ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެންމެ މަތިން މާކްސް ލިބުނީ ސަލީމް އަދި ހަމީދުއަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ފަނޑީޔާރު އަބްދުﷲ ހަމީދު އެންމެ މަތިން މާކްސް ހޯއްދަވައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

އެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއިރު އެ ބޭފުޅުންގެ ތެރެއިން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދެއްވާފައިވަނީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

ފަނޑިޔާރު މުހައްމަދު ސަލީމް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރައްވާފައިވަނީ 2022 އޮގަސްޓް 9 ދުވަހު އެވެ. އެމަނިކުފާނު ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފަ އެވެ. ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް، ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާއިބު އަހުމަދު، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، އިބްރާހިމް އަލީ އަދި މުހައްމަދު އިބްރާހިމް އެވެ.

ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގައި ބުނެފައިވަނީ، ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި މިގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެމަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. މީގެތެރެއިން އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވުމަށް އޮތީ ހުށަހަޅުއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *