އެމްޑީޕީ މުސްކުޅިވެ، ހަންޓޯޓާވެފައިވާ ލީޑަރސިޕަކާއެކު ހަފުސް ވަނީތަ؟!

އިންތިހާބެއް ބޯމަތިވަމުން އަންނައިރު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފޯރިގަދަވާނެއެވެ. އާރޯކަމާއި ޖޯޝާއި ފޯރީގައި މުޅި މެނޭޖްމަންޓާއި ގްރާސް ރޫޓް ހަރަކާތްތެރިވާން ފަށާނެއެވެ. ސޯޝަލް މީޑިއާގައި އެމީހުންގެ ހަރަކާތް އަވަސްވެފައި އަޑު ގަދަވާނެއެވެ. އެހެންނަމަވެސް މިހާރު އެކަން ބަދަލުވެއްޖެއެވެ. އެމްޑީޕީގެ ޖޯރު ދަށްވެއްޖެއެވެ. ޖޯޝް ގެއްލިއްޖެއެވެ. އާރޯކަން ކެނޑި މޯޅިވެއްޖެއެވެ. ކުރިން ހުންނަ ފޯރިއެއް މިހާރަކު ނެތެވެ. ހާއްސަކޮށް ގްރާސް ރޫޓުގެ ހަރަކާތްތެރިކަން ވަރަށް ދަށެވެ. މިކަމުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އެމްޑީޕީ "މުސްކުޅި" ވީހެއްޔެވެ؟

ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީ މުސްކުޅިވެ ޖޯރު ހިނގައްޖެއެވެ. ފޯރުކެނޑިއްޖެއެވެ. ދެން އެޕާޓީއަށް އާރޯކަމެއް ނުލިބޭނެއެވެ.
ފަލާހު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީ ބަލިކޮށްލާނީ ލަދުގަންނަ ފަދަ ނަތީޖާއާއަކުންނެވެ.

އެމްޑީޕީގެ ލީޑަރޝިޕު އިބްރާޙީމް މުޙައްމަދު ސޯލިހުގެ ދަށަށް ދިޔަ ފަހުން އެމްޑީޕީ ހަމަ ކުއްލިއަކަށް "ސްލޯވި"އެވެ. ސިޔާސީ މުހިއްމު ކަންކަމުގައި "ރިއެކްޓް ކުރުން ލަސްވި"އެވެ. އިބޫގެ ހިންގުމުގެ ސްޓައިލް ހަމަ ލަހީއެވެ. ބަރުހެލިއްޔެވެ. އޭގެ އަސަރު އެމްޑީޕީއަށް ވަރަށް ބޮޑަށް ކުރިއެވެ. މިއަދާ ހަމައަށް އެމްޑީޕީ އައިއިރު، އެ ޖޯރާއި ޖޯޝާއި ފޯރު ނެތިގެން ދިޔައީ އެމްޑީޕީގެ ލީޑަރޝިޕްގެ މުސްކުޅި ވިސްނުމާއި ހިންގުމުގެ ބަރު ސިޔާސަތުތަކެވެ. ގޮތް ދޫނުކުރުމާއި ވެރިކަމުގެ ބާރުތައް ހޯދުމަށް އަބަދުވެސް ގަދަ ހިފުމެއްގައި ތިބުމެވެ.

އިބޫއާ ހިޔާލު ތަފާތުވެގެން ރައީސް މުހައްމަދު ނަޝީދުއާއި އޭނާ ޓީމު އެމްޑީޕީ ދޫކޮށް "ރޫޅާލަން" ނުކުތް ހިސާބުން ވެސް އެމްޑީޕީގެ ދުވެލީގައި ވަނީ ވަރަށް ބޮޑަށް ބުރަކި ޖެހިފައެވެ. ޗެއާޕާސަން ފައްޔާޒު އިސްމާޢީލުގެ ހަމަ ރަނގަޅަށް އޮތީ ފެއިލްވެފައެވެ. އެމްޑީޕީ ކަހަލަ ވަރުގަދަ ޕާޓީއެއް ހިންގާކަށް ނޭނގުނެވެ.

ވަގުތީ ޗެއާޕާސަނަކަށް މަޖިލިސް މެންބަރު އަބްދުލްޣަފޫރު ލައިގެންވެސް އެމްޑީޕީއަށް ސްޕީޑެއް ނުނެގުނެވެ. ހަމައިސްކޮޅަށް ތެދުވެވޭ ގޮތެއް އަދި ނުވެއެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ހިންގުން ވަރުގަދަވެފައި، ޕާޓީގެ މެނޭޖްމަންޓާއި ގްރާސް ރޫޓުގެ ޖޯޝާއި ފޯރި އަދި ބަދަހިކަން ގަދަވެފައިވާލެއް ބޮޑުކަމުންނެވެ. އެކަމުގެ ހިޔަނި އެމްޑީޕީއަށް ވަނީ ވަރަށް ބޮޑަށް އެޅިފައެވެ.

މި ހިސާބު އުފެދޭ ސުވާލެއް އެބައޮތެވެ؛

އެމްޑީޕީ މުސްކުޅިވެ، ހަންޓޯޓާވެފައިވާ ލީޑަރސިޕަކާއެކު ހަފުސް ވަނީ ހެއްޔެވެ؟

ކުރިއަށް އޮތް އިންތިހާބުގެ ނަތީޖާއިން މި ސުވާލަށް ޖަވާބު ލިބިގެންދާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *