މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި, ޔުމްނުއާއި ޔުމްނު ވެއްޓުމުގެ ކުރިން އެކުގައި އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލު ވެސް ނަގަން ޖެހޭނެ ކަމަށް އެ މައްސަލައާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފި އެވެ.
ފުލުހުންގެ ރިޕޯޓާއި ކުޑަކަމުދާ ތަކެތީގެ ވެސް ރިޕޯޓާ ހަވާލަދީ އިންކުއަރީ ރިޕޯޓުގައި ބުނީ އެ ހާދިސާ ހިނގިއިރު ދެ މީހުންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އަދި ޔުމްނު ވައްޓާލީކަމަށް ވެސް އަދި ފުންމާލީ ކަމަށް ވެސް ބެލެވެން ނެތް ކަމަށާއި ބެލެވެނީ ފެންޓެނޯއީ ގޭގެ ނުވަަވަނަ ފަންގި ފިލާގެ ކުޑަ ދޮރުން ވެއްޓުނީ ކަމަށެވެ.
ހަމަ އެހެންމެ އެ މައްސައިގައި ޔުމްނުގެ ބަޔާން މިހާތަނަށް ވެސް ނުނެގި އޮތުމާއި އަދި އެރޭ ހިނގައި ދިޔަ ކަންކަމުގެ ހަނދާނެއް ނެތް ކަމަށް ރައުދު ބުނި ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ
އަދި ރައުދުއާއި ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިހުތިޔާރުގައި ކަމަށްވާތީ އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ ދެ މީހުން ވެސް އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގުކޮށް ރައުދުގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު އެ ދައުވާގައި ޔުމްނު ވައްޓާލުމުގެ ދައުވާ ކޮށްފައެއް ނުވެއެވެ.
އެ މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމުގަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.


