މެނިންގޯކޮކަލް ބަލީގައި ރާއްޖެއިން ޒުވާނަކު ނިޔާވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މި މަހުގެ 7 ގައި އެ ބަލީގައި ނިޔާވީ އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ނިޔާވީ މެލޭޝިއާ އަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި ތަނާ އެވެ.
ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ފެތުރޭ ގައިންގަޔަށް އަރާ އެބަލީގައި ޒުވާނާ ނިޔާވުމާ ގުޅިގެން އޭރު އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސިން ހަދައިފަ އެވެ.
އެ މަސައްކަތް ނިންމައި، އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަރުވި ޒުވާނާއާ ކޮންޓެކްޓްވި އެއްވެސް މީހެއްގެ ބަލީގެ އަލާމާތްތައް ފެނިފައިނުވާ ކަމަށާއި ބަލި ޖެހިފައިވާ އިތުރު މީހަކު ވެސް ފެނިފައިނުވާ ކަމަށެެވެ.
"މިހާތަނަށް ބަލި ޖެހިފައިވާ އިތުރު އެއްވެސް ކޭސްއެއް ފެނިފައިނުވޭ." އޮފިޝަލް ވިދާޅުވި އެވެ.


