އީރާނާ ދެކޮޅަށް "ނަފްސާނީ ހަނގުރާމައެއް" ފެށުމަށް އެމެރިކާގެ އަސްކަރިއްޔާއިން ޓްރަމްޕަށް ލަފާދީފި

އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އެ ގައުމާ ދެކޮޅަށް އެޅިދާނެ އަސްކަރީ އަދި ސިއްރު ފިޔަވަޅުތަކާ ބެހޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފިއެވެ.

ޕެންޓަގަންއިން ސީބީއެސް ނިއުސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޑިފެންސް ޑިޕާޓްމަންޓުން ވަނީ ރައީސް ޓްރަމްޕަށް ވަރުގަދަ އިޚްތިޔާރުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދުރު ރާސްތާގެ މިސައިލް ހަމަލާތަކާއި، ސައިބާ އޮޕަރޭޝަންތަކުގެ އިތުރުން ނަފްސާނީ ހަނގުރާމައިގެ އުކުޅުތައް ހިމެނެއެވެ. އަދި އީރާނުގެ ކޮމާންޑް އެންޑް ކޮމިއުނިކޭޝަން އޮނިގަނޑު ރޫޅާލުމަށް ކުރެވިދާނެ ކަންކަމަށްވެސް އަސްކަރީ މާހިރުން ދަނީ ބަލަމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރިޕޯޓްކުރާ ގޮތުގައި، ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 648 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ނުވަ ކުޑަކުދިންވެސް ހިމެނެއެވެ. އިގްތިސާދީ ހީނަރުކަމާއި ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ފެށުނު މި މުޒާހަރާތައް މިހާރު ވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޝަރުއިއްޔަތަށް ގޮންޖަހާ ވަރުގަދަ ހަރަކާތަކަށް ބަދަލުވެފައެވެ.

އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ތެހެރާނާއެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގާނެކަން ރައީސް ޓްރަމްޕް ވަނީ އިއުލާން ކުރައްވާފައެވެ. މީގެ ސަބަބުން އީރާނުގެ މައިގަނޑު ވިޔަފާރި ބައިވެރިން ކަމަށްވާ ޗައިނާ، ތުރުކީ އަދި ޔޫއޭއީއަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. މިހާރުވެސް ކާބޯތަކެތީގެ އަގު 70 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަރާނެއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވީ، އީރާނުން ބޭރުފުށުން ހަނގުރާމައަށް ތައްޔާރުކަމަށް ބުނި ނަމަވެސް، ސިއްރު މެސެޖުތަކުން އެނގެނީ އެ ގައުމުން މަޝްވަރާ ކުރަން ބޭނުންވާ މިންވަރު ކަމަށެވެ. ނަމަވެސް، ރައީސް ޓްރަމްޕް "އަސްކަރީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ" ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *