ރައީސްގެ އިލްތިމާސްއެއް ސިފައިންނަށް: ވަޠަނީ ހިދުމަތަށް ނިކުންނަ ޒުވާނުން ހަރުދަނާ ބަޔަކަށް ހަދައިދީ

މޯލްޑިވްސް ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީީ ހިދުމަތަށް ނިކުންނަ ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހަދައިދިނުމަށް، ޤައުމީ ހިދުމަތުގެ އެ ޕްރޮގްރާމް ކުރިއަށްގެންދާ ސިފައިންގެ ޓްރެނަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ، ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ (ޓްރެއިނަރުންނާ) މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ޤައުމިއްޔަތުގެ ވިސްނުން ހުރި، އަދި ރިވެތި އަޚްލާޤާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނު ކުރުމަކީ މުހިންމު ކަމެއް ކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އެއްވެސް އިޝްތިހާރެއް ނުކުރެވި ވެސް މި ޕްރޮގްރާމަށް 900 އާ ގާތްކުރާ އަދަދެއްގެ ޒުވާނުން ކުރިމަތިލާފައިވުމަކީ މި ޕްރޮގްރާމަށް ބެލެނިވެރިންނާއި ޒުވާނުންގެ ފަރާތުން ލިބިފައިވާ ތާއީދުގެ ހެއްކެކެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތައް

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި:

ޤައުމިއްޔަތުގެ ރޫޙު އާލާކުރުން
އިސްލާމްދީނަށް ލޯބިކުރާ ޒުވާނުން ބިނާކުރުން
ޤައުމީ ޚިދުމަތަށް ތައްޔާރު ޒުވާނުން އުފެއްދުން
އަޚްލާޤާއި ސުލޫކު ރަނގަޅު ޖީލެއް ބިނާކުރުން
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މޯލްޑިވްސް ނެޝަނަލް ސަރވިސްގެ ތަމްރީންގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި ފެށޭ ޖޫން މަހުގެ 1 ވަނަ ދުވަހުގެ 1200 ގެ ނިޔަލަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *