ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދު ނިޔާވެއްޖެ

އަށާރަ ވަނަ ރައްޔިތުންގެ މަޖިލިހުގައި ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހްމަދު ރަޝީދު މިއަދު ނިޔާވެއްޖެ އެވެ.

ރަޝީދު ނިޔާވުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޭނާއަކީ ސިޔާސީ ގިނަ މަސައްކަތްތަކެއް އެކުގައި ކުރައްވާފައިވާ ބޭފުޅެއް ކަަމަށެވެ. ރަޝީދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާ ރައީސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ރަޝީދަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ، މީހުންނާ ގުޅިގެން މަސައްކަތް ކުުރެއްވުމުގައި ފާހަގަކުރެވޭ ފަރާތެއް ކަމަށެވެ. ޕާޓީއަށް އަގުނުކުރެވޭ ފަދަ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ.

ރަޝީދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.

އޭރު ވެރިކަން ކުރަމުން ދިޔަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ވާދަކުރައްވައި މަޖިލިހަށް ހޮވިވަޑައިގެންނެވި ރަޝީދު ވަނީ މާލިއްޔަތު ކޮމިޓީ އާއި ގައުމީ ސަލާމަތުގެ ކޮމިޓީ އާއި މިިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ އިތުރުން ގައުމީ ތަރައްގީގެ ކޮމިޓީގެ މެމްބަރުކަން އަދާކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *