ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްގެ މައްސަލާގައި ބައެއް މީހުން ކޯޓަށް، ވަގުތީ އަމުރެއް ނެރެނުދިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް މީހުންނާ އެކު، އެ ސަރުކާރުން ހެދި އެއްބަސްވުމާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރަން ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިބޫގެ ސަރުކާރުން އާންމުކޮށް، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް އެ ފްލެޓްތަކުގެ މަސައްކަތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެކު ހަދާފައިވާ އެ އެއްބަސްވުންތަކަށް އަމަލު ނުކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އޭގެ ތެރެއިން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މީހުން މައްސަލަ ހުށަހެޅީ ކުރިން ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށާއި އެއްބަސްވުމާ އެއްގޮތަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފްލެޓް ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެ މީހުން އެދުނީ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ހުރަސް އެޅޭނެ ކަމެއް ނުކުރުމަށާއި އެ ފްލެޓްތައް މީހުން ފިޔަވައި އިތުރު ބަޔަކާ ހަވާލު ނުކުރަން އަމުރެއް ނެރުމަށެވެ.

ނަމަވެސް، ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އެފަދަ ވަގުތީ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. އެ ކޯޓުގެ ނިންމުމުގައިވަނީ ފްލެޓްތަކުގެ ދާއިމީ ލިސްޓް އަދިވެސް އިއުލާންކޮށްފައި ނުވާއިރު، އެއްވެސް މީހަކަށް ކުރިން ދޭން ނިންމާފައިވާ ފްލެޓެއް ނުދިނުމަށް ނުވަތަ ކުރިން މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ ކަމެއް މިވަގުތު ކުރިއަށް ނުދާތީ އެފަދަ އަމުރެއް ނެރެންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *