޮހި
– ނ. ފޮއްދޫ
– ނ. މަނަދޫ
– ނ. މަގޫދޫ
– ނ. ލަންދޫ
– ރ. ވާދޫ
– ރ. ހުޅުދުއްފާރު
– ބ. ކަމަދޫ
– ބ. ކުޑަރިކިލު
– ބ. ފެހެންދޫ
– ބ. އޭދަފުށި
– ބ. ތުޅާދޫ
– ބ. ކިހާދޫ
– ޅ. ކުރެންދޫ
– ކ. ހިންމަފުށި
– ކ. ކާށިދޫ
– ކ. ގުރައިދޫ
– ކ. ތުލުސްދޫ
– ކ. ގާފަރު
– އދ. ކުނބުރުދޫ
– އދ. މަހިބަދޫ
– އދ. ފެންފުށި
– މ. މުލި
– މ. ދިއްގަރު
– މ. މުލައް
– ފ. ފީއަލި
– ދ. ހުޅުދެލި
– ދ. ބަނޑިދޫ
– ތ. އޮމަދޫ
– ތ. ގާޑިއްފުށި
– ތ. ބުރުނީ
– ތ. ގުރައިދޫ
– ތ. ވޭމަންޑޫ
– ލ. މާބައިދޫ
– ލ. ކުނަހަންދޫ
– ލ. މާވަށް
– ގއ. މާމެންދޫ
– ގއ. ނިލަންދޫ
– ގދ. މަޑަވެލި
އާދަމް ޝަރީފު ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ޒިޔާރާތް ކުރެއްވިއިރު ކައުންސިލް އިދާރާތައް ހުރީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
އެހެންވެ، މި މަޝްރޫއުއަކީ އެ މަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.
ޖުމްލަ 50 ރަށެއްގައި ޗައިނާގެ އެހީގައި އެ މަޝްރޫއު ހިންގާއިރު، ޑިޒައިން އެންޑް ބިލްޑް އުސުލުން ގެންދާ އެ މަޝްރޫއުގައި ދެ ގޮތަކަށް އިމާރާތް ކުރާނެ އެވެ. ބާވަތް 1 ގެ ދަށުން އިމާރާތް ކުރަނީ 30 ކައުންސިލް އިދާރާ އެވެ. ބާވަތް 2 ގައި ހިމެނެނީ 20 އިމާރާތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.


