ސަރަހައްދީ މަސްލަހަތަށްޓަކައި އީރާނަށް ހަމަލާ ނުދިނުމަށް ގަލްފް ގައުމުތަކުން އެމެރިކާގެ ކިބައިން އެދިއްޖެ؛ އެމެރިކާއިން އަދި އިޖާބައެއް ނުދޭ

މިހާރު އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާއިން އެ ގައުމަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް، ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގަލްފުގެ ގައުމުތަކުން އެފަދަ ހަމަލާއެއް ނުދިނުމަށް އެމެރިކާއަށް ބާރުއަޅަމުންދާ ކަމަށް 'ވޯލް ސްޓްރީޓް ޖާނަލް' އިން ރިޕޯޓްކޮށްފިއެވެ.

ނޫހުގައި ބުނެފައިވާ ގޮތުން، އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި، އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން ގަލްފުގެ ގައުމުތަކުން ރަސްމީ ސިފައެއްގައި ވަކި އެއްޗެއް ބުނުމަށް ވަނީ އިއުތިރާޒުކޮށްފައެވެ. ނަމަވެސް، ސައުދީ އަރަބިއްޔާ، އޮމާން އަދި ގަތަރުގެ އޮފިޝަލުން އަންނަނީ އީރާނުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ ދުނިޔޭގެ ތެލުގެ ބާޒާރު ގަޑުބަޑުވެ، އެމެރިކާގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބުނެ އެމެރިކާއަށް އިންޒާރު ދެމުންނެވެ.

ގަލްފުގެ ގައުމުތަކުން އެންމެ ބޮޑަށް ކަންބޮޑުވަނީ އީރާނަށް ދޭ ހަމަލާއެއްގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ. ހާއްސަކޮށް، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ބަންދުވެއްޖެނަމަ، މުޅި ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށް އެ ގައުމުތަކުން ގަބޫލުކުރެއެވެ.

ސައުދީ އޮފިޝަލުން ވަނީ އެ ގައުމަކީ މިފަދަ ކުރިމަތިލުމެއްގެ ބައިވެރިއަކަށް ނުވާނެ ކަމަށާއި، އީރާނަށް ހަމަލާދިނުމަށް އެމެރިކާއަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމުގެ ޔަގީންކަން އީރާނަށް ދީފައެވެ.

ޓްރަމްޕްގެ ސަރުކާރުން މިހާތަނަށް އަސްކަރީ ހަމަލާއެއްގެ ފުރިހަމަ ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫހުގައި ބުނެފައިވެއެވެ. ވައިޓް ހައުސްއިން ބުނާ ގޮތުގައި ރައީސް ޓްރަމްޕް ގެންދަވަނީ އެކި ގޮތްގޮތުން މަޝްވަރާ ކުރައްވަމުންނެވެ. އޭގެ ތެރޭގައި:

  1. އީރާނުގެ ސަރުކާރުގެ އަމާޒުތަކަށް އަސްކަރީ ހަމަލާދިނުން.
  2. ސައިބަރ އެޓޭކްތައް ދިނުން.
  3. އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން.
  4. އިންޓަނެޓް މެދުވެރިކޮށް ސަރުކާރާ ދެކޮޅު ހަރަކާތްތަކަށް އެހީތެރިވުން.

އިރާނުން ބުނެފައިވަނީ، އެ ޤައުމަށް އެމެރިކާއާ އިސްރާއީލުން އެއްވެސް ހަމަލާއެއްދީފިނަމަ، ރައްދުގައި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެހެނިހެން ތަންތަނަށް ވަގުތުން ހަމަލާތައް އަމާޒުކުރާނެ ކަމަށެވެ. އަދި މަޝްވަރާތަކަށް އެ ޤައުމު ތައްޔާރަށް އޮތްކަމަށް ބުނެފައިވެ އެވެ. ނަމަވެސް ރޭގަ ވަގުތެއްގައި ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ކުރައްވާ، ޓްރަމްޕް ވަނީ މަޝްވަރާތައް ކެންސަލްކޮށްފައިވާކަމަށް ބުނެފަ އެވެ.

ނިމިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާނުގެ އިގްތިސާދީ ހާލަތާ ގުޅިގެން ފެށުނު މުޒާހަރާތަކަކީ 1979 ގެ އިސްލާމީ އިންގިލާބަށްފަހު އެ ގައުމުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،000 އަށްވުރެ މައްޗަށް އަރާފައެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު 12،000 އާ ގާތްކުރެއެވެ. އީރާނުގެ ރަސްމީ ޓީވީން ވެސް ވަނީ މަރުވެފައިވާ ގިނަ އަދަދެއްގެ މީހުންގެ ހަށިތައް ފެންނަ ވީޑިއޯތައް ދައްކާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *