މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ނުކުރީ، އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގައި ފުލުހުން އަމަލުކުރި އިޖުރާއަތު ގޯސްވުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ މައްސަލާގައި ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ދައުވާކުރަން ފުލުހުން އެދުނު ނަމަވެސް، އެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައެއް ނުވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ޖެހިގެން އައި ދުވަހު ފުލުހުން ނެގި އެވެ. އެ ސާމްޕަލުން އޭނާ ކެނެބިސްއަށް ޕޮޒިޓިވްވި ނަމަވެސް، އޭނާ އޭރު ހައްޔަރެއް ނުކުރެ އެވެ.
އޭނާ ހައްޔަރުކުރީ އޭގެ ހަ ދުވަސް ފަހުންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ކުރެވެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 55 ވަނަ މާއްދާ އާއި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމަށްޓަކައި ނެގޭ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ އިޖުރާއަތުގެ ދަށުން ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރަނީ ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނެގުމުގައި ފުލުހުންނަށް ލިބިދޭ އިހްތިޔާރުގެ ވާހަކަ އެވެ. އަދި ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގެ ގަވާއިދުގެ ތިން ވަނަ މާއްދާގައި ސާމްޕަލް ނެގުމަށް އެދެވޭނެ ހާލަތްތައް ބަޔާންކުރެ އެވެ. އެ ހާލަތްތަކަކީ:-
– މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައި ނުވަތަ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުން؛
– މަސްތުވާއެއްޗެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް މީހެއްގެ އަތުން ފެނުން؛
– މަސްތުވާއެއްޗެއް ބޭނުންކުރި ކަމަށް ނުވަތަ ބޭނުންކޮށްގެން ހުރިކަމަށް މީހަކު އިއުތިރާފުވުން؛
– މަސްތުވާތަކެތީގެ މައްސަލައެއް ފިޔަވައި އެހެން ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވޭއިރު އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުން.
ޝަފީއު ވިދާޅުވި ގޮތުގައި ރައުދު ކުޑަކަމުދާތަކެތި ދޭން އެންގިއިރު، އެފަދަ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. އެހެންކަމުން، ފުލުހުން ނަގާފައިވާ ކުޑަކަމުދާތަކެތީގެ ސާމްޕަލްގެ ރިޕޯޓަށް ރިއާޔަތްކޮށް ރައުދުގެ މައްޗަށް ދައުވާ އުފުލޭނެ ހާލަތެއް ނެތް ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
ރައުދުގެ ސާމްޕަލް ނަގާފައިވަނީ އޭނާއާ ސުވާލު ކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު އެވެ. ނަމަވެސް، އޭނާ އޭރު ހުރީ ފުލުހުންގެ ބެލުމުގެ ދަށަކު ނޫނެވެ. އަދި އޭނާގެ އަތުގައި މަސްތުވާތަކެތި ބެހެއްޓި ކަމުގެ ތުހުމަތެއް ނެތްއިރު، އެފަދަ އެއްޗެއް އޭނާގެ އަތުން ފެނިފައެއް ވެސް ނުވެ އެވެ.


