ގޭންގް މައްސަލަ ހައްލުނުވެ އޮތީ އެކަމަށް ”ޕޮލިޓިކަލް ވިލް“ ނެތުމުން، މޫނަށް ކަނދުރާއަކަށް ނުބަލާނަން: ރައީސް

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ކުރިން ނުކުޅެދިފައިވަނީ އެކަމަށް ”ޕޮލިޓިކަލް ވިލް“ ނެތުމުން ކަމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުދާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

ބިލު ތަޞްދީޤުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ ހައްސާސް މައްސަލަތައް ހައްލުކުރުމަށް އެންމެހާ ރައްޔިތުންގެ ބައިވެރިވުން މުހިންމު ކަމަށެވެ. އަދި މި ބިލުން، ރައްޔިތުންގެ އެއްބާރުލުމާއެކު، ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

”މިފަދަ ބިލެއްގެ އަމާޒަކީ ބަޔަކު ކުށްވެރިކުރުމެއް ނޫން. ކުށުގެ ވެށިން ރައްޔިތުން ސަލާމަތްކުރުން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބިލުގައި، ގޭންގާއި ގޭންގުކުށް ކޯޓު މެދުވެރިކޮށް ކަނޑައެޅުމާއި، ފައިސާ ޚަރަދުކުރާ ފަރާތްތައް ހުއްޓުވުމާއި، އެފަދަ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގުމާއި، ކުޑަކުދިން ގޭންގްތަކާ ގުޅުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ މާއްދާތައް ހިމެނެ އެވެ.

ޤާނޫނުގެ އެންމެ މުހިންމު އެއް ބަދަލަކީ ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި، ގޭންގުތަކާއި އަދި ގޭންގުތަކާ ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުމެވެ. މީގެ އިތުރުން، ގޭންގުތަކަށް ފައިސާ ޚަރަދުކުރާ ފަރާތްތައް ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅޭނެ އެވެ. ޤާނޫނުގެ ދަށުން، ގޭންގުތަކާ ގުޅިގެން ނުވަތަ އެނޫން ބޮޑެތި ކުށްތަކުން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް، އެފަދަ ގޮތްގޮތުން ހޯދާފައިވާ ފައިސާއާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުމުގެ އިޚްތިޔާރު ލިބިގެންދާނެ އެވެ. އަދި ގޭންގު ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ބާރުވެސް ލިބިދެ އެވެ.

ކުޑަކުދިން ގޭންގުތަކާ ގުޅުމާއި، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، ޚާއްސަ މޮނިޓަރިން ކުރިއަށް ގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުމާއި، ކުށްކުރާ މީހުން މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *