ސްކޭމްތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ

ސްކޭމްގެ މައްސަލަތަކާ ދެކޮޅަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދި ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ ޕްލަސް އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިވެ، މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެއީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އޭޕްރީލް މަހު 28 އިން މިދިޔަ މޭ މަހު 28 އަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހަތް ގައުމަކުން ބައިވެރިވި އެވެ. ހުރިހާ ގައުމަކުން 2،700 އަށް ވުރެ ގިނަ ފުލުހުން މި އޮޕަރޭޝަންގައި ހަރަކާތްތެރިވި އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ފްރޮންޓިއާ ޕްލަސް ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު އެ ނެޓްވޯކްގައި ރާއްޖޭގެ އިތުރުން ސިންގަޕޫރާއި އޮސްޓްރޭލިއާ އާއި ކެނެޑާ އާއި ހޮންކޮންގާއި ތައިލެންޑާއި ކޮރެއާ އާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި މަކާއޯ ހިމެނެ އެވެ.

އެ ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި އިންޓެލިޖެންސް ހިއްސާ ކުރުމާއި ސްކޭމް ހުއްޓުވުމާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުން ކަމަށް ފުލުހުން ބުންޏެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *