ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން މިއަދު ނިންމައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރަށް ހައި ކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އޭނާ އަދާކުރި މަގާމުގެ ގޮތުން ބާރާއި ނުފޫޒު އޮންނާނެތީ އާއި ހެކިބަސް ދޭން ތިބި މީހުންނާ ގާތް ގުޅުމެއް އޮތުމުގެ ސަބަބުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.
އެ އަމުރަށް ހައި ކޯޓުން ތާއިދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ޝަރީއަތް ހިންގުމަށްފަހު، މިއަދު ކުރި ހުކުމްގައި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން ޝަހީދު ކަނޑައެޅުއްވީ އެ ނިންމުން ގާނޫނާ ހިލާފުވި ގޮތެއް ޝަމްއާންގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ.
ފަނޑިޔާރުގެ އެ ރައުޔަށް ދާދިފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުالله ހަމީދު ތާއީދު ކުރެއްވި އެވެ. ނަމަވެސް، އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔު ތަފާތެވެ.
ފަނޑިޔާރު ޝުޖޫން ވިދާާޅުވީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނާ ނަމަ، އެކަމަށް ބާރުދޭ ކަންކަން ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މައްސަލާގައި އޮތީ ދައުލަތުން ބުނާ ބުނުމެއް އެކަނި ކަމަށެވެ. އަދި އެންމެ ކުޑަމިނުން ޝަމްއާނާއި ހެކިވެރިންނާ އޮތް ގާތް ގުޅުމެއް ވެސް ބުނެ ނުދޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ، ދައުލަތުން ބުނާ ބުނުމުގެ މައްޗަށް އެކަނި ބަލައިގެން، ގާނޫނުއަސާސީގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ހާލަތެއް ވުޖޫދުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.
ނަމަވެސް، ޝަމްއާން އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް އެ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެވަޑައިގެންނެވި އެވެ.
ޝައްމާން 15 ދުވަހަށް ބަންދު ކުރަން އެދުނުއިރު، އޭނާގެ މައްޗަށް ކޮށްފައި އޮތީ ކޮރަޕްޝަންގެ ތުހުމަތެވެ.


