ރައީސުލްޖުމްހޫރިއްޔާ ފަހަތުން ގޮތެއް ފޮތެއްނެތި ނޫސްވެރިން ދުވުން މުޑުދާރު ގޮތްކުޑަ އަމަލެއް!

އަހަންނަކީވެސް ނޫސްވެރިއެކެވެ. ލިއުންތެރިއެކެވެ. އެހެންނަމަވެސް މީޑިއާ ބިލާ ގުޅިގެން ބައެއް ނޫސްވެރިންގެ އަމަލުތައް ހުރީ އަހަރެން އެކަންކަމަށް ތާއީދުކުރާ ގޮތަކަށް ނޫނެވެ. ނޫސްވެރިކަން ކަންކަމާ އިހްތިޖާޖުކުރަން ވާނީ ސިޔާސީ ޕާޓީތަކުން އިހްތިޖާޖް ކުރާ ގޮތަކަށް ނޫނެވެ. ސިޔާސީ އެކްޓިވިސްޓުންގެ އަމަލުތައް ހުންނަ ގޮތަކަށް ނޫނެވެ. އެހެންނަމަވެސް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ނޫސްވެރިންގެ ކިބައިން ފެނުނީ ސިޔާސީ އެކްޓިވިސްޓުންގެ ކިބައިން ފެންނަ ފަދަ މަންޒަރެކެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮފީހުން ގެއަށް ވަޑައިގެންނެވި ވަގުތު އެމަނިކުފާނު ފަހާ ނޫސްވެރިން ދިޔައިރު އަމަލުތައް ބެހެއްޓި ގޮތެވެ.

އެއީ ކަނޑައެޅިގެން ގޯހެކެވެ. ރައީސް އޭރު އެވަޑައިގެންނެވީ މީޑިއާ ބިލާމެދު ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ނޫސްވެރިންނަށް އެއްގަޑިއިރު ރައީސް އޮފީހުގައި ދެއްވާފައެވެ. އެބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ދެއްކި ހުރިހާ ވާހަކައެއް އެމަނިކުފާނު އަޑުއެއްސެވިއެވެ. އަދި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ވިސްނަވާނެ ކަމަށްވެސް އެބައްދަލުވުމުގައި ވިދާޅުވިއެވެ.

ގައުމެއްގެ ރައީސެއްގެ ދުވަހުގެ ޝެޑިއުލުން އެއްގަޑިއިރު އެއްކަމަކަށް ޚާއްސަކޮށްދެއްވުމަކީ އެކަމެއްގެ މުހިއްމުކަން ދޭހަކޮށްދޭ ކަމެކެވެ. އެހެންކަމުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުން އެމަނިކުފާނަށް އިންތިހާއަށް މުހިއްމުކަން މިކަމުން އެނގިގެން ދިޔައެވެ.

އެބައްދަލުވުމަށް ފަހު އޮފީހުން ނިކުމެވަޑައިގެންނެވުމުން، ދެން ނޫސްވެރިން އެމަނިކުފާނު ވަށާލާކަށް ނުޖެހެއެވެ. އަދި ފަހަތުން ދުވެ، އަޑުގަދަކޮށް ހަދާކަށްވެސް ނުޖެހެއެވެ.

މިކަމުން ދޭހަކޮށްދެނީ ނޫސްވެރިންވެސް އިމުގެ ތެރެއަށް ފައްތަން ޖެހިފައިވާކަމެވެ. އިންތަކާއި މިންތަކުގެ ތެރޭގައި ތިބުމަށް ދަސްކޮށްދޭން ޖެހިފައިވާކަމެވެ. މީޑިއާ ބިލަކީ އެފުރުސަތެވެ. އެޓާނީ ޖެނެރަލް ވިދާޅުވި ފަދައިން މީޑިއާ ރެގިއުލޭޓްވާން އެބަ ޖެހެއެވެ. ނޫސްވެރިން ދޭންވީ އެކަން ކުރާނެ ގޮތުގެ ހިޔާލެވެ. ބޮޑާ ހޭކުމެއް ނެތިއެވެ.

ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅިގެން، ނޫސްވެރިން ކުރަމުންދާ އިޙްތިޖާޖުތަކާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ، ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ ވަރަށް ސާދާކޮށް ކަމަށެވެ. އެގޮތުން، މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު ދިމާވާ އެކި އުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ، ރާއްޖޭގެ ގިނަ ބަޔަކު ވަރަށް އުފާވާ އަދި މަދުން ނޫނީ ނުފެންނަ ސިފައެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް، މަގުމަތިން ރައީސުލްޖުމްހޫރިއްޔާ އަށް ގަނާކޮށް، ފުރައްސާރަކޮށް، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާގޮތަށް ބަޔަކު މަގުމަތިން އެމަނިކުފާނާ ދިމާކުރެއްވި މަންޒަރު އިއްޔެ ފެނިގެން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދު ނޫންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"ބަދަލު ހިފުމާއި ޒާތީ ތަޢައްޞަބުން ދުރުހެލިވެ، ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފައި." ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޝަރުޢީ ނިޒާމު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ، ވީދެމުންދާ އިޖުތިމާޢީ ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ، ޤައުމުގެ ކުރިމަގު އުޖާލާއެއް ނުވާނެކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، މި ޤައުމަށް ސަހަރޯވެރިވެ، ޤައުމު ހަމަ މަގަށް އަޅުވަން ތިބޭނީ ދިވެހި ރައްޔިތުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން މިދަނީ ހާމަވަމުންކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ވިދާޅުވުމަށް އަހަރެންވެސް ތާޢީދުކުރަމެވެ. އެއީ ހަގީގަތެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓްކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރަމުންދާ އިޙްތިޖާޖުތަކަށް ރައްދު ދެއްވާ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ސަރުކާރުން ނޫސްވެރިންނަށް ދީފައިވާ ފުރުޞަތުތަކަށް އަލިއަޅުއްވާލާ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މަޖިލީހުގެ ސުޕާ މެޖޯރިޓީއެއް ލިބިވަޑައިގެންފައިވާއިރު، އެ ބާރުގެ ބޭނުން ހިފަމުންދަނީ ކެތްތެރިކަމާއި ޑިމޮކްރެޓިކް އުޞޫލުތަކަށް އިޙުތިރާމް ކުރުމާއެކު ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު އިންތިޚާބުވެފައިވަނީ، ކުރީގެ ސަރުކާރުގެ އިޤްތިޞާދީ ނާކާމިޔާބީތަކާއި ދަރަނިތަކުން ޤައުމު ސަލާމަތް ކުރެއްވުމަށް ރައްޔިތުން ދެއްވި ވަރުގަދަ ވޯޓަކުންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މިހާރު ހިނގަމުންދާ އަޑުއުފުލުންތަކަކީ ޢާންމުކޮށް ސިޔާސީ ބޭނުންތަކެއް ހާޞިލުކުރުމަށް، ކުރީގެ ނާކާމިޔާބީތަކުގެ ޒިންމާދާރު ފަރާތްތަކުން ކުރަމުންދާ ކަންކަން ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވަނީީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، ރާއްޖޭގެ ނޫސްވެރިންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން މިއަދު މިދަނީ ފެނި ހާމަވަމުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވަނީ ނޫސްވެރިންނަށް އިއްޔެ އެކަނިވެސް ދީފައިވާ ފުރުޞަތުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން:

  • ހެނދުނުއްސުރެ ގްރީންޒޯންގައި ނޫސްވެރީން މުޒާހަރާކޮށް ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔުން.
  • ނޫސްވެރިންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އިންފޮމޭޝަން މިނިސްޓަރާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރ އެއްވެތިބި ނޫސްވެރީންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވާ ވާހަކަތައް އަޑުއެއްސެވުން.
  • ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރީންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނާ ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ހުރިހާ ވާހަކައެއް އަޑުއެއްސެވުން.
  • ރައްޔިތުން މަޖިލީހަށް ހުށަހެޅިފައި އޮތް ބިލަށް ނޫސްވެރީން ބޭނުން ވަރަކަށް ޚިޔާލުތަކާ އިޞްލާޙުތައް ހުށަހަޅަން 10 ދުވަހުގެ ފުރުޞަތެއް ހުޅުވާލުން.
  • އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ކެތްތެރިކަން އިސްކުރެއްވުން.
  • ނޫސްވެރީންގެ ސުވާލުތަކަށް ލައިވް ޕްރެސްއެއް ބާއްވަވާ ބަންޑާރަނައިބު ޖަވާބު ދެއްވުން.
  • ބަންޑާރަނައިބުގެ ޕްރެސްގައި އިޙްތިޖާޖުކޮށް ބޭނުން އަޑެއް އުފުލަންވެސް ނޫސްވެރީންނަށް ފުރުޞަތު ދެއްވުން.

މުހައްމަދު މުއިއްޒު އަދުނާނު އޭނާގެ ފޭސްބުކުގައި ލިއުއްވާފައިވަނީ މިފަދައިންނެވެ؛

"ނޫސްވެރިންގެ އަދި ނޫސްވެރިކަމުގެ ޙައްޤުތައް ގެއްލޭކަމަށް ނުވަތަ އެޙައްޤުތައް އުނިވާކަމަށް ނޫސްވެރިންނަށް ފެންނަނީ ނަމަ އެކަމާމެދު މުޒާހަރާކޮށް، އަޑުއުފުލާ، ޙައްޤުތައް ޙިމާޔަތްކުރުމުގެ ޙައްޤު، ޤާނޫނުން ދީފައިވާ ތަރަހައިގެތެރޭ، ނޫސްވެރިންނަށް ލިބިގެންވެއެވެ.
ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީވެސް ޙައްޤު ހޯދުމަށް ނުވަތަ ގެއްލުނަ ނުދިނުމަށް މަސައްކަތް ކުރެވިދާނެއެވެ. ރިވެތި ގޮތުގައި އަޑުއުފުލިދާނެވެސްމެއެވެ.
އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ މަގުމަތީ ހިންގަވާފައި ވަޑައިންނަވަނިކޮށް، އެމަނިކުފާނަށް ފުރައްސާރަކޮށް، އެމަނިކުފާނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތަކަށް ދަތިވާގޮތަށް ކަންކުރުމީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫނެވެ."

ރާއްޖޭގެ މީޑިއާތަކަށް ހަނި ފިޔަވަޅުތަކެއް އެޅޭ ގޮތަށް މަޖިލީހަށް ހުށައަޅާފައިވާ މި ބިލު، އިއްޔެ ވަނީ މަޖިލީހުގެ ތަޅުމުގައި ބަލައިގަނެފައެވެ. ނޫސްވެރިން މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ނެގުމަށް ގޮވާލާ އިޙްތިޖާޖު ކުރަމުން ދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށާއި، މި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި، މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

ހަމަ މިއާއެކު، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީޑިއާ ރެގިއުލޭޓްކުރަން ޖެހޭކަން އިހްތިޖާޖުކުރަމުން ގެންދާ ނޫސްވެރިންގެ އަމަލުތަކުން ދަނީ ހާމަވަމުންނެވެ. މިކަމުގައި އަހަރެންނަށް ފެނުނީ ރައީސް މުޢިއްޒުގެ ސިޔާސީ ތޫނުފިލިކަމެވެ. ނޫސްވެރިން ގުއިރޯނެއްގައި ޖެއްސެވީއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *