މާލޭގެ ދެ ގެއެއް ބަލައިފާސްކުރުމަށްފަހު 1،438 ކިލޯގެ ހުއިފިލަނޑާ ފުލުހުން އަތުލައިގަނެފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، 31 ޑިސެމްބަރު 2025 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، 29 ޑިސެމްބަރު 2025 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާކަމުގެ ތުހުމަތު ކަމަށެވެ.
ފުލުހުންގެ ތަޙުޤީޤަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނެއެވެ.
މި މައްސަލައިގެ ތަޙުޤީޤުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ޤަވާއިދުގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫންކަން ހާމަވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުން ވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދަޢުވާކޮށްފައިވާއިރު، މީގެ ބައެއް ތަކެއްޗަކީ މިހާރު ވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުޞަތު އޮތް ތަކެތިކަމަށްވުމުން، އެ ތަކެއްޗާ މެދު ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ ލަފައަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ފުލުހުން ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ ލަފާގައިވަނީ، ޕްރޮސިކިއުޓްކުރުމުގެ އިޖުރާޢަތު ޤަވާއިދުގެ 21 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަކެތި ޙަވާލުކުރެވޭނީ އޭގެ ޞައްޙަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ޚިލާފު އުފެދި، ޙަޤީޤީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ޤާނޫނީ ޙާލަތެއް މިވަގުތު ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން، މުދަލުގެ އަޞްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުޞޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަޙުޤީޤު ނުވަތަ ޝަރީއަތުގެ މަރުޙަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ޕީޖީން ވަނީ ލަފާދީފައެވެ. މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް އެ އޮފީހުން ވަނީ ލަފާދީފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި 26 ޖެނުއަރީ 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ޝަރީޢަތުން ނިންމަވާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ޅ)ގެ ތިންވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ޙާލަތެއް ނެތް ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފައިވާ ކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފައެވެ.


