ރައުދުއަށް ދައުވާކޮށްފި

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލުގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅައިފި އެވެ.

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަހަމްތަކަކާ އެކު ޔުމްނު ފުރާޅުމަތީގައި އޮއްވައި ފެނުނު މައްސަލަ އާ ގުޅިގެން ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އެޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ރައުދަށް ދައުވާ ކޮށްދިނުމަށް ފުލުހުން މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމުގަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ރައުދުގެ މައްޗަށް ދައުވާ ކުރާ ސަބަބެއް ކަމަށް އެ އޮފީހުން ބުނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެންލައިޓުން 18 އެޕްރީލުގެ ފަތިހު 4:54 ހާއިރު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ ކަމަށެވެ. އަދި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *