ދިއްގަރާއި ކުރެންދޫގެ އިތުރުން އޭދަފުއްޓާއި ނައިވާދޫން އަތޮޅު ތަށި ދިފާއުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މ. ދިއްގަރާއި ޅ. ކުރެންދޫގެ އިތުރުން ބ. އޭދަފުއްޓާއި ހދ. ނައިވާދޫން އަތޮޅު ތަށި ދިފާއުކޮށްފިއެވެ.

އިއްޔެ ހަވީރާއި ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޖުމުލަ ހަތް އަތޮޅު ފައިނަލެއް ކުޅެފައިވެއެވެ. ރޭ މ. އަތޮޅުގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ދިއްގަރާއި މަޑުއްވަރި ވާދަކުރި އިރު، އެ މެޗުން ދިއްގަރު މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދިއްގަރުގެ އިސްމާއީލް ޒަޔާން ސުލައިމާން ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ ހުސައިން ފާރިޝްއެވެ. މަޑުއްވަރީގެ ހަމައެކަނި ގޯލް ޖެހީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ތޮލާލް ނަސީރެވެ.

އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހީ ނާލާފުށީގެ އަހުމަދު ރަފާހެވެ.

މިއީ ދިއްގަރުން މ. އަތޮޅު ތަށި ހޯދި ހަވަނަ ފަހަރެވެ. އެޓީމުން ވަނީ މިހާތަނަށް 2016، 2018، 2019، 2023 ގެ އިތުރުން 2025 އާއި މިއަހަރުވެސް އަތޮޅު ތަށި ހޯދައިފައެވެ.

ކުރެންދޫން ޖެހިޖެހިގެން ހަތަރު ވަނަ އަތޮޅު ތަށި ހޯދީ ނައިފަރު ކައިރިން 2-1 އިން މޮޅުވެގެންނެވެ. އެ އަތޮޅު ފައިނަލުގައި ކުރެންދޫގެ ގޯލްތައް ޖަހައިދިނީ އަބްދުލް ވާހިދު އިބްރާހީމް (ވާޑު)ގެ އިތުރުން މުހައްމަދު ނަބީހެވެ. ނައިފަރުގެ ގޯލް ޖަހައިދިނީ މުހައްމަދު އިޒާން އަލީއެވެ.

ޅ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވާޑެވެ. އެންމެ ގިނަ ގޯލް ޖެހީ ނައިފަރުގެ ހުސައިން ފައިސަލްއެވެ.

ބ. އޭދަފުށިން މިހާތަނަށް ހަތް ފަހަރު ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، ރޭ މިއަހަރުގެ އަތޮޅު ތަށި ހޯދީ 2-0 އިން ދަރަވަންދޫ ބަލިކޮށްގެންނެވެ.

މެޗުގައި އޭދަފުށީގެ ގޯލްތައް ޖަހައިދިނީ ހުސައިން ޝަރީފް (މުޑާ) އާއި މުއާޒް އަލީއެވެ. އެ އަތޮޅުގެ ޓޮޕް ސްކޯރާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭދަފުށީގެ މުޑާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *