ބަންކަރިން ހިދުމަތުން އެސްޓީއޯއަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް

މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން އެ ކުންފުންޏަށް މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ޝިމާދު ވިދާޅުވީ އެ ކުންފުނިން ތެލުގެ ވިޔަފާރީގައި ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް އިހަވަންދިއްޕޮޅު ސަރަހައްދުގައި ފެށި ނަމަވެސް އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށެވެ.

"އިހަވަންދިއްޕޮޅުގައި އަޅުގަނޑުމެން މަސައްކަތް ފެށީ. އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް ނަމަވެސް މާލެ ސަރަހައްދުގައި އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ރަނގަޅު،" ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި މިފަހުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް އެ ކުންފުނިން ބަންކަރިންގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމުގަ އެވެ. އެގޮތުން 1،200 ޓަނުގެ ތެޔޮ ވިއްކާފައިވާކަން ފާހަގަކުރެއްވި އެވެ.

"މިއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންލައިނާސްތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން މި ހިންގާ ޓްރާންސްސެކްޝަންތައް ރަނގަޅަށް ދާކަން،" ޝިމާދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *