ގެދޮރުވެރިޔާ ސްކީމްގެ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން ހުށަހެޅި ޝަކުވާތައް، މިމަހުގެ ނިޔަލަށް ބަލައި ނިންމަށް މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާ ގެދޮރިވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވެފައިވަނީ މިދޔަ އޭޕްރިލް މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.
4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އަލުން ބަލަން ނިންމާފައިވަނީ، އާއްމުންގެ ގިނަ ޝަކުވާތަކެއް ހުރި މައްސަލައަކަށްވުމާއި އަދި ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމެނޭކަމަށް އެންޓި ކޮރަޕްޝަން ކޮމިށަނުގެ ތަޙުޤީހުން ހާމަވުމާ ގުޅިގެންނެވެ.
އެ މަސައްކަތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ ބެލިބެލިވުން، އެސްކީމުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން 2180 މީހުން ޝަރުތު ހަމަނުވާކަމަށް ކޮމިޓީގެ ނިންމުންތަކަށް ބެލުމަށްފަހު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފަވެއެވެ.
އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދިން ދޮޅު މަހުގެ މުއްދަތު އޭޕްރިލްމަހުގެ 15ވަނަ ދުވަހު ހަމަވިއިރު 8602 ޝަކުވާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށަހަޅާފައިވެއެވެ.


