ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބުނު ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި، މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުން ހިމެނޭތީ، އެ މީހުން ޝަރުތު ހަމަނުވާ ކަން ހައުސިން މިނިސްޓްރީން އަންގަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 4،000 ފްލެޓަށް އެދުނު މީހުންގެ ތެރޭގައި މީގެ ކުރިން ހިންގި އެކި މަޝްރޫއުތަކުގައި ފްލެޓް ލިބުނު މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނިފައި ކުރިން އޮތަސް ރިވިއު ކުރި ލިސްޓާ އެކު ފްލެޓް ގެއްލިފައިވާތީ އެކަން ލިޔުމުން އަންގަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު ހާސް ފްލެޓަށް އެދުނު މީހުންގެ ތެރޭގައި އެބަތިބި އެ މީހެއްގެ އަމިއްލަ ނަމުގައި އެހެން ފްލެޓެއް ހުރި މީހުން. މިސާލަކަށް ވިނަރެސް ވިޔަސް ހިޔާ ފްލެޓެއް ވިޔަސް ކުރިން ލިބިފައި އޮތިއްޔާ 4،000 ފްލެޓުގެ ތެރޭގައި އެ މީހަކު ނުހިމެނޭނެ ކަން މިހާރު މި އަންގަނީ. ޝަރުތު ހަމަނުވާކަން އަންގަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެކަން ބެލީ އޭނާ ވިދާޅުވިގޮތުގައި ކަމާ ގުޅުން ހުރި އިދާރާތައް މެދުވެރިކޮށް އެއްކުރި މައުލޫމާތުގެ އަލީގަ އެވެ.
ބޯހިޔާވަހިކަމަށް ސަރުކާރުތަކުން ހުޅުވާލާ ހުރިހާ ސްކީމެއްގައި ވެސް ފްލެޓް ހަވާލުކުރަން ބަލާއިރު، އިތުރު ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅަ އެވެ. ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ނަމަ، އޭގެ ތެރެއިން އެކަކު ފްލެޓް އިހްތިޔާރުކުރުމުގެ ފުރުސަތު ދެ އެވެ.


