މެލޭޝިއާގައި އަވަހާރަވި ރާއްޖޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ މައްޗަށް އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށު ނަމާދު ކުރަން ނިންމައިފި އެވެ.
ޝެއިހްގެ އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެނައުމަށެވެ. އެކަމަކު ހަށިގަނޑު މެލޭޝިއާ އިން ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވި އެވެ. އެހެންވެ، އާއިލާއިން މިހާރު ނިންމާފައިވަނީ ފަރީދުގެ ޖަނާޒާ އެ ގައުމުގައި ބޭއްވުމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ކުރިއަށް ގެންދަން އާއިލާއިން ނިންމަވާފައިވާތީ، ޝައިހުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝެއިހް ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޝައިހު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.


