ޕައިލެޓުންގެ ވަޒީފާ ނުއުފެދޭތީ އިތުރު ފުރުސަތު މިވަގުތަށް ހުޅުވައެއް ނުލާނެ: އަމީން

ރާއްޖޭގައި ބޭނުންވާ ވަރަށް ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތުތައް ނުއުފެދޭތީ ލޯނު ސްކީމުގެ ދަށުން ޕައިލެޓުކަން ކިޔެވުމަށް މިވަގުތަށް ދެން ހުޅުވާނުލާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޕައިލެޓުކަން ކިޔަވައިގެން ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯ އާއި ޕައިލެޓުކަން ކިޔަވަން ލޯނަށް ހުޅުވާލާނެތޯ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް އޮޕަރޭޓު ނުކުރޭވެނެ ކަމަށެވެ. އެހެން ގައުމެއްގައި ވެސް ދިވެހި ކެޑޭޓު ޕައިލެޓުންނަށް އެއާލައިނުތަކުގައި މަސައްކަތްކުރަން ނުލިބޭ ކަމަށާއި އެ ތަންތަނުގައި ވެސް މަސައްކަތް ކުރަން ލިބެނީ ތަޖުރިބާ ހުރި ޕައިލެޓުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އޭވިއޭޝަން ގްރޯތު ހުރީ ހަތް ޕަސެންޓުގަ އެވެ. މިދިޔަ ހައެއްކަ އަހަރަށް ބަލާއިރު، ކެޑޭޓް ޕައިލެޓުން ތަމްރީނުކޮށް، ދޭންޖެހޭ ތަމްރީނުތައް ދީފައި ވަނީ އަހަރަކު ވިއްސަކަށް ނުވަތަ ބާވީހަކަށް މީހުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ޓީއެމްއޭ އިން އެކަންޏެވެ.

އެ ދާއިރާ އިން ކިޔަވާ ކުދިންނާ އެއްވަރަށް ވަޒީފާގެ ފުރުސަތުތައް ނުއުފެއްދޭތީ ކަންބޮޑުވުން ފާޅުކުރައްވަމުން އަމީން ވިދާޅުވި ގޮތުގައި އެ ހާލަތުގައި އޮތުމުން އާންމުން ހޭލުންތެރިކުރުމުގައި ސަރުކާރެއްގެ ޒިންމާ ވެސް އެބަ އޮވެ އެވެ.

އަމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޕައިލެޓުކަން ކިޔެވުމަށް 500 މީހުންނަށް ލޯނު ދޫކުރިއިރު އަމިއްލަ ހަރަދުގައި ވެސް 200 އެއްހާ މީހުން އައީ ޕައިލެޓުކަން ކިޔަވަމުން ކަމަށެވެ. ނަތީޖާ ރަނގަޅު އެތައް މީހުންނެއް ޕައިލެޓުކަން ކިޔަވަމުން އަންނައިރު އެ މީހުންނާއި އެ މީހުންގެ މައިންބަފައިންނަށް ވެސް ރާއްޖޭގައި ވަޒީފާގެ ހާލަތު އޮތްގޮތް ސާފު ނޫން ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *