މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިއާގައި ހުންނަވަނިކޮށެވެ. އެނގިފައިވާ ގޮތުގައި ޝެއިހް މެލޭޝިއާއަށް ވަޑައިގެންނެވީ ވެސް މިއަދު އެވެ.
މެލޭޝިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންނެވި ފަރީދު އެއާޕޯޓްގައި ހުއްޓާ ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ޝެއިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ.
އޭނާއަކީ ދީނީ އިލްމުވެރިޔާ އަލީ ޒައިދުގެ ކޮއްކޮ އެވެ.


