ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުކަމުގައި ބަލާނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނޮވެމްބަރު 15، 2023 ގައި އާންމު ކުރި ފްލެޓް ލިސްޓުކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ނޫސްވެރިންނަށް މައުލޫމަތު ދެއްވުމަށް ރައީސް އޮފީހުގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުރީގެ ލިސްޓަށް ބެލުމަށް ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތަށް ފަހު ނެރުނު ލިސްޓާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލާ، އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ރައީސް މުއިއްޒު އާންމުކޮށް އިއުލާން ކުރައްވާފައިވާ ސިޔާސަތު ތަމްފީޒު ކުރުމުގެ ގޮތުން ބަންޑާރަ ނައިބުގެ ލަފަޔާއެކު ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެމްބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކޮށްފައިވާ އިއުލާނާއެކުވާ ލިސްޓުގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތައް.
މިގޮތަށް ނިންމާފައިވުމުން ފައިނަލް ލިސްޓުގެ ގޮތުގައިވެސް އަދި އެހެން ލިސްޓެއްގެ ގޮތުގައިވެސް އިތުރު ލިސްޓެއް ނުނެރޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ބަދަލު ގެނައި ނަމަވެސް ކުރީގެ ލިސްޓަށް އަމަލު ކުރާނީ އޭސީސީން އަންގާފައިވާ އެންގުންތަކާއި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނި ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި 15 އަހަރު މެދުނުކެނޑި ދިރިއުޅުކަން ސާބިތު ކުރާ ގޮތަށްވެސް ބަދަލުގެނެސްފައިވާކަން މިނިސްޓަރު ހާމަ ކުރެއްވި އެވެ. އެގޮތުން 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފެށިކަން ރަސްމީ ލިޔެކިޔުމަކުން އެނގޭނަމަ އަދި 15 އަހަރުގެ މުއްދަތުގައި އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރިކަން ޔަގީން ނުކުރެވޭނަމަ އެ މީހަކު ބަލާނީ އެއީ 15 އަހަރު މެދުނުކެނޑި މަލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ނިންމުމާއެކު ވަރަށް ގިނަ ފަރާތްތަކަކަށް ފްލެޓް ލިބިގެންދާނެ ކަމަށާއި ލިސްޓުން އުނިވާނީ ވަރަށް މަދު ބައެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.


