މައްކާ ރޫޓު އިނީޝިއޭޓިވް އިފުތިތާހު ކުރުމަށް ސައުދީގެ ވަފުދުތައް ރާއްޖެއަށް

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފުތިތާހު ކުުރުމަށް ބާއްވާ ތާރީހީ ޖަލްސާއަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދުތައް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

މި އިނީޝިއޭޓިވްއަކީ 2018 ވަނަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުން އަންނަ ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ. މިއީ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ ބެއްލެވުމުގެ ދަށުން ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި މި މަހު ރާއްޖެ ހިމަނައި، ހައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި ތަންފީޒު ކުރުމުގެ ތައްޔާރީތަކަށް އެޑްވާންސް ޓީމެއް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މި އިނީޝިއޭޓިވްގެ ދަށުން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

އިނީޝިއޭޓިވް އިފުތިތާހު ކޮށްދެއްވާނީ އަންނަ ހޯމަ ދުވަހު ބާއްވާ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. އެ ޖަލްސާއަށް ސައުދީގެ ހައްޖު މިނިސްޓްރީ އާއި އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވް ހިމެނޭހެން މަތީ ފެންވަރުގެ 42 ބޭފުޅަކު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ތެރެއިން ފުރަތަމަ ވަފުދު މިއަދު މެންދުރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.

މީޑިއާތަކާ މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ވަފުދުގައި އިސްކޮށް ވަޑައިގަންނަވާނީ މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައުދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒް އަލްޔަހްޔާ ކަމަށެވެ. އެމަނިކުފާނަކީ ވަޒީރު ފެންވަރުގެ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *