މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެ އޮތްގޮތަށް އާންމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
މިއީ އާދަޔާ ހިލާފު ބޮޑު ހާދިސާއެއް އަދި ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން އުފެއްދި ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓު، ސެންސަރު ކުރުމެއް ނެތި އާންމު ކުރަން ރައީސަކު ނިންމެވި ފުރަތަމަ ފަހަރެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވީ އެ މަހުގެ ފަހުކޮޅު އެވެ. ގާތްގަނޑަކަށް ދެ މަސްދުވަހު އެ ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ތައްޔާރުކުރި ރިޕޯޓް ރައީސަށް ފޮނުވީ މިއަދެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.
އެ ކޮމިޝަނުން ބޭއްވި ހަމައެކަނި މީޑިއާ ބްރީފިންގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މެންޑޭޓުގައި އޮތީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށްފި ތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެކަން ކޮށްފައި ނެތް ނަމަ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.


