ކުރީގެ ރައީސް ވަހީދު އިންވެސްޓަރުންނަށް؛ ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް!

ރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އިންވެސްޓަރުންނަށް ދެއްވައިފި އެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ވަހީދު އެ ޔަގީންކަން ދެއްވީ އެމެރިކާގެ ނިއުޔޯކްގައި ބޭއްވި މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް އޮފީހުން ބުނީ ގުދުރަތީ ވަސީލަތްތައް މަދު، ޖިއޯގްރެފީގެ ގޮތުން އެކަހެރިކޮށް އޮތް ރާއްޖެ، ދުނިޔޭގައި ނަން ހިނގާ ޓޫރިޒަމްގެ މަންޒިލަކަށް ބަދަލުވީ އުނދަގޫ ކަންކަން ތަހައްމަލުކޮށް، ކެތްތެރިވެ އަދި ހާލަތާ އެއްގޮތަށް މަސައްކަތް ކޮށްގެން ކަމަށް ވަހީދުގެ ވާހަކަފުޅުގައި ވިދާޅުވި ކަމަށެވެ. ރާއްޖޭގެ ވިލުންތެރިކަމާއި ގެންނަ އިސްލާހީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ވެސް އެމަނިކުފާނު ވާހަކަދެއްކެވި އެވެ.

ވަހީދު ވިދާޅުވީ ވަކިން ހާއްސަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އައި ލޮޅުންތަކުގެ ހިރާސް ބޮޑު ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލި ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާ އެކު، އެ ހީކުރުންތައް ބާތިލުކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެންވީ ކަމެއް ނޫނެވެ. އެއީ ދިވެހިންގެ ތަފާތު ކަމާއި އަޒުމުގެ ސާބިތުކަމާއި ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ގައުމީ ކުރިއެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ 2040ގެ ތަސައްވުރު ވެސް އިންވެސްޓަރުންނާ ހިއްސާކުރައްވައިފަ އެވެ. އެއީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ދަރަޖައަށް ރާއްޖެ ގެންދިއުމަށް ރައީސް މުއިއްޒު ތައާރަފުކުރެއްވި އިސްތިރާޖެއް ކަމަށް ވަހީދު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *