ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް “ޓޫ އޮފް އަސް” ރޫޅި، ބޭންޑުގެ އެތެރޭގެ މާލީ މައްސަލަތައް ފެންމަތިވުމާ ގުޅިގެން، ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން އެ ބޭންޑުގެ ލީޑަރު އަދުހަމްއާ އެކު ހަދާފައިވާ އެއްބަސްވުން ހާމަކުރުމަށް ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ.
މި މައްސަލަ ހޫނުވެފައިވަނީ ބޭންޑުގެ މެމްބަރުންނަށް ލިބެންޖެހޭ ފައިސާ ނުދިނުމާއި މާލީ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ ފަރާތްތަކުން ބުނަމުންދަނީ، ދައުލަތުގެ އިދާރާއަކުން އެމްބެސެޑަރުކަން ދީފައިވާ ފަރާތެއްގެ މައްޗަށް މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އެ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ. އަދި މި މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މިކަން ފެންމަތިވީ، ބޭންޑުގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ބޭންޑުން ވަކިވެ ނެރުނު ބަޔާނަކާ ގުޅިގެންނެވެ. ޝަހީދު ބުނި ގޮތުގައި އޭނާ ބޭންޑުން ވަކިވާން ޖެހުނީ މާލީ ކަންކަމުގައި ހާމަކަން ނެތުމާއި، އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުލިބޭތީއެވެ. އަދި ބޭންޑު ހިންގަމުން ދިޔައީ “ވަން މޭން ޝޯ” އެއްގެ ގޮތުގައި، އެންމެ މީހަކު ބޭނުންވާ ގޮތަށް ކަމަށް ވެސް އޭނާ ސިފަކުރިއެވެ.
މާލީ މައްސަލަތަކުގެ އިތުރުން، އަދުހަމްގެ ލަވަކިޔުމުގެ ހުނަރަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ލަވަކިޔާއިރު އަޑުގެ “ޕިޗް” ހިފެހެއްޓިފައި ނުވާ ކަމަށް ބުނެ، އެކަން ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އިންޑިއާގެ ރިއަލިޓީ ޝޯއަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ނަމަވެސް، ބޭންޑުގެ އެތެރޭގެ މަސްލަހަތު ގެއްލިފައިވާކަން ހާމަވެފައިވާއިރު، މީގެ ކުރިން ބޭންޑުގެ ލީޑް ވޯކަލިސްޓް ނަސޫހު ވެސް ވަނީ މެމްބަރުންގެ މެދުގައި އިހުތިރާމް ކުޑަވުމުގެ މައްސަލަތަކާ ހެދި ބޭންޑުން ވަކިވެފައެވެ.


