ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް ބައި މިލިއަން، މަހަކު 70،000ރ. ލިބޭ ގޮތަށް އިސްލާހެއް

ޝަރަފުވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގައި ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް މިހާރު ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާނަމަ އެވެ.

ނަމަވެސް، ޖޭއެސްސީން މިހާރު ނިންމާފައިވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރުންނަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ. އެގޮތުން، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލެވެންސް އާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށް ވަނީ ހިމަނައިފަ އެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

މިހާރު ގަވާއިދު އޮތްގޮތުން، ރިޓަޔާވާއިރު އެއްފަހަރާ ދޭ އިނާޔަތް ހިސާބު ކުރުމުގައި މުއްދަތު ގުނާނީ އެ ފަނޑިޔާރަކު ފަހުން އައްޔަންކުރި ތާރީހުން ފެށިގެން ރިޓަޔާ ކުރުމާ ދެމެދު ހިދުމަތްކުރި މުއްދަތެވެ. އަދި މަހުން މަހަށް ދޭ އިނާޔަތް ހިސާބު ކުރާނީ ފަނޑިޔާރުކަމުގައި ކުރިން ހިދުމަތްކޮށްފައިވާ މުއްދަތާއި ފަހުން ފަނޑިޔާރު ކަމަށް އައްޔަންކުރި މުއްދަތު ގުޅުވައި، ރިޓަޔާ ކުރުމާ ހަމަޔަށް ފަނޑިޔާރު ކަމުގައި ހިދުމަތްކުރި މުޅި މުއްދަތަށެވެ.

ޖޭއެސްސީން ގަވައިދަށް މި ބަދަލު ގެންނަން ނިންމާފައި ވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރެއްވި އުއްތަމަ ފަނޑިޔާރު މުއުތަސިމަށް މިހާރު ގަވާއިދު އޮތްގޮތުން އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ އަދަދަށް ވުރެ އެތައް ގުނައެއް އާ އިސްލާހާ އެކު ބޮޑުވެގެންދާނެ އެވެ. އަދި އެ ބަދަލާއެކު، އެމަނިކުފާނަށް ގަނޑުކޮށް ގާތްގަނޑަކަށް ފަސް ލައްކައެއްހާ ރުފިޔާ ރިޓަޔާމަންޓް އެލެވެންސްގެ ގޮތުގައި ލިބޭނެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ފަނޑިޔާރު ކަމުގައި ނުވަ އަހަރާއި ހަ މަހާއި 11 ދުވަސް ހޭދަ ކުރައްވާފައި ވާއިރު، ދައުލަތަށް އެމަނިކުފާނު ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވަނީ ވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *