މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކުރީގެ ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދުގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް ދީފި އެވެ.
އެމްއެންޔޫއިން މިދިޔަ ހަފްތާގައި ބޭއްވި ސްޓާފް އެޕްރިސިއޭޝަން އެވޯޑުގައި ހަސަން ހަމީދަށް ދިނީ ލައިފްޓައިމް ޑިސްޓިންގުއިޝްޑް އެކްސެލެންސް އެވޯޑެެވެ.
ކްރިޓިކަލް ތިންކިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަސަން ހަމީދަށް އެ އެވޯޑު ލިބުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާގެ މަގާމު 2011 އިން ފެށިގެން 2015 އަށް ފުރުއްވި ހަސަން ހަމީދު ވަނީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.
އެގޮތުން ހަސަން ހަމީދު ވަނީ ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމު ފުރުއްވުމުގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ހަސަން ހަމީދަށް 2000 ވަނަ އަހަރު ތައުލީމަށް ހިދުމަތްކުރުމުގެ ދާއިރާއިން އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ދައުލަތުން ލިބިފައިވެ އެވެ.


