ހޯޕް އައިލެންޑްއައް ހަތަރު ފަރާތަކުން ޕްރޮޕޯސަލް ހުށައަޅައިފި

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް އުތުރު ތިލަފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ހޯޕް އައިލެންޑްއަށް 4 އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ އައު ގޭންގު ކުށްތަކުގެ ޤާނޫނު ތަސްދީޤުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ހޯޕް އައިލެންޑަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ޕްރޮޖެކްޓެއްގެ ގޮތުގައި، ރިހެބިލިޓޭޝަން ނިޒާމުގެ ތެރެއިން ކުދިންނަށް ހާއްސަކޮށް ދޭންޖެހޭ ފަރުވާތަކާއި އިންޓަރވެންޝަންތައް ހިންގުމަށް ޑިޒައިންކުރެވޭ މަޝްރޫއެކެވެ.

”މިހާރު އެ މަސައްކަތް ގޮއްސަ އޮތްހިސާބަކީ މިމަހުގެ 18 ވަނަ ދުވަހާއި ހަމަޔައް 4 އިންވެސްޓަރުން އެބައިން އަޅުގަނޑުމެންނަށް އިންޓްރެސްޓް ހުރިކަމަށް ފާޅުކޮށްފަ،“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި، ޝައުގުވެރިކަން ފާޅުކޮށްފައިވާ އިންވެސްޓަރުންނަށް ބޭނުންވާ މައުލޫމާތު ދިނުމުގެ މަސައްކަތް މިއަދާއި މާދަމާ ކުރިއަށް ގެންދާނެ އެވެ. އަދި އެއްމަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަފްސީލީ ޕްރޮޕޯސަލްތައް ހުށަހެޅުމަށްފަހު، ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ ތެރެއިން މަޝްރޫއު ހަވާލުކުރާނެ ފަރާތެއް ހޮވޭނެ އެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހޯޕް އައިލެންޑްގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ އެވެ. އަދި އެތަނުގައި ރިހެބިލިޓޭޓްވާ ކުދިން 18 އަހަރު ފުރުމުން، ފުލުހުންގެ ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއެކު، ވަކި މުއްދަތަކަށްފަހު އެކުދިން ޝައުގުވެރިވާ ދާއިރާތަކަށް ނިކުތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ އަލީ އިހުސާން ކުރިން ވިދާޅުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *