މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ މާލޭސިޓީގެ މޭޔަރުކަމަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޖެނެރަލް ރިޓަޔާޑް މޫސާ ޖަލީލް ކަމަށް އެލްޖީއޭގެ ސީއީއޯ އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ކޮންގްރެސްޕާޓީގެ މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިމާލް ވަނީ މޫސާ ޖަލީލްގެ ޚިދުމަތް ފާހަގަކުރައްވާފައެވެ. އަދި އަދުގެ ޒުވާނުންނަށް ބުނެދެއްވީ ޖަލީލަކީ 3 ނޮވެމްބަރުގެ ހީރޯއެއްކަމަށާއި، އެދުވަހު ދިވެހިންގެ މިނިވަންކަމަށް ޖަލީލް ވެ ލެއްވި މަތިވެރި ޤުރުބާނީގެ މަތިން ހަނދާންކޮށް ޖަލީލަށް ވޯޓު ދެއްވުން މުހިންމުކަމަށެވެ. އެދުވަހު ކެރިވަޑައިގެން ހަތިޔާރާއެކު ތަމަޅައިންނާއި ހަނގުރާމަކޮށް ޤައުމުގެ މިނިވަންކަން ދިފާޢުކޮށްދެއްވި ހީރޯއަކު ވޯޓަށް އެދުމުން އަޅުގަނޑުމެން އެކަން ކޮށްދޭން ޖެހޭނެ ކަމަށް ނިމާލް ވިދާޅުވިއެވެ.
ނިމާލް އިތުރަށް ތަފްސީލު ކޮށްދެއްވީ އިހުގައި މާލެތެރޭގެ މުނިސިޕަލް ކަންކަމާއި، އާންމު އުނދަގުލުގެ މައްސަލަތައް ހައްލުކުރުމުގައި ސިފައިން ދެއްކެވި ނަމޫނާގެ ވާހަކަތަކެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ދިމާވާ މީދަލުގެ އުނދަގޫ ފަދަ ކަންކަމަށް ވެސް އެޒަމާނުގައި ހައްލު ގެނެސްދެއްވީ ދިވެހި ސިފައިން ކަމަށާއި، ތަރުތީބެއް ނެތި ހުރި މިފަދަ މައްސަލަތައް ހައްލުކޮށްދީ މާލެސިޓީ ބަދަލުކޮށް ދެއްވާނެ ބޭފުޅަކަށް ސިފައިންގެ ޚިދުމަތުން ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރައްވާފައިވާ ޖަލީލް ވެގެން ދާނެކަމަށް ނިމާލް ވިދާޅުވިއެވެ.
އަދި މިއަދު އަޅުގަނޑުމެން މިނިވަންކަމާއެކު ނޭވާލާން ދިމާވި އެއް މަދަދުގާރަކީ ވެސް މޫސާ އަލީ ޖަލީލްކަން ނިމާލް ހަނދާން ކޮށްދެއްވިއެވެ.


