ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ގަރާރުގެ ސައްހަކަމާމެދު ސުވާލެއް ނެތް!

ލިޔުނީ ދޭސީ މުޙައްމަދު

ދައުލަތް ހިންގުމުގެ ކަންކަމުގައި ރައްޔިތުންގެ ކިބައިން މަޝްވަރާ ކުރުމާއި މަޝްވަރާ އެހުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އެ ރައްޔިތުންގެ ލަފާ އެހުމާއި، ކަންކަމާމެދު ދެކޭގޮތް އަހައި އޮޅުން ފިލުވުމަކީ ގައުމު ހިންގުމުގައި ރައްޔިތުންގެ ދައުރާއިމ ބައިވެރިވުން އިތުރު ކުރެވޭނެ ކަމެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައި 2026 ފެބުރުވަރީ 16 ވީ، 18 ޝައުބާން 1447 ވީ ހޯމަ ދުވަހު ވަނީ ގަރާރު (ނަންބަރު: 2026/2) ނެރުއްވާފައެވެ. މި ގަރާރަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު: 15/2025) ގެ 10 ވަނަ މާއްދާގެ ބާރު ލިބިވަޑައިގެން ނެރުއްވާފައިވާ ގަރާރެކެވެ.

މި ގަރާރަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މި ދެ އިންތިހާބު އެއްކޮށްލައިގެން، ބޭއްވުމާމެދު ރައްޔިތުންގެ ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ 'ފެންނަ، ނުފެންނަ ވޯޓު' ނެގުމާއި ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެވެ. މި ގަރާރުގައި، މި ގަރާރު ނެރުއްވުމަށް ގާނޫނީ ގަވާއިދުގެ ތެރެއިން ލިބިވަޑައިގަންނަވާ ދުސްތޫރީ ބާރުތަކާއި، ގާނޫނީ ހުއްޖިއްޔަތު ބަޔާންކުރައްވާފައިވެއެވެ. އަދި މި ގަރާރާއެކު އޮތުމަށް ގާނޫނު ލާޒިމުކުރާ މައުލޫމާތު ކަރުދާސްވެސް ގަރާރުގެ ބައެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދިހަ ވަނަ މާއްދާ މާއްދާގައި އޮތީ 'މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމެނިފައި އޮންނަންވާނެއެވެ.' މިހެންނެވެ.

10 ވަނަ މާއްދާގައި އޮތް ދެ ޖުމްލައަށް ބަލާއިރު، އެ ދެ ޖުމްލައިގެ އޮޕަރޭޓިވު ލަފުޒަކީ ހުއްޖިއްޔަތެވެ. ހުއްޖިއްޔަތުގެ މާނަ ގާނޫނުގައި ބަޔާންކޮށްފައި ނެތެވެ. އަދި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވެސް ނެތެވެ. އެހެންކަމުން މި ލަފުޒުގެ މާނަ ދެނެގަންނާން ޖެހޭނީ ރަދީދު ނުވަތަ ބަސްފޮތްތަކުގެ އަލީގައި ކަމާމެދުވެސް ބަހުސެއް ނެތެވެ. ހުއްޖަތަކީ ބަހުން ދައްކާ ހެއްކެވެ. ބަހުން ދައްކާ ހެއްކަކީ އެމީހަކު ބުނާ އެއްޗެއްގެ ބާރު ދައްކައި ދިނުމުގެ ގޮތުން ނަގާ އާގިއުމެންޓެވެ. ނުވަތަ ދިފާއެވެ. އެއީ، ހިޔާލަކަށް، އަމަލަކަށް، ނަޒަރިއްޔާއަކަށް ދީފައިވާ ސަބަބެއް ނުވަތަ ސަބަބުތަކަކަށް ވެދާނެއެވެ. މިސާލަކަށް؛ ކޯޓަކުން މައްސަލައެއް ނިމުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާ ނުކުތާ ތަކަކީ މައްސަލަ ނާކިޔާބުވި މުވައްކިލު ނުވަތަ ވަކީލުގެ ހުއްޖަތްތަކެވެ.

'ހުއްޖަތް' މި ލަފުޒަކީ އަރަބި ބަހުގެ ހުއްޖަތް (حُجّة) މި ލަފުޒުން ދިވެހިބަހަށް ހިޖުރަކޮށްފައިވާ ލަފުޒެކެވެ. އަދި މި ލަފުޒާއެކު ދިވެހި ބަހުގައި ވަކި ހިއްޕާލާފައިވާ އަނެއް ބަހަކީ އަރަބި ބަހުގެ 'ބުރުހާނު' (برهان) މި ލަފުޒެވެ. މި ލަފުޒުގެ ދިވެހި މާނައަކީ ހެކި ނުވަތަ ދަލީލެވެ. އެހެންކަމުން ހުއްޖަތް މި ލަފުޒާއި، ބުރުހާނުގެ މާނައަކީ އެއްގޮތް މާނައެއް ދިވެހި ބަހުގައި އޮތް ލަފުޒެކެވެ. އަރަބި ބަހުގައި ހުއްޖަތުގެ މާނައަކީ ދަލީލު، ބުރުހާނެވެ. އެހެންކަމުން މިއީ، އެއް މާނައެއް ދޭހަކޮށްދޭ ދެ ލަފުޒެވެ. އަރަބި ބަހުން އާއްމުކޮށް ވާހަކަ ދައްކާ އުޅުމުގައި ހުއްޖަތުގެ މާނައަކީ ކަމެއްގެ ސައްހަކަން ނުވަތަ ލިޔުމެއްގެ ސައްހަކަން އަންގައި ދިނުމުގެ ގޮތުން ބުނެއުޅޭ ބަހެކެވެ.

ދިވެހި ބަހުގައިވެސް އާއްމުކޮށް ވާހަކަ ދެއްކުމުގައި ހުއްޖަތް މި ލަފުޒު ބޭނުންކުރާ ގޮތް ތަފާތެވެ. މިސާލަކަށް؛ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ ޢަބުދުﷲ 'އެކިއެކި ހުއްޖަތް ދައްކައިގެން އިންތިހާބު ފަސްކުރުމަކީ މުޑުދާރު އަމަލެއް' ކަމަށްއެމްޑީގެ ގައުމީ މަޖިލީހުގައި 8 މާޗް 2022 ގައި ވިދާޅުވިކަމަށް 'ދެން' ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މިތާގައި ހުއްޖަތުގެ މާނައަކީ ބަހަނާ ދެއްކުމެވެ. މިއީ، ދިވެހި ބަހުގެ ރަދީފުގައި ހުއްޖަތް މި ބަހަށް ދީފައިވާ މާނަތަކުގެ ތެރެއިން މާނައެކެވެ. 'ދައްކާ ބަހަނާއެވެ.' ދިވެހި ބަހުގެ ރަދީފުގައި 'ބަހަނާ' މި ބަހުގެ މާނައަށް ދީފައިވާ އެއްމާނައަކީ 'ތިމާގެ ބޭނުމާ އެއްގޮތަށް ކަމެއް އަނބުރާލަންވެގެން ދައްކާވާހަކައާއި މެދުވެރިކުރުވާ ސަބަބު' އެވެ. އެހެންކަމުން ކަމެއް ކުރުމަށް ދައްކާ ބަހަނާއަކީވެސް ހުއްޖިއްޔަތެކެވެ. މި ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއެކު އެކުލަވާލާ މައުލޫމާތު ކަރުދާހުގައި ބަޔާންކުރާ ދެ އިންތިހާބު އެއްކޮށްލުމާ އެއްކޮޅަށް ހުރި ސަބަބުތަކަކީ ނުވަތަ ބަހަނާއަކީ ހުއްޖިއްޔަތު ކަމުގައި ގަބޫލުކުރަން ޖެހެއެވެ. އަދި މިކަމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 4/2011) ވަނަ މާއްދާގެ (ށ) އިން ބާރު ލިބިދޭ ކަމެކެކެވެ.

ރައީސް މުހައްމަދު ނަޝީދު 6 ފެބުރުވަރީ 2021 ގައި ކުރެއްވި ޓުވީޓު (އެކުސް) އެއްގައި ވިދާޅުވެފައިވެއެވެ. 'ކުރިއަށް އޮތް ކައުންސިލް އިންތިހާބު ފަސްކުރަން ސަބަބާއި ހުއްޖަތުތައް ހޯދަން އުޅުމަށްވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް.' އެވެ. މި ޖުމްލައިގައި ބަސްތައް އެތުރިފައިވާ ގޮތަށް ބަލާއިރުވެސް ހުއްޖަތުގެ މާނައަކީ އިންތިހާބު ފަސްކުރުމަށް ދައްކާ ސަބަބެވެ. ދިވެހި ބަހުގެ ރަދީފުގައި 'ސަބަބު' މި ބަހަށް ދިފައިވާ މާނައަކީ (1) ކަމެއް މެދުވެރިވާން ދިމާވި ކަންތައް؛ (2) ބުއްދިއަށް ފެންނަ ހަމަ؛ (3) ކަމަކުން ނުވަތަ މައްސަލައަކުން ސަލާމަތް ވުމަށް ދައްކާ ވާހަކަ؛ (4) ވަސީލަތް އެވެ. އެހެންކަމުން، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންނަށް ފެންނަ ގޮތެއް ކަނޑައެޅުމަށްޓަކައި ފެންނަ، ނުފެންނަ ވޯޓު ނެގުމުގައި ރައީސުލްޖުމްހޫރިއްޔާ މެދުވެރިކުރުވާ ވަސީލަތަކީ  (1) 'ރިޔާސީ އިންތިހާބުތަކުގައްޔާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާޞުތަކުގައި ވޯޓުލާފައިވާ ނިސްބަތަށް ބަލާއިރު، ރިޔާސީ އިންތިހާޞުގައި ވޯޓުލުމަށް ނުކުންނަ ރައްޔިތުންގެ ނިސްބަތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވުރެ އިތުރުކަމަށް ފާހަގަކުރެވޭތީ، ދެ އިންތިހާޞު އެއްކޮށް ކުރިއަށް ގެންދިޔުމުން، ދެ އިންތިހާބުގައިވެސް ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވެ، ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް މަގުފަހިވުން؛ (2) ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެއް އަމާޒަކަށް ބާރަށް ކުރިއަށް ގެންދިއުމާއި، ތަރައްގީގެ މަޝްރޫއުތައް ހަލުވިވުމާއި، ދައުލަތް ހިންގުން ހަރުދަނާވެގެން ދިއުން؛ (3) ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަށްޓަކައި، ކޮންމެ އިންތިހާބަކަށް އެތައް މިލިޔަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ހަރަދުކުރަންޖެހޭއިރު، ގާތްގާތުގައި އާއްމު ދެ އިންތިހާބު ބޭއްވުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދައިން އެތައް މިލިޔަން ރުފިޔާއެއް ސަލާމަތްވެގެން ދިޔުން؛ (4) ރައްޔިތުންގެ ލާބައާއި މަންފާއަށް، ރައްޔިތުންގެ އަސާސީ ހަރަދުތައް ކުރުމަށް އިތުރަށް މަގުފަހިވެގެން ދިއުން"؛ "އަމާންކަމާއި ސުލްހަވެރިކަން އިތުރުވެ، އިގުތިސާދީ ހަމަޖެހުމަށް މަގުފަހިވެގެންދިޔުން؛ (5) ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން އިތުރުވެ، އިގުތިސޯދީ ހަމަޖެހުމަށް މަގުފަހިވެގެން ދިޔުމުގެ ސަބަބުން،  ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރެވި، ދިވެހިރާއްޖޭގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާ އިގްތިސާދީ ޔަގީންކަން އިތުރުވެގެން ދިއުން.' އެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ ބުއްދީގެ މަންތިގީ ހަމައިގެ މައްޗަށް ރިއާޔަތްކޮށް، މި ފެންނަ، ނުފެންނަ ވޯޓުގެ ނެގުމުގެ ގާނޫނީ ހުއްޖިއްޔަތު ލިބިގެން ދެއެވެ.

ގާނޫނާއި ގަވާއިދުގައި 'ހުއްޖަތް' މިލަފުޒުގެ ވަކި މާނައެއް ދީފައި ނެތުމުން ދެން ބަލާން އޮތް އެންމެ އެކަށީގެންވާ އުސޫލަކީ ގާނޫނާއި ގަވާއިދު އެތުރިފައިވާ ގޮތެވެ. މިގޮތުން، ގާނޫނާއި، ގަވާއިދުގެ އަލީގައި ކުރިމަތީގައި އޮތް ސުވާލަކީ މި ކަރުދާސް އޮންނަށްވީ ކިހިނެއް ހެއްޔެވެ؟ މި ސުވާލަށް މަގު ދައްކަނީ ގާނޫނުގެ 14 ވަނަ މާއްދާއެވެ. އެމާއްދާގައި ވަނީ 'މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެކުލަވާލާ މައުލޫމާތު ކަރުދާސް އޮންނަންވީ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.' ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްނު ވޯޓު ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2025/R-98) ގެ 5 ވަނަ މާއްދާގައި ވަނީ މައުލޫމާތު ކަރުދާހުގައި ހިމެނެންވީ ބައިތަކުގެ ތަފުސީލު ހިމަނާފައެވެ. އަދި އެ ތަފުސީލުތަކުގެ ތެރޭގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރެއްގައި ހުންނަށްވީ ކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު ގެ 10 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުތުތައް ހިމަނާފައިވެއެވެ. އަދި އެ ގަވާއިދުގެ 5 ވަނަ މާއްދާގެ ޖަދުވަލު-2 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރާއެކު އެކުލަވާލާ މައުލޫމާތު ކަރުދާސް އޮންނަށްވީ ގޮތުގެ ނަމޫނާ ހިމަނާފައި ވެއެވެ.

އެހެންކަމުން، މި ނަމޫނާއާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާފައިވާ މައުލޫމާތު ކަރުދާހަކީ ބާތިލު ކަރުދާހެއްކަމުގައި ބަލާނެ ގާނޫނީ ހުއްޖަތެއް ނުވަތަ ބުރުހާނެއް ނެތެވެ. އަދި 'ހުއްޖަތު' މި ލަފުޒުގެ މައްޗަށް ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކީ ޝަރުތު ހަމަނުވާ ބާތިލު ގަރާރެއް ކަމުގައި ގާނޫނީ ގޮތުން ނުބެލެވޭނެއެވެ.  އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ މި ގަރާރަކީ ބާތިލު ގަރާރެއްކަމަށް ބުނާ ބުނުމަކީ، ގާނޫނީ ބާރުވެރިކަމެއް ނެތް ބާތިލު ބުނުމެކެވެ. އަދި ކިއެއްތަ؟ ގާނޫނީގޮތުން ބަދެވިފައިވާ ސައްހަ ގަރާރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *