ހުޅުމާލެ ފޭސް ތިނަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް %87 ހިއްކައި ނިމިފައިވާ ކަމަށް، އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މި މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ޖުމްލަ 63 ހެކްޓަރުގެ ބިމެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މިހާރު 55 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދުވެލި ހަލުވިކުރަން ދެ ޑްރެޖަރަކުން ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ޕްރިންސް ޑަރ ނެދަލޭންޑެން އާއި، އޮރަންޖް އެވެ. އެ ދެ ޑްރެޖަރުގައި ވެސް 22،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް ހުރެ އެވެ.
އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކުންފުނީގެ އަމާޒަކީ މި މަހުގެ މެދުތެރޭގަ މުޅި މަޝްރޫއުގެ މަސައްކަތް ނިންމާލާ، ސަރުކާރާ ހަވާލުކުރުމެވެ.
މި މަސައްކަތް ކުރަމުން ދަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް އިންނެވެ. އެ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްއޭސީއެލް އިން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއެވެ.


