104 މަސާޖް ޕާލާ ބަންދުކޮށްފި

ފާއިތުވި އެއްމަސްދުވަހުގެ ތެރޭގައި ޤާނޫނާއި ޚިލާފަށް މާލެ ސިޓީގައި ހިންގަމުންދިޔަ 104 މަސާޖް ޕާލާ ބަންދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް  ވިދާޅުވީ އަތޮޅުތަކާއި ވެރިރަށް މާލޭގައި ވެސް ގަވައިދާ ހިލާފަށް މަސާޖުޕާލާތައް ހިންގާ ކަމަށާއި އެ ތަންތަން ބަންދު ކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު، އެއްވެސް ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 9 އަކުންފެށިގެން، ގާތްގަނޑަކަށް 1 މަސްތެރޭގައި މާލެ ސިޓީން 104 މަސާޖް ޕާލަރ ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފާހިޝް އަމަލުތައް ހިންގާތީ ބަންދުކުރަންޖެހޭ 200 އަށް ވުރެ ގިނަ މަސާޖުޕާލާ މާލޭގައި އެބަހުރި ކަމަށާއި އެ ތަންތަން ހިންގާ މީހުން ވެސް އަވަހަށް އެ މަސައްކަތް ހުއްޓާލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17 އިން ފެށިގެން އެކި މައްސަލަތަކުގައި ހިމެނޭ 922 ބިދޭސީއަކު ޑީޕޯޓުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ނޮވެމްބަރު މަހުގެ 15 ފެށިގެން ބަޔޯމެޓްރިކްސް ނުދީ މާލޭގެ މަގުތަކުގައި ޙަރަކާތްތެރިވެފައިވާ 362 ބިދޭސީންވެސް ހިމެނޭކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *