ޓެގް އަޅުވައި ދޫކޮށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބައެއް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން މޮނިޓަރިން ޓެގް އެޅުވުމަށް ފަހު މިހާތަނަށް ތިން މީހަކު ދޫށްލާފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ތިން މީހުން ކަމަށް ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން މިހާތަނަށް ދޫކޮށްފައި ވަނީ އިބްރާހިމް ރަޝާދު، މ. ބަދުރު، މުހައްމަދު ނަމީން، ތ. ގުރައިދޫ އަދި މުހައްމަދު ނާޖިހު، ށ. މިލަންދޫ އެވެ.

އޭގެ ތެރެއިން 42 އަހަރުގެ އިބްރާހިމް ރަޝާދަކީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުން ނުވަތަ ކެނެބިސް ބޭނުންކުރުމުގެ ތުހުމަތުކުރާ މީހެކެވެ. އަދި 24 އަހަރުގެ ނަމީނާއި ނާޖިހަށް ވެސް ކުރަނީ ކެނެބިސް ބޭނުންކުރުން ނުވަތަ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

އިބްރާހީމް ރަޝާދަކީ 980 ގްރާމްގެ މަސްތުވާތަކެތި ހުރި ޕެކޭޖަކާ ހަވާލުވާން ޕޯސްޓް އޮފީހަށް ދިއުމުން މިދިޔަ އަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތީގެ އިތުރު މައްސަލަތަކުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.

އޭނާގެ ކޯޓު އަމުރުގައި ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިދިޔަ މެއި މަހުގެ 27 ގައި ކޯޓު އަމުރު މުރާޖާކޮށްދޭން އެދިފައިވާ ކަމަށެވެ.

އެ މައްސަލާގައި ޕީޖީ އޮފީހުން ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ކުށުގެ ރިކޯޑާއި ހެކިބަސް ދޭން ތިބި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން ކަމަށްވާތީ އާއި އޭނާއަކީ ތުހުމަތުވާ ކުށް ކުރުމުގައި އިސް ފަރާތެއް ކަމަށް ނުބެލެވޭތީ އާއި އޭނާ ބަންދުން ދޫކުރި ނަމަވެސް އޭނާ އުޅޭ ނޫޅޭ ގޮތް ބަލަން ޓެގް އަޅުވާނެ ކަމަށެވެ. އެ ހުށަހެޅުމާ އެކު އޭނާއާ ގުޅޭ ރިސްކް އެސެސްމެންޓް ރިޕޯޓު ވެސް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.

އެ މައްސަލާގައި އޭނާ ދޫކޮށްލީ ކޯޓުން އަންގާ ގަޑިތަކެއްގައި ކޯޓަށް ހާޒިރުވާ ގޮތަށާއި ދިރިއުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ، އެކަން ކޯޓަށް އަންގަން ޝަރުތުކޮށްފަ އެވެ. ކޯޓުން ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ނުދިއުމަށާއި ޓެގް އެޅުވުމާ ގުޅޭ އިގްރާރުގައި ބަޔާންކުރާ ކަންކަމަށް ފުރިހަމައަށް އެއްބަސްވެ، އިގްރާރުވާ ކަންކަމާ އެއްގޮތަށް އުޅުމާއި ޓެގް ނައްޓުވާނުލުމަށާއި އެއަށް ގެއްލުން ލިބޭ ކަންކަން ނުކުރުމަށް ޝަރުތުކޮށްފަ އެވެ. އަދި ޓެގް އަޅުވައިގެން ވަކި ސަރަހައްދަކަށް ދާން މަނާ ނަމަ، އެކަން ނުކުރުމަށާއި ރޭގަނޑު 11:00 އާއި ފަތިހު 5:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދާ މެދު ގޮތެއް ނިންމަން 24 ގަޑިއިރުގެ ތެރޭގައި ހާޒިރުކުރާ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *