ޖަޕާނުގެ ބޮޑުވަޒީރު ދެވަނަ ދައުރެއް ކަށަވަރު ކުރައްވައިފި

ޖަޕާންގައި އައު ޕާލަމެންޓެއް އިންތިޚާބު ކުރުމަށް ބޭއްވި އާންމު އިންތިޚާބު އެ ގައުމުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ކޯލިޝަނުން ކާމިޔާބު ކޮށްފިއެވެ.

ޖަޕާނުގެ އިންތިޚާބާބެހޭ އިދާރާ ބުނާގޮތުން ތަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ކޯލިޝަނުން ވަނީ ޕާލަމެންޓްގެ 465 ގޮނޑީގެ ތެރެއިން 253 ގޮނޑި ކާމިޔާބުކޮށްފައެވެ. މި 253 ގޮނޑީގެ ތެރެއިން 20 ގޮނޑިއަކީ "އެލްޑީޕީ" އާއެކު ކޯލިޝަން ހަދާފައިވާ ޖަޕާން އިނޮވޭޝަން ޕާޓީ (އިޝިން) އިން ކާމިޔާބުކުރި 20 ގޮނޑިއެވެ.

އެހެންކަމުން ތަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ކޯލިޝަން މިވަނީ ޕާލަމެންޓްގައި ރަނގަޅު އަޣްލަބިއްޔަތެއް ހޯދާފައެވެ. ތަކައިޗީ އަކީ ޖަޕާނުގެ ކަނާތު ފިޔައިގެ ބޭފުޅެކެވެ.

އެ ކަމަނާއަކީ އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް އާ ފިކުރާއި ވިސްނުމުގެ ގޮތުން ވަރަށް އެއްގޮތް ބޭފުޅެކެވެ. ޓްރަމްޕް ވަނީ ތަކައިޗީގެ ކާމިޔާބާ ގުޅިގެން އެކަމަނާއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

ތަކައިޗީ އަކީ އަވަށްޓެރި ޗައިނާއާ މެދު ހަރުކަށި ނަޒަރަކުން ދެކިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަމަނާ ވަނީ ޗައިނާގައި ވަކިވެގަނެގެން އުޅޭ ސަރަހައްދެއްކަމަށްވާ ޓައިވާން ޗައިނާ އާ އެއްކޮށްލުމަށް ޗައިނާ ގެންގުޅޭ ސިޔާސަތަށް ދާދިފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި ޓައިވާން, ޗައިނާގެ ދަށަށް ގެނައުމަށްޓަކައި ޗައިނާ ބާރުގެ ބޭނުންކޮށްފިނަމަ ޓައިވާންގެ ދިފާއުގައި ޖަޕާން އެ މައްސަލައިގެ ތެރެއަށް އަސްކަރީ ގޮތުން ވަންނަން ޖެހިދާނެކަމަށް ވިދާޅުވެ ޗައިނާގެ ބޮޑުވަޒީރަކު މީގެ ކުރިން ދުވަހަކުވެސް ނުދެއްވާ ވަރުގެ ހަރުކަށި ބަޔާނެއް ތަކައިޗީ ވަނީ ދެއްވާފައެވެ.

މި މައްސަލާގައި ޗައިނާ ވަނީ ޖަޕާން އާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޖަޕާންގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ތަކައިޗީ ދެއްކެވި މި ވާހަކަފުޅާ ގުޅިގެން ޗައިނާއާއި ޖަޕާނުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *