ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢުގެ ދަށުން ށ. އަތޮޅުގެ 10 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ތަޢާރަފުކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި އެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫޢަކީ ކަސްޓަމަރުންގެ އަސާސީ ބޭންކިންގ ޚިދުމަތްތައް، ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގޭ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މި މަސައްކަތް މިހާ ހަލުވި ސްޕީޑެއްގައި ގެންދެވޭކަމީ ބޭންކުން ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި ބީއެމްއެލްއިން ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ގާއިމުކޮށްފައިވެއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގައި ތިބެގެން ޒަރޫރީ ބޭންކިންގެ ވަސީލަތްތައް ހޯދޭނެ އޭޓީއެމް ގާއިމު ކުރުމަށް ބޭންކުގެ ޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވަނީ އޭޓީއެމް ވިއުގަ ފުޅާކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލައްވައިފައެވެ. މިގޮތުން ޝަރީފް ވިދާޅުވީ ރަށްރަށުގެ ކަސްޓަމަރުންގެ މާލީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ބީއެމްއެލްއިން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ހާމަކުރެއްވިއެވެ.
ށ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް އަލަށް ފެށި 10 ރަށް:
- މަރޯށި
- ފީވަށް
- ނަރުދޫ
- ޅައިމަގު
- ފޯކައިދޫ
- ކަނޑިތީމު
- ގޮއިދޫ
- ނޫމަރާ
- ފޭދޫ
- ބިލެއްފަހި
ބޭންކް އޮފް މޯލްޑިވްސްއަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ގާއިމުކޮށްފައިވާ ބޭންކެކެވެ. މިގޮތުން 20 އަތޮޅުގައި 39 ބްރާންޗް، 133 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބޭންކުން ފޯރުކޮށްދެއެވެ. ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށްކަމަށް އެ ބޭންކުން ބުނެ އެވެ.


